ތަފާތު ލަވަތަކާ އެއްކޮށް، "އެކި ރާގު"ގެ ވަދާއީ ޝޯ މިރޭ ބާއްވަން ތައްޔާރުވެއްޖެއެވެ.
ރޭ ވަނީ ފުރަތަމަ ޝޯ ބާއްވާފައެވެ. އެ ޝޯ ބަލަން ދިޔަ މީހުންގެ ބޮޑު ތަރުހީބެއް ވަނީ ޝޯއަށް ލިބިފައެވެ.
މީގެކުރިން މި މަހުގެ ފުރަތަމަ ތިން ދުވަހު ޝޯތައް ބާއްވަން ހަމަޖެހިފައި އޮތް ނަމަވެސް، މިރެއަށް ވަނީ ޝޯތައް ކުރުކޮށްލާފައެވެ.
މިރޭގެ ޝޯތަކުގެ ޓިކެޓުތައް ވެސް މިހާރު އަންނަނީ ވިއްކަމުންނެވެ. މިގޮތުން، ޓިކެޓް ގަތުމަށް މެސެޖު ކުރަން ޖެހޭ ނަންބަރަކީ 7774841އެވެ. ޝޯގެ ޓިކެޓުތައް ވިއްކާނީ، 200 ރުފިޔާއަށާއި 300 ރުފިޔާއަށާއި 500 ރުފިޔާއަށެވެ.
މި ޝޯ އިންތިޒާމު ކުރައްވާ, އަޙްމަދު ސަލީމް (ޑިސްކޯ ސަލީމް) 'ސަން'އަށް މިއަދު ވިދާޅުވީ، ރޭގެ ޝޯއަށް ވުރެ މިރޭގެ ޝޯ ވަރަށް ތަފާތު ވާނެ ކަމަށެވެ. މިގޮތުން، ރޭގައި ނުކިޔާ އިތުރު ލަވަތައް މިރޭގެ ޝޯގައި ކިޔާނެ ކަމަށާއި ރޭގެ ޝޯއަށް ވުރެ ބޮޑު އޯޑިއަންސެއް އޮންނާނެ ކަމަށް ގަބޫލުކުރެވޭ ކަމަށް ސަލީމް ވިދާޅުވިއެވެ.
"އެކިރާގު" ޝޯގައި ލަވަ ހުށަހަޅައިދޭ ފަންނާނުންގެ ތެރޭ މޯލްޑިވިއަން އައިޑަލްއިން މަގްބޫލުކަން ހޯދި ޝަލަބީ އިބްރާހީމާއި ޢަބްދުالله ހިޝާންގެ އިތުރުން މަޝްހޫރު ލަވަކިއުންތެރިޔާ މަރިޔަމް އަޝްފާއާއި އަރަމުން އަންނަ ލަވަކިއުންތެރިޔާ ޖޫނީ ޖިނާޙު ހިމެނެއެވެ.
މީގެއިތުރުން، އެންމެ ހިތްހަމަޖެހެނީ ޒުވާން ކުދިންނަށް މި ފަދަ ޕްލެޓްފޯމެއް ގެނެސްދެވޭތީ ކަމަށް ވިދާޅުވެ، ސަލީމް ވަނީ ޝޯއަށް އައިސް، މި ކަމުގައި ދެމިތިބުމަށް ޒުވާން ކުދިންނަށް ހިތްވަރު ދިނުމަށް ގޮވާލާފައެވެ.
މިޝޯގެ މީޑިއާ ޕާޓްނަރަކީ އެސްއެސްޓީވީއެވެ.