އުސޫލުން ބޭރުން ޕާކިން ސްލޮޓު ކުއްޔަކަށް ނުދެން، ދޮގުހަދަންޏާ ފިޔަވަޅު އަޅާނަން: އެޗްޑީސީ

އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ޒުހައިރާއި އިސްވެރިން -- ފޮޓޯ: އެޗްޑީސީ

ހުޅުމާލޭގައި އެޗްޑީސީން ތަރައްޤީކޮށްފައިވާ ޕޮކެޓް ޕާކިން ސްލޮޓްތައް އުސޫލުން ބޭރުން ބޮޑު އަގުގައި ވަކި ބަޔަކަށް ދޫކުރާކަމަށް ބުނެ ސޯޝަލް މީޑިއާގައި ފަތުރަމުންދާ ވާހަކަތައް އެ ކުންފުނިން ދޮގުކޮށްފިއެވެ. އެޗްޑީސީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ޖާގަތައް ދޫކުރުމަށް ފުރުސަތު ހުޅުވާލައި، ކުރިމަތިލި ފަރާތްތައް އިވެލުއޭޓްކުރުމަށްފަހު ޝަރުތުހަމަވާ ފަރާތްތަކުގެ ލިސްޓުވެސް އާންމުކޮށްފައިވާނެކަމަށެވެ. އަދި ހާމަކަންބޮޑު ގޮތެއްގައި މި މަސައްކަތް ކުރިއަށްދަނިކޮށް ދޮގު މައުލޫމާތު ފަތުރާނަމަ ކަމާބެހޭ އިދާރާތަކަށް މައްސަލަ ހުށަހަޅާނެކަމުގެ އިންޒާރުވެސް ވަނީ ދީފައެވެ.

  • އުސޫލުން ބޭރުން ޕާކިން ސްލޮޓް ދޫކުރާކަމަށް ފަތުރާ ވާހަކަތައް ދޮގުކުރުން
  • ޕާކިން ޖާގަތަކަށް ޝަރުތުހަމަވި މީހުންގެ ލިސްޓު ވަނީ އާންމުކޮށްފައި
  • ދޮގު ވާހަކަ ފަތުރާ ފަރާތްތަކާމެދު ގާނޫނީ ފިޔަވަޅު އަޅާނެކަމުގެ އިންޒާރު ދިނުން
  • މި ޕާކިން ސްލޮޓްތަކުގެ މަހު ކުއްޔަކީ ދެހާސް ރުފިޔާ

ހުޅުމާލެއިން ދޫކުރަން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން ކަނޑައަޅާފައިވާ ޕޮކެޓް ޕާކިންތައް ވަކި ބަޔަކަށް ނާޖާއިޒް މަންފާވާހެން ދޫކުރާކަމަށް ބުނެ ފަތުރަމުން އަންނަ ވާހަކަތައް އެ ކުންފުނިން މިއަދު ދޮގުކޮށްފިއެވެ.

އުސޫލުން ބޭރުން ބޮޑު އަގުގައި އެޗްޑީސީން ހުޅުމާލޭގެ އެކި ސަރަހައްދުތަކުން އެތައް ސަތޭކަ ޕާކިން ސްލޮޓް ކުއްޔަށް ދެމުން އަންނަކަމަށް ބުނެ ސޯޝަލް މީޑިއާގައި އަންނަނީ ތުހުމަތުތަކެއް ކުރަމުންނެވެ.

މި ކަމާ ގުޅިގެން އެޗްޑީސީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ޕާކިސް ސްލޮޓް ކުއްޔަށް ދޫކުރުމަށް މީގެ ކުރިން އާންމުކޮށް އިއުލާނުކޮށްފައިވާ ކަމަށެވެ. އެ ފުރުސަތުގައި ގިނަ ބަޔަކު ކުރިމަތިލިއިރު އެ ފަރާތްތައް އިވެލުއޭޓްކޮށް ޝަރުތުހަމަވި އެންމެންގެ ލިސްޓު ހާމަކުރިކަމަށް ވެސް ބުންޏެވެ.

https://sun.mv/214817

އަދި އެ ފަދަ ހާމަކަން ބޮޑު ގޮތެއްގައި އެ މަސައްކަތް ކުރަމުން ދަނިކޮށް ހަގީގަތް އޮޅުވައިލުމަކީ ވަރަށް ބޮޑު ކަންބޮޑުވުމެއްކަމަށް ވެސް އެޗްޑީސީން ބުންޏެވެ. އަދި އެ ކަން ހަރުކަށި އިބާރާތުން ކުށްވެރިކުރާކަމަށް ވެސް ބުންޏެވެ. އެޗްޑީސީން ވަނީ އެ ކޯޕަރޭޝަނާ ބެހޭ ގޮތުން ދޮގު ފަތުރާނަމަ ކަމާބެހޭ ފަރާތްތަކަށް މައްސަލަ ހުށަހަޅާނެކަމަށް ބުނެ އިންޒާރު ވެސް ދީފައެވެ.

އެޗްޑީސީން އެ ޕާކިން ޒޯންތައް ދޫކުރަން އިއުލާން ކުރީ މިދިޔަ އަހަރުގެ ސެޕްޓެންބަރު މަހުގެ 27ގައެވެ. އެ ޕާކިން ޖާގަތަކަށް އެދި ފޯމު ހުށަހެޅުމުގެ ފުރުސަތު ހަމަވެފައިވާއިރު، އެ ޖާގަތައް ކުއްޔަށް ދޭން ނިންމައިފައިވަނީ އެއް އަހަރަށެވެ. އެއީ، މަހު ކުލީގެ ގޮތުގައި 2،000 ރުފިޔާ ނަގާ ގޮތަށެވެ.

comment ކޮމެންޓް