މާލޭގައި ފެށި ފަދަ ޓެކްސީ ލައިނެއް މި އަހަރުތެރޭ އައްޑޫ ސިޓީގައި ސަރުކާރުން ތައާރަފުކުރާނެ ކަމަށް، ޓްރާންސްޕޯޓް މިނިސްޓަރު މުޙައްމަދު އަމީން މިރޭ ވިދާޅުވެއްޖެއެވެ.
މާލޭ ޓެކްސީ ލައިންގެ ޚިދުމަތް ފެށުމަށް ހުޅުމާލޭ ސެންޓްރަލް ޕާކުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އަމީން ވިދާޅުވީ، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އިރުޝާދުގެ ދަށުން އައްޑޫގައި މި އަހަރުތެރޭ ޓެކްސީ ލައިންގެ ޚިދުމަތް، މާލޭގައިވެސް ފެށި ގޮތަށް ތައާރަފުކުރާނެ ކަމަށެވެ.
އައްޑޫ ރައްޔިތުން ވެސް ތިބީ ޓެކްސީ ލައިންގެ ޚިދުމަތަށް ބޭނުންވެފައި ކަމަށާއި، އެހެންވެ، ސަރުކާރުން އެ މަސައްކަތްކުރަމުން އަންނަ ކަމަށް، އަމީން ވިދާޅުވިއެވެ.
"އިރާދަކުރެއްވިއްޔާ މާލޭގައި މިރޭ މި އިފްތިތާހުކުރެވުނު ފެންވަރުގައި މިކަހަލަ، ހަމަ މި ފެންވަރުގައި މިގޮތަށް އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް މި އަހަރު ތެރޭގަ އައްޑޫ ސިޓީގަ ޓެކްސީގެ ޚިދުމަތް ގާއިމުވެގެން ދާނެ،" އޭނާ ވިދާޅުވިއެވެ.
އަމީން ވިދާޅުވީ، މާލޭ ޓެކްސީ ލައިންގައި ޓެކްސީގެ ދަތުރުތައް މޮނިޓާކުރެވޭނެ ގޮތުގެ ނިޒާމެއް ގާއިމްކުރެވިފައިވާނެ ކަމަށާއި، މި ޚިދުމަތް ރައްޔިތުންނަށް ދޭނީ ޓްރާންސްޕޯޓް މިނިސްޓްރީން ކަނޑައަޅައިފައިވާ އަގުތަކުގައި، މެދުކެނޑުމެއްނެތި މޮބައިލް އެޕެއް މެދުވެރިކޮށް ޚިދުމަތް ދެވޭނެ ކަމަށެވެ.
ތިލަމާލެ ބްރިޖުން މާލެއާއި ވިލިމާލެއާއި ގުޅީފަޅު ގުޅާލެވުމުން، މި ޚިދުމަތް އިތުރަށް ފުޅާވެގެން ދާނެ ކަމަށްވެސް، އޭނާ ވިދާޅުވިއެވެ.
"ޓެކްސީ ޑްރައިވަރުންނާއި، އަދި ޓެކްސީގެ ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކާއި، ޓެކްސީ ސެންޓަރުތަކަކީ ވަރަށް މުހިއްމު ޚިދުމަތްތަކެއް ފޯރުކޮށްދެއްވާ ފަރާތްތަކެއް، އަމިއްލަ ފަރާތްތަކުން މިހާރުވެސް އޮޕަރޭޓްކުރައްވާ ޓެކްސީ ސެންޓަރުތަކުން މިހާރެކޭ އެއްފަދައިން ޚިދުމަތްތައް ކުރިއަށް ގެންދިއުމަށް އެއްވެސް ހުރަހެއް ނޯންނާނެކަން ޔަގީންކުރަން،" އަމީން ވިދާޅުވިއެވެ.
ސަރުކާރުން މިރޭ ތައާރަފްކުރި މި ޚިދުމަތުގައި ބޭނުންކުރާނީ ތިމާވެއްޓާއި ރައްޓެހި، ސައްތައިން ސައްތަ އިލެކްޓްރިކް ވެހިކަލް ހިމެނޭ ޓެކްސީތަކެވެ.
މިރޭ ތައާރަފްކުރި މާލެ ޓެކްސީ ލައިންގެ ޚިދުމަތުގައި މާލޭގެ ހަނި މަގުތަކުގައި ދުއްވޭނެ ކާރުތަކުގެ އިތުރުން، މާލެއާއި ހުޅުމާލެއާ ދެމެދު ދަތުރުކުރާނެ ސައިޒުތަކުގެ ކާރުތައް ވަނީ ގެނެސްފައެވެ.
އެގޮތުން މި ޓެކްސީ ލައިންގައި ބޭނުންކުރާނީ:
- ޗަންގަން އޮޓޯމޮބައިލް، އެސް.ސުމެއް.ފަހެއް - 60 ކާރު
- ޗަންގަން އޮޓޯމޮބައިލް، ލުމިން އަދި އެސް.ސުމެއް.ހަތެއް - 90 ކާރު
އެގޮތުން 24 ގަޑިއިރު ޚިދުމަތް ދޭ ގޮތަށް ތައާރަފުކުރެވޭ މި ޓެކްސީ ޚިދުމަތް ދިނުމަށް އެކަމަށް ޚާއްސަ އެޕްލިކޭޝަނެއް އޮންނާނެ ކަމަށާއި އެ އެޕް މެދުވެރިކޮށް ޓެކްސީގެ ޚިދުމަތް ހޯދާ ފަރާތުގެ ލޮކޭޝަނާއި އެންމެ ގާތުގައިވާ ޓެކްސީ އެނގޭނެ ކަމަށް އެމްޓީސީސީން މީގެ ކުރިން ބުނެފައިވެއެވެ.
އެމްޓީސީސީން އިތުރަށް ބުނީ ކަސްޓަމަރުންނަށް ދަތުރުކުރުމުގައާއި، އެޕް ބޭނުންކުރުމުގައި އަދި ދިމާވާ އެހެނިހެން ހާލަތްތަކުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް ޚާއްސަ ހޮޓްލައިން ނަންބަރު، 1655 ގާއިމުކޮށްފައިވާނެ ކަމަށެވެ.