އޯޕެކް+ އިން ތެޔޮ އުފައްދާ މިންވަރު އިތުރު ކުރަން ނިންމައިފި

ފިއުލް އޮއިލް އާއި އޮޓޯމޯޓިވް ފިއުލް ވިއްކާ މާރުކޭޓެެއް. އޯޕެލް+ އިން ވަނީ ތެޔޮ އުފައްދާ މިންވަރު އިތުރު ކުރަން ނިންމާފައި. ފޮޓޯ/ގެޓީ

އެމެރިކާއާއި އިސްރާއީލުން އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގެ ސަބަބުންނާއި ހުރްމޮޒް ކަނޑުއޮޅިން ދަތުރުކުރުމަށް ހުރަސްއެޅުމުގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތެލުގެ ސަޕްލައި ވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފައެވެ. މިކަމާ ގުޅިގެން ތެލުގެ އަގު އުފުލިފައިވާއިރު، އޯޕެކް ޕްލަސް އިން ވަނީ އަންނަ މެއި މަހަށް ދުވާލަކު 206000 ފީފާގެ ތެޔޮ އިތުރަށް އުފެއްދުމަށް ނިންމާފައެވެ.

  • މެއި މަހު ދުވާލަކު 206000 ފީފާގެ ތެޔޮ އުފެއްދުމަށް އޯޕެކް ޕްލަސް އިން ނިންމުން
  • ހުރްމޮޒް ކަނޑުއޮޅި ބަންދުކުރުމުގެ ސަބަބުން ތެޔޮ އެކްސްޕޯޓްކުރާ މިންވަރު ދަށްވުން
  • ތެލުގެ އަގު 120 ޑޮލަރަށް އުފުލި، 150 ޑޮލަރަށް އެރުމުގެ ފުރުސަތު އޮތުން
  • ކަނޑުއޮޅި ނުހުޅުވައިފިނަމަ އީރާނަށް ހަމަލާދޭނެކަމުގެ އިންޒާރު އެމެރިކާއިން ދިނުން

ދަ އޮގަނައިޒޭޝަން އޮފް ދަ ޕެޓްރޯލިއަމް އެކްސްޕޯޓިން ކަންޓްރީޒް (އޯޕެކް+) އިން އަންނަ މެއި މަހަށް ދުވާލަކު 206،000 ފީފާގެ ތެޔޮ އުފައްދަން ނިންމައިފިއެވެ.

އޯޕެކުން އެގޮތަށް ނިންމީ އެމެރިކާއާއި އިސްރާއީލުން އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގެ ސަބަބުން އެ ޖަމިއްޔާގެ ބައެއް މެމްބަރު ގައުމަތަކުގެ އުފެއްދުންތެރިކަން އިތުރު ނުކުރެވޭތީއެވެ.

ހަމަލާތަކުގެ ރައްދުގައި ދުނިޔޭގެ ބާޒާރަށް ފަސްބައިކުޅަ އެއްބައި ތެޔޮ އުފުލާ، މުހިންމު ހުރްމޮޒް ކަނޑުއޮޅިން އުޅަނދުތައް ދަތުރުުކުރުން އީރާނުން ހުރަސްއަޅާފައިވާތީ، އޯޕެކް+ ގެ މެމްބަރު ގައުުމުތައް ކަމަށްވާ، ސައުދީ އަރަބިއްޔާ، ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)، ކުވައިތު އަދި އިރާގުގެ ތެލުގެ އެކްސްޕޯޓް ވަނީ މަދުވެފައެވެ.

ސައުދީ އަރަބިއްޔާ، ރަޝިޔާ، އިރާގު، ޔޫއޭއީ، ކުވައިތު، ކަޒަކިސްތާން، އަލްޖީރިއާ، އަދި އޮމާން ހިމެނޭ ގޮތަށް އޯޕެކް+ގެ އަށް މެމްބަރު ގައުމުން ވަނީ މެއި މަހުގެ ކޯޓާ އިތުރު ކުރުމަށް އެއްބަސްވެފައެވެ.

"ގައުމުތަކުން މާކެޓްގެ ހާލަތު ގާތުން މޮނިޓާކޮށް އެސެސް ކުރަމުން ގެންދާނެ، އަދި މާކެޓް ސްޓެބިލިޓީއަށް އެހީތެރިވުމަށް މެދުނުކެނޑި މަސައްކަތް ކުރަމުން ގެންދާނެ." އޯޕެކް+ އިން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.

"ހަނގުރާމައިގެ އިންފްރާސްޓްރަކްޗާއަށް ދޭ ހަމަލާތަކާ ގުޅޭ ގޮތުން އަށް ގައުމުން ކަންބޮޑުވުން ފާޅުކުރި، ހަލާކުވެފައިވާ ހަކަތަގެ އެސެޓްތައް ފުރިހަމަ ކެޕޭސިޓީއަށް ގެނައުމަކީ ޚަރަދު ބޮޑު ކަމެއް ވެސް އަދި ގިނަ ވަގުތު ނަގާ ކަމެއްކަން ފާހަގަކޮށް،" ޖުމްލަ ސަޕްލައި ލިބޭ މިންވަރަށް އަސަރުކުރާކަން ފާހަގަކޮށްފައިވޭ." އެ ބަޔާނުގައި އިތުރަށް ބުނެފައިވެއެވެ.

ހަނގުރާމަ ފެށުނު ފަހުން ސާފުނުކުރާ ތެލުގެ އަގު ފާއިތުވެދިޔަ ހަތަރު އަހަރު ދުވަހުގެ ތެރޭގައިވެސް މަތި ނުވާ ވަރަށް މަތިވެ، ފީފާއެއްގެ އަގު 120 ޑޮލަރާ ގާތްގަކުރިއެވެ. އޭގެ ސަބަބުން ދަތުރު ފަތުރުގެ އަގު ވަނީ ބޮޑުވެފައެވެ.

އަދި މެއި މަހުގެ މެދުތެރެއާ ހަމައަށް ކަނޑުއޮޅި ބަންދުކޮށްފައި އޮވެއްޖެނަމަ، ތެލުގެ އަގު 150 ޑޮލަރަށް އުފުލޭނެ ކަމަށް، އެމެރިކާގެ ބޭންކިން ކުންފުނި، ޖޭޕީމޯގަން އިން ބުނެފައިވެއެވެ.

ހަނގުރާމައިގެ ތެރޭގައި ރެކޯޑް ކުރެވިފައިވާ ތެލުގެ ސަޕްލައި މެދުކެނޑުމުގެ ސަބަބުން ދުވާލަކު 12 އާއި 15 މިލިއަން ފީފާގެ ތެޔޮ ނުވަތަ ދުނިޔޭގެ ސަޕްލައިގެ 15 ޕަސެންްޓް އުފެއްދުން ވަނީ ހުއްޓިފައެވެ.

ކަނޑުއޮޅިން އުޅަނދުތައް ދަތުރުކުރުން އާންމުކޮށް ހުރަސް އަޅާފައި އޮތް ނަަމަވެސް ބައެއް އުޅަނދުތައް ހުރަސްކުރުމުގެ ހުއްދަ އީރާނުން ވަނީ ދީފައެވެ. އެގޮތުން ހުރަސް ކުރަން އެންމެ ފަހުން ހުއްދަ ދީފައި ވަނީ އިރާގުގެ ބޯޓުތަކަށެވެ.

ކަނޑުއޮޅިން އުޅަނދުތައް ރައްކާތެރިކަމާއެކު ދަތުރުކުރެވޭނެ ގޮތްތަކާ ބެހޭގޮތުން އޮމާންގެ ޚާރިޖީ ވުޒާރާއިން އީރާނާއެކު މަޝްވަރާތައް ބާއްވަމުން އޮމާންގެ ޚާރިޖީ ވުޒާރާއިން އިއްޔެ ވަނީ ބުނެފައެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ހޯމަ ދުވަހުގެ ނިޔަލަށް ކަނޑުއޮޅި އަލުން ނުހުޅުވައިފިނަމަ ހަމަލާތައް އިތުރުކޮށް، ބްރިޖްތަކާއި އިންޖީނުގެތައް ހިމެނޭ ގޮތަށް އީރާނުގެ މަދަނީ ވަސީލަތްތަކަށް ހަމަލާދޭނެ ކަމުގެ އިންޒާރު ދެއްވާފައެވެ.

comment ކޮމެންޓް