ނައުއްޓެގެ މަރު: ފައިހްއާއި ޝިރުހާންގެ މައްޗަށް ކުށް ސާބިތެއް ނުވި

ފައިހް އަދި ޝިރުހާން ޝަރިއަތުގެ މަޖިލީހުގައި

2023 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 24 ވަނަ ދުވަހުގެ ރޭ މާފަންނު މުރަނގަމަގުގައި ހުންނަ ކްރާސާ ފިހާރައިގެ ތެރޭގައި މުހައްމަދު އަހުމަދު ދީދީއަށް ތޫނު އެއްޗަކުން ހަމަލާދީ މަރާލި މައްސަލައިގައި ދައުވާ އުފުލުނު ދެ މީހުންގެ މައްޗަށް ކުށް ސާބިތުނުވާކަމަށް ކްރިމިނަލް ކޯޓުން ވަނީ ނިންމާފައެވެ. މި މައްސަލައިގައި ދައުލަތުން ދައުވާކޮށްފައިވަނީ އިބްރާހީމް ފައިހް ނިޒާމް އަދި ޝިރުހާން އަލީގެ މައްޗަށެވެ. މައްސަލައިގެ ތަފްސީލީ ރިޕޯޓު ކޯޓުން އަދި އާންމުކޮށްފައި ނުވާއިރު، ދައުވާ ލިބުނު ދެ މީހުންވެސް ވަނީ ފުރަތަމަ ދުވަހުން ފެށިގެން ކުށަށް އިންކާރުކޮށްފައެވެ.

  • މުހައްމަދު އަހުމަދު ދީދީ މަރާލި މައްސަލައިގައި ދައުވާލިބުނު ދެމީހުންގެ މައްޗަށް ކުށް ސާބިތެއް ނުވި.
  • ކުށް ސާބިތުނުވާކަމަށް ނިންމީ އިބްރާހީމް ފައިހް ނިޒާމް އަދި ޝިރުހާން އަލީގެ މައްޗަށް.
  • ހަމަލާދީފައިވަނީ 2023 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 24 ވަނަ ދުވަހުގެ ރޭ ކްރާސާ ފިހާރަ ތެރޭގައި.
  • ކްރިމިނަލް ކޯޓުން މައްސަލަ ނިންމި ގޮތުގެ ތަފްސީލީ ރިޕޯޓު އަދި އާންމެއް ނުކުރޭ.

މާފަންނު މުރަނގަ މަގުގައި ހުރި، 'ކްރާސާ' ފިހާރަ ތެރެއަށް ބަޔަކު ވަދެ ވަޅިން ހަމަލާދީ މީހަކު މަރާލި މައްސަލައިގައި ދައުލަތުން ދައުވާ ކުރި، ދެ މީހުންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން މިއަދު ކަނޑައަޅައިފިއެވެ.

މިއީ، 2023 ވަނަ އަހަރުގެ ފެބްރުއަރީ މަހު 24 ވަނަ ދުވަހުގެ ރޭ 9:28 އެހާކަންހާއިރު މާފަންނު މުރަނގަމަގުގައި ހުންނަ 'ކްރާސާ' ފިހާރަ ތެރެއަށް ބަޔަކު މީހުންވަދެ އެ ފިހާރަ ތެރޭގައި ހުރި މުހައްމަދު އަހްމަދު ދީދީ، 30، އަށް ތޫނު ހަތިޔާރަކުން ހަމަލާދީ މަރާލި މައްސަލައެވެ.

މުހައްމަދު އަހްމަދު ދީދީ މަރުވީ، އައިޖީއެމްއެޗްގައި ފަރުވާދެމުން ދަނިކޮށް ހަމަލާ ދިންތާ ތިން ދުވަސް ފަހުން 27 ފެބްރުއަރީގަ އެވެ.

މި މައްސަލައިގައި ދައުލަތުން ދައުވާކޮށްފައިވަނީ އިބްރާހީމް ފައިހް ނިޒާމު، ސ. މަރަދޫފޭދޫ / ރަށްދެބައިގެ އަދި، ސިރުހާން އަލީ، ތ. ގާދިއްފުށި / ގުލޭނޫރައްމާގެ މައްޗަށެވެ.

ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ މި ދައުވާ މިއަދު، ކްރިމިނަލް ކޯޓުން ނިންމީ ސާބިތުނުވާ ކަމަށެވެ.

މި މައްސަލަ ނިންމި ގޮތުގެ ރިޕޯޓް، ކްރިމިނަލް ކޯޓުން އަދި އާއްމުކޮށްފައި ނުވާތީ މައްސަލައިގެ ނިންމުމަށް ވާސިލްވީ ސަބަބުތަކުގެ ތަފްސީލެއް އަދި ލިބިފައެއް ނުވެއެވެ. އެކަމަކު، މައްސަލަ ފެށުނު އިރުގެ ރިޕޯޓްތައް ބުނާ ގޮތުން ދައުވާ ލިބުނު ދެ މީހުން ވެސްވަނީ ކުށަށް އިންކާރުކޮށްފައެވެ.

މި މައްސަލާގައި ހިމެނޭ ފައިހް ނިޒާމް ހައްޔަރުކުރީ ފައިހް ފޮރުވައިގެން އުޅުނު ކަމުގެ ތުހުމަތުގައި ފަސް މީހަކު ހައްޔަރުކުރި ފަހުން، އޭނާ އަމިއްލައަށް ފުލުހުންނާ ހަވާލުވުމުންނެވެ.

comment ކޮމެންޓް