ތަކުރާރުކޮށް ހުޅުމާލޭ ހޮސްޕިޓަލުން ވައްކަން ކުރި ކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި

ހުޅުމާލޭ ހޮސްޕިޓަލުން އެކި ދުވަސްމަތިން ވައްކަންކޮށްފައިވާ މައްސަލައަކާ ގުޅިގެން ދިވެހި ފިރިހެނަކު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. މި މައްސަލަ ފުލުހުންނަށް ހުށަހެޅިފައިވަނީ ނިމިދިޔަ މަހުގެ 22 ވަނަ ދުވަހުއެވެ. މިކަމާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން އުމުރުން 40 އަހަރުގެ މީހަކު ހައްޔަރުކޮށްފައިވާއިރު، އޭނާ ދިރިއުޅޭ ތަން ބަލައި ފާސްކުރިއިރު ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ ގިނަ އަދަދެއްގެ އިލެކްޓްރޯނިކް ސާމާނު ވަނީ ފެނިފައެވެ.

  • މައްސަލަ ރިޕޯޓުކޮށްފައިވަނީ ނިމިދިޔަ މަހުގެ 22 ވަނަ ދުވަހުއެވެ.
  • ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވަނީ އުމުރުން 40 އަހަރުގެ ދިވެހި ފިރިހެނެކެވެ.
  • އޭނާ ދިރިއުޅޭ އެޕާޓްމަންޓުން ކޮމްޕިއުޓަރާއި ޕްރިންޓަރު ފަދަ އިލެކްޓްރޯނިކް ތަކެތި ވަނީ ފެނިފައެވެ.
  • ކޯޓަށް ހާޒިރުކުރުމުން އޭނާގެ ބަންދަށް ވަނީ 7 ދުވަސް އިތުރުކޮށްފައެވެ.

ހުޅުމާލެ ހޮސްޕިޓަލުން އެކި ދުވަސްމަތިން ވައްކަންކޮށްފައިވާ މައްސަލައިގެ ތުހުމަތުގައި ދިވެއްސަކު ހައްޔަރު ކޮށްފިއެވެ.

ފުލުހުން މިއަދު ބުނީ މި މައްސަލަ އެ އިދާރާއަށް ހުށަހަޅާފައި ވަނީ މިދިޔަ މަހުގެ 22 ވަނަ ދުވަހު ކަމަށެވެ.

މި މައްސަލައާ ގުޅިގެން މިދިޔަ އާދިއްތަ ދުވަހު ކޯޓު އަމުރެއްގެ ދަށުން، މއ. ވިނަރެސް / މާލެ، ޙުސައިން ޝިހާމް, 40, ވަނީ ހައްޔަރުކޮށްފައެވެ.

ފުލުހުން ބުނީ އޭނާ ހައްޔަރުކޮށް، އޭނާ ދިރިއުޅޭ އެޕާޓްމަންޓު ބަލައިފާސްކުރިއިރު، ހުޅުމާލެ ހޮސްޕިޓަލުން އޭނާ ވަގަށްނެގި ކަމަށް ބެލެވޭ ތަކެތި ފެނިފައިވާ ކަމަށެވެ. އޭގެ ތެރޭގައި ކޮމްޕިޓަރު ސިސްޓަމާއި ޕްރިންޓަރާއި އިލެކްޓްރޯނިކް އެހެނިހެން ތަކެތި ހިމެނޭ ކަމަށް ފުލުހުން ބުންޏެވެ.

މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ހަތް ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.

comment ކޮމެންޓް