ދ. ހުޅުދެލީގައި މީގެ ކުރިން ނުދެކޭ ފަދަ ފުރިހަމަ ފުޓުބޯޅަ ދަނޑެއް، އެމްޑީއޭގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެންބަރު އަޙްމަދު ސިޔާމް މުޙައްމަދުގެ އަމިއްލަފުޅު ޚަރަދުގައި ބިނާކޮށްދެއްވައި އިއްޔެ ރަސްމީކޮށް ހުޅުވައިދެއްވައިފިއެވެ.
މި ދަނޑު ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ސިޔާމް ވިދާޅުވީ، ކުޅިވަރު ކުޅުމަކީ ނުބައިކަންކަމުން ޒުވާނުން ދުރުކުރުވުމަށް ބޭނުންކުރެވޭނެ އެންމެ ބޮޑު ހަތިޔާރު ކަމަށެވެ. އަދި ކުޅިވަރުގެ ސަބަބުން ފުރިހަމަ ސިއްހަތަކާއި ރަނގަޅު ތަރުބިއްޔަތެއް ލިބި، މުޖުތަމައުގައި އަބުރުވެރިކަމާއެކު އުޅުމަށް މަގުފަހިވާނެ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
28 މިލިއަން ރުފިޔާ ޚަރަދުކުރައްވައި ހުޅުދެލީގައި ތަރައްގީކުރި ފުޓުބޯޅަ ދަނޑު ސިޔާމް ހުޅުވައިދެއްވުމަށްފަހު މެޗެއް ކުޅުއްވަނީ -- ސަން ފޮޓޯ
ސިޔާމް ވިދާޅުވި ގޮތުގައި މި ދަނޑަކީ ޒުވާނުންގެ މުސްތަގްބަލް ބިނާކުރުމަށް އެޅުނު ވަރުގަދަ ބިންގަލެކެވެ.
މިއީ 28 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ތަރައްގީކުރި ދަނޑެއްކަމަށާއި މި މަޝްރޫއުގެ ތެރެއިން ރަށުގެ ނެރުގެ މަސައްކަތަށް ވެލިނެގުމަށް 10 މިލިއަން ރުފިޔާ ހޭދަވިކަމަށް ވެސް ވިދާޅުވިއެވެ. ޖުމްލަ ބަލާނަމަ މިއީ ރަށުގެ ކޮންމެ ބޮލަކަށް 20،000 ރުފިޔާގެ އިންވެސްޓްމަންޓެއްކަމަށް ސިޔާމް ވިދާޅުވިއެވެ.
އެމަނިކުފާނު އިތުރަށް ވިދާޅުވީ، މިފަދަ ބޮޑު ޚަރަދެއް ކުރެއްވީ އެއްވެސް ސިޔާސީ ކުލަޔަކަށް ބެލުމެއް ނެތި، ހުރިހާ ރައްޔިތުންނަށް އޯގާތެރިވުމުގެ ވިސްނުންފުޅުގެ ދަށުން ކަމަށެވެ.

ދ. ހުޅުދެލީގައި ތަރައްގީކުރި ފުޓުބޯޅަ ދަނޑު --
މީގެ އިތުރުން ރާއްޖޭގެ ކުޅިވަރު ދަނޑުތަކުގެ ހާލަތަށް އަލިއަޅުއްވައިލައްވައި، ރާއްޖޭގެ ގިނަ ފުޓުބޯޅަ ދަނޑުތައް ނުބެލެހެއްޓުމުގެ ސަބަބުން ހަލާކުވެ، އެކަށީގެންވާ ފައިދާ ނުލިބޭކަން ސިޔާމް ފާހަގަކުރެއްވިއެވެ. އެހެންކަމުން، މި ދަނޑަކީ ރަނގަޅަށް ބަލަހައްޓައި، ފައިދާކުރަނިވި އިންވެސްޓްމަންޓަކަށް ހެދުމަށް އެމަނިކުފާނު އިލްތިމާސްކުރެއްވިއެވެ.
28 މިލިއަން ރުފިޔާ ޚަރަދުކުރައްވައި ހުޅުދެލީގައި ތަރައްގީކުރި ފުޓުބޯޅަ ދަނޑު ސިޔާމް ހުޅުވައިދެއްވުމަށްފަހު މެޗެއް ކުޅުއްވަނީ -- ސަން ފޮޓޯ
ކުޅިވަރުގެ ދާއިރާ މިހާރު އޮތީ ވަރަށް ބޮޑަށް ވަޅުޖެހިފައިކަން ފާހަގަކުރައްވަމުން ސިޔާމް ވިދާޅުވީ، ކުޅިވަރަށް ދޭ އަހަންމިއްޔަތުކަން މިއަށްވުރެ އިތުރުކުރަން ޖެހޭ ކަމަށެވެ. އަދި މި ދަނޑުގެ ސަބަބުން ހުޅުދެލިން ގައުމީ ފެންވަރުގެ މޮޅު ކުޅުންތެރިން އުފެދުމަކީ އެމަނިކުފާނުގެ ވަރަށް ބޮޑު އުންމީދެއް ކަމަށް ވިދާޅުވިއެވެ.
ދަނޑު ހުޅުވުމުގެ ރަސްމިއްޔާތަށްފަހު، އެ ދަނޑުގައި ޚާއްސަ ފުޓުބޯޅަ މެޗެއް ވަނީ ކުޅެފައެވެ. މި މެޗުގައި ސިޔާމް ވެސް ބައިވެރިވެވަޑައިގެން ކުޅުއްވާފައިވާއިރު، މުޅި ދަނޑުން ފެނިގެންދިޔައީ ވަރަށް ވާދަވެރި އަދި އުފާވެރި މާހައުލެކެވެ. މީގެ އިތުރުން، ރަށުގެ ޒުވާން އަންހެން ކަނބަލުން ހުށަހަޅައިދިން ފޯރިގަދަ ނެށުމުގެ އައިޓަމަކުން މި ހަފްލާ އިތުރަށް ފުރިހަމަވެގެން ދިޔައެވެ.