އައްޑޫ އެއާޕޯޓުގައި ދުނިޔޭގެ ފެންވަރުގެ ޑިއުޓީ ފްރީއެއް ގާއިމުކުރާނަން: އެމްއޭސީއެލް

އެމްއޭސީއެލްގެ އެމްޑީ ޝަރީފް --- ފޮޓޯ/ އެމްއޭސީއެލް

އައްޑޫ ސިޓީގެ ގަން އިންޓަނޭޝަނަލް އެއާޕޯޓުގެ އައު ޓާމިނަލްގައި ދުނިޔޭގެ ފެންވަރުގެ ޑިއުޓީ ފްރީއެއް ގާއިމުކުރުމުގެ މަސައްކަތް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑުން ވަނީ ފަށާފައެވެ. މީގެ މައިގަނޑު މަގުސަދަކީ ފަސިންޖަރުންނަށް ފުރިހަމަ ތަޖުރިބާއެއް ދިނުމާއި ދެކުނުގެ ފަތުރުވެރިކަމާއި އިގުތިސާދު ކުރިއެރުވުމެވެ. މިކަމުގެ ސަބަބުން ބައިނަލްއަގުވާމީ އައު ރޫޓުތައް ފެށުމަށް މަގުފަހިވެ، ފަތުރުވެރިން އަންނަ މިންވަރު އިތުރުވެގެންދާނެ ކަމަށް އެ ކުންފުނިން ލަފާކުރެއެވެ.

  • ގަން އިންޓަނޭޝަނަލް އެއާޕޯޓުގައި ދުނިޔޭގެ ފެންވަރުގެ ޑިއުޓީ ފްރީއެއް ގާއިމުކުރަނީ
  • މުވައްޒަފުންނަށް ރާއްޖެއިން ބޭރުން ހާއްސަ ތަމްރީނު ދިނުމަށް ވަނީ ހަމަޖެހިފައި
  • މިއީ ދެކުނުގެ ފަތުރުވެރިކަމާއި އިގުތިސާދީ ދުވެލި ހަލުވިކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް
  • މިކަމުގެ ސަބަބުން އައު ބައިނަލްއަގުވާމީ ރޫޓުތަކާއި ފަތުރުވެރިން އިތުރުވެގެންދާނެ

އައްޑޫ ސިޓީގެ ގަން އިންޓަނޭޝަނަލް އެއާޕޯޓުގެ އައު ޓާމިނަލްގައި ދުނިޔޭގެ ފެންވަރުގެ ޑިއުޓީ ފްރީއެއް ގާއިމުކުރުމުގެ މަސައްކަތް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ފަށާފައިވާ ކަމަށް އެ ކުންފުނިން މިއަދު ބުނެފިއެވެ.

އެމްއޭސީއެލްއިން މިއަދު ބުނިގޮތުގައި އެ ކުންފުނީގެ ދަށުން ހިންގާ މޯލްޑިވްސް ޑިއުޓީ ފްރީން އަންނަނީ މި އޮޕަރޭޝަން ފެށުމަށް ބޭނުންވާ އެންމެހާ ތައްޔާރީތައް ވަމުންނެވެ. މި ޑިއުޓީ ފްރީގައި މަސައްކަތްކުރާ މުވައްޒަފުންނަށް ދުނިޔޭގެ މަޝްހޫރު ބްރޭންޑުތައް މެދުވެރިކޮށް ރާއްޖެއިން ބޭރުން ތަމްރީނު ދިނުމަށް ވަނީ ހަމަޖެހިފައި ކަމަށް އެ ކުންފުނިން ބުންޏެވެ.

މަތީ ފަންތީގެ މި ޑިއުޓީ ފްރީ ގާއިމުކުރުމުގެ މައިގަނޑު މަގުސަދަކީ ފަސިންޖަރުންނަށް ފުރިހަމަ ތަޖުރިބާއެއް ފޯރުކޮށްދިނުމާއެކު، ދެކުނުގެ ފަތުރުވެރިކަމާއި އިގުތިސާދީ ދުވެލި ހަލުވިކުރުން ކަމަށް އެމްއޭސީއެލްއިން ބުންޏެވެ.

މި ޑިއުޓީ ފްރީތަކުގެ ސަބަބުން ބައިނަލްއަގުވާމީ އައު ރޫޓުތައް ގަމަށް ތައާރަފުކުރުމަށް މަގުފަހިވެ، ފަތުރުވެރިން ޒިޔާރަތްކުރާ މިންވަރު އިތުރުވާނެ ކަމަށް ވެސް އެމްއޭސީއެލްއިން ބުންޏެވެ.

މިއީ އައްޑޫ ސިޓީގެ އިގުތިސާދު ސިންދަފާތުކުރުމަށް ކަނޑައަޅާފައިވާ "އައްޑޫ ވެލްކަމްސް ޓު ދަ ވޯލްޑް" ތަސައްވުރުގެ ދަށުން އެޅޭ މުހިންމު ފިޔަވަޅެއް ކަމަށް އެމްއޭސީއެލްއިން ބުންޏެވެ. އަދި މިއީ ދިވެހިރާއްޖޭގެ ޓްރެވަލް ރީޓެއިލް ދާއިރާ ކުރިއަރުވައި، ދުނިޔޭގެ ދަތުރުފަތުރުގެ ނެޓްވޯކުގައި ރާއްޖޭގެ ދެކުނަކީ މުހިންމު މަންޒިލަކަށް ހެދުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

އައްޑޫ ސިޓީގެ އެއާޕޯޓަކީ މި ވަގުތު މާ ގިނަ އިންޓަނޭޝަނަލް ދަތުރުތައް ކުރާ ތަނެއް ނޫނެވެ. އެންމެ ގަވާއިދުން އެ އެއާޕޯޓަށް ދަތުރުތައް ބާއްވަމުން އަންނަނީ ސްރީލަންކަންއިންނެވެ.

comment ކޮމެންޓް