ފެނިގެން ދިޔައީ ރައްޔިތުންގެ ހިތުގައި އޮތް ލޯތްބާއި ކުރާ އިތުބާރު: އާޒިމް

އެމްޑީޕީ ކެމްޕެއިން ނިންމާލުމުގެ ހިނގާލުމުގައި އާދަމް އާޒިމް ގައުމީ ދިދަ ހިފައިގެން-- ފޮޓޯ: އެމްޑީޕީ

މާލޭ ސިޓީގެ މޭޔަރުކަމުގެ އިންތިޚާބު އެމްޑީޕީގެ ކެންޑިޑޭޓް އާދަމް ޢާޒިމް ބޮޑު ތަފާތަކުން ކާމިޔާބު ކުރައްވައިފިއެވެ. އޭނާ މި އިންތިޚާބު ކާމިޔާބު ކުރެއްވީ ސަރުކާރު ހިންގާ ޕީއެންސީގެ ކެންޑިޑޭޓް މޫސާ އަލީ ޖަލީލާ ވާދަކުރައްވައި ގާތްގަނޑަކަށް ހަތަރުހާސް ފަސްސަތޭކައަށްވުރެ ގިނަ ވޯޓުގެ ތަފާތަކުންނެވެ. މީގެ އިތުރުން، ސިޓީ ކައުންސިލްގެ ގިނަ ގޮނޑިތަކެއްވެސް އެމްޑީޕީން ވަނީ ކާމިޔާބުކޮށްފައެވެ.

  • މާލޭގެ މޭޔަރުކަން އެމްޑީޕީގެ އާދަމް ޢާޒިމް ކާމިޔާބު ކުރެއްވުން.
  • ސަރުކާރު ކެންޑިޑޭޓާ ދެމެދު 4500 އަށްވުރެ ގިނަ ވޯޓުގެ ތަފާތެއް ހުރުން.
  • އެތެރޭގެ ޕްރައިމަރީގައިވެސް ބޮޑު ކާމިޔާބީއެއް ހޯއްދެވިކަން ފާހަގަކުރުން.
  • ކައުންސިލްގެ ގިނަ ގޮނޑިތައް އެމްޑީޕީން ކާމިޔާބު ކުރުން.

ސަރުކާރުގެ ކެންޑިޑޭޓާ ވާދަކުރައްވައި ބޮޑު ތަފާތަކުން މާލޭ ސިޓީގެ މޭޔަރުކަމުގެ ގޮނޑި ދިފާއު ކުރެއްވުމުން ފެނިގެން ދިޔައީ ރައްޔިތުންގެ ހިތުގައި އޮތް ލޯތްބާއި ކުރާ އިތުބާރު ކަމަށް، އިންތިޚާބު ކާމިޔާބު ކުރެއްވި އާދަމް ޢާޒިމް މިއަދު ވިދާޅުވެއްޖެއެވެ.

މިހާތަނަށް ލިބިފައިވާ ނަތީޖާތައް ދައްކާގޮތުން، އެމްޑީޕީގެ ކެންޑިޑޭޓް ޢާޒިމް ވަނީ 13،777 ވޯޓު ހޯއްދަވާފައެވެ. ސަރުކާރު ހިންގާ ޕީއެންސީގެ ފަރާތުން ވާދަކުރެއްވި ކެންޑިޑޭޓް މޫސާ އަލީ ޖަލީލަށް ލިބިވަޑައިގަތީ 9،246 ވޯޓެވެ. ސަރުކާރުން ވަރުގަދަ ކެމްޕެއިނެއް ކޮށްފައިވަނިކޮށް، އާޒިމް މި ގޮނޑި ކާމިޔާބު ކުރެއްވީ ގާތްގަނޑަކަށް 4،500 އަށްވުރެ ގިނަ ވޯޓުގެ ތަފާތަކުންނެވެ.

މޭޔަރުކަމުގެ އިންތިޚާބާ ހަމައަށް އާޒިމް ވަޑައިގަތީ އެމްޑީޕީގެ އެތެރޭގެ ވަރުގަދަ ޕްރައިމަރީއަކާ ކުރިމަތިލެއްވުމަށް ފަހުގައެވެ. އެ ޕްރައިމަރީގައި އޭނާއާ ވާދަކުރެއްވި އަލީ ޢާޒިމްގެ ފަހަތްޕުޅަށް ޕާޓީގެ އިސް ގިނަ ބޭފުޅުންތަކެއް އެރުއްވިއެވެ. އޭގެ ތެރޭގައި ކުރީގެ ރައީސް މުޙައްމަދު ނަޝީދާއި، ކުރީގެ ޗެއާޕާސަން މާރިޔާ އަޙްމަދު ދީދީ އަދި ފައްޔާޒު އިސްމާޢީލް ފަދަ ބޭފުޅުން ހިމެނިވަޑައިގަތެވެ. ނަމަވެސް، 1،000 އަށްވުރެ ގިނަ ވޯޓުގެ ތަފާތަކުން ޕްރައިމަރީ ކާމިޔާބު ކުރެއްވީ އާދަމް ޢާޒިމްއެވެ.

ޕްރައިމަރީއަށް ފަހުވެސް ޕާޓީގެ ބައެއް އިސް ބައެއް ބޭފުޅުންގެ ފަރާތުން ފުރިހަމަ ތާއީދު އާޒިމަށް ނުލިބުނު ކަމަށް އޭނާގެ ސަޕޯޓަރުން އަންނަނީ ސޯޝަލް މީޑިއާގައި ބުނަމުންނެވެ. އެގޮތުން ޕާޓީގެ ބައެއް ސީނިއާ ބޭފުޅުން އާޒިމް އެންޑޯޒް ކުރެއްވުމަށް ފަސްޖެހިވަޑައިގަތްކަން އެ ސަޕޯޓަރުން ފާހަގަ ކުރެއެވެ. ބައެއް އިސް ބޭފުޅުން ވަކިވަކި ކައުންސިލް ކެންޑިޑޭޓުންނަށް ތާއީދުކޮށް ވީޑިއޯ މެސެޖުތައް ދެއްވިއިރުވެސް، މޭޔަރު ކެންޑިޑޭޓަށް އެ އެކަމެއް ނުކުރައްވާކަން އެ މީހުން ފާހަގަ ކުރިއެވެ.

ނަމަވެސް، މޭޔަރު ކަމުގެ ކެމްޕެއިންގައި ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙާއި، ޕާޓީގެ ރައީސް ޢަބްދުﷲ ޝާހިދުގެ އިތުރުން ކުރީގެ ނައިބު ރައީސް ފައިޞަލް ނަސީމް ވަނީ އާޒިމްއާއެކު ޑޯޓުޑޯ ހަރަކާތްތަކުގައި އުޅުއްވާފައެވެ.

އާޒިމް ފާހަގަކުރެއްވި ގޮތުގައި މިއީ ހަމައެކަނި އިންތިޚާބީ ކާމިޔާބީއެއް ނޫނެވެ. މިއީ އާންމު ރައްޔިތުންގެ ވިންދާ އެއްގޮތަށް މަސައްކަތްކުރުމުން ލިބޭނެ ނަތީޖާގެ ނަމޫނާއެއް ކަމަށް އޭނާ ވިދާޅުވިއެވެ.

މިހާތަނަށް ލިބިފައިވާ ނަތީޖާތަކަށް ބަލާއިރު މޭޔަރު ކަމުގެ އިތުރުން ކުރިން ޕީއެންސީގެ މެޖޯރިޓީއޮތް ކައުންސިލްގެ އެއް ގޮނޑި ފިޔަވާ އެހެން ހުރިހާ ގޮނޑިއެއް އެމްޑީޕީން ވަނީ ކާމިޔާބު ކޮށްފައެވެ. އަދި އަންހެނުން ކޮމެޓީގެ ރައީސާ ކަމުގެ މަގާމާއި އެ ކޮމެޓީގެ ވެސް އެއް ގޮނޑި ފިޔަވާ އެހެން ހުރިހާ ގޮނޑިއެއް ކާމިޔާބު ކުރީ އެމްޑީޕީންނެވެ.

comment ކޮމެންޓް