ރެޑްމީ ކޭ90 އަލްޓްރާ: ވަރުގަދަ ބެޓެރީއަކާއެކު ބާޒާރަށް

ގޭމް ކުޅޭއިރު ފޯނު ހޫނުވިޔަނުދީ ފިނިކޮށް ބެހެއްޓުމަށްޓަކައި އެކްޓިވް ކޫލިން ފޭން އެއް މި ފޯނުގައި ހިމެނޭނެ ---

ޝައޯމީގެ ރެޑްމީ ކޭ90 ސީރީޒްގެ އެންމެ ވަރުގަދަ ފޯނު ކަމަށްވާ ރެޑްމީ ކޭ90 އަލްޓްރާ ނެރުމަށް ދަނީ ތައްޔާރުވަމުންނެވެ. ޗައިނާގެ 3ސީ ސެޓިފިކޭޝަން ޑޭޓާބޭސްއިން ހާމަވާގޮތުގައި މި ފޯނުގައި 8000 އެމް.އޭ.އެޗް އަށްވުރެ ބޮޑު ބެޓެރީއަކާއި 100 ވޮޓުގެ ފާސްޓް ޗާޖިންގ ހިމެނޭނެއެވެ. ފޯނުގެ ޕާފޯމަންސް ރަނގަޅުކުރުމަށް މީޑިއާޓެކްގެ 3 އެން.އެމް ޑައިމެންސިޓީ 9500 ޗިޕްސެޓް ބޭނުންކޮށްފައިވާއިރު، ގޭމް ކުޅުމަށް ޚާއްޞަ އެކްޓިވް ކޫލިންގ ފޭނެއްވެސް ހިމެނެއެވެ. އަދި 1.5ކޭ ރިޒޮލިއުޝަންގެ 165 ހަރްޓްޒް އޯލެޑް ޑިސްޕްލޭއަކާއި އައި.ޕީ.68 ރޭޓިންގ އާއެކު އަލްޓްރާސޮނިކް ފިންގަރޕްރިންޓް ސްކޭނަރެއް ހިމެނޭ ކަމަށް ރިޕޯޓްތައް ބުނެއެވެ. މި މޮޑެލްގެ އަގު ކުރީގެ މޮޑެލްތަކަށްވުރެ ބޮޑުވާނެކަމަށް ލަފާކުރެވެއެވެ.

  • 8000 އެމް.އޭ.އެޗް އަށްވުރެ ބޮޑު ބެޓެރީއެއް ހިމެނޭނެ
  • 100 ވޮޓުގެ ފާސްޓް ޗާޖިންގ ސަޕޯޓްކުރާނެ
  • މީޑިއާޓެކް ޑައިމެންސިޓީ 9500 ޗިޕްސެޓް ބޭނުންކޮށްފައިވާނެ
  • އެކްޓިވް ކޫލިންގ ފޭނަކާއެކު ގޭމް ކުޅުމަށް ފަހިކޮށްދޭނެ
  • 165 ހަރްޓްޒްގެ 1.5ކޭ އޯލެޑް ޑިސްޕްލޭއެއް ހިމެނޭނެ

ޝައޯމީގެ ރެޑްމީ ކޭ90 ސީރީޒްގެ އެންމެ ވަރުގަދަ ފޯނު، ރެޑްމީ ކޭ90 އަލްޓްރާ ބާޒާރަށް ނެރުމުގެ ތައްޔާރީތައް ފަށާފައިވާކަން ޗައިނާގެ 3ސީ ސެޓިފިކޭޝަން ޑޭޓާބޭސްއިން ހާމަވެއްޖެއެވެ.

އޮކްޓޯބަރު 2025 ގައި ނެރުނު ކޭ90 ސީރީޒްގެ ފޯނުތަކަށްވުރެ މި ފޯނުގެ ބެޓެރީ ބޮޑުވެފައި، ޗާޖުކުރާ ދުވެލި މާ އަވަސްވާނެ ކަމަށް ފަހުގެ ރިޕޯޓްތައް ބުނެއެވެ.

މި އާ ފޯނުގައި 100 ވޮޓުގެ ފާސްޓް ޗާޖިން ސަޕޯޓް ހިމެނޭއިރު، މީގެ ބެޓެރީގެ ކެޕޭސިޓީ 8,000 އެމް.އޭ.އެޗް އަށްވުރެ ބޮޑުވާނެ ކަމަށް ބެލެވެއެވެ.

ފޯނުގެ ޕާފޯމަންސް ވަރުގަދަކުރުމަށްޓަކައި މީގައި ބޭނުންކޮށްފައިވަނީ މީޑިއާޓެކްގެ އެންމެ ފަހުގެ 3 އެން.އެމް ޑައިމެންސިޓީ 9500 ޗިޕްސެޓެވެ.

ގޭމް ކުޅޭއިރު ފޯނު ހޫނުވިޔަނުދީ ފިނިކޮށް ބެހެއްޓުމަށްޓަކައި އެކްޓިވް ކޫލިން ފޭން އެއް މި ފޯނުގައި ހިމެނޭނެ ކަމަށް މައުލޫމާތު ލިބެއެވެ.

މި ފޯނުގެ ސްކްރީނަށް ބަލާއިރު، މީގައި ހިމެނެނީ 1.5ކޭ ރިޒޮލިއުޝަންގެ އެލް.ޓީ.ޕީ.އެސް އޯލެޑް ޑިސްޕްލޭއެކެވެ.

މީގެ ސްކްރީނަކީ 165 ހަރްޓްޒްގެ ރިފްރެޝް ރޭޓް ސަޕޯޓްކުރާ، 6.81 އިންޗި އާއި 6.89 އިންޗިއާ ދެމެދުގެ ބޮޑު ސްކްރީނެކެވެ.

ފޯނުގެ ސަލާމަތީ ކަންކަމަށް އަލްޓްރާސޮނިކް ފިންގަރޕްރިންޓް ސްކޭނަރެއް ހިމެނޭއިރު، މިއީ ފެނާއި ހިރަފުހުން ރައްކާތެރިކޮށްދޭ އައި.ޕީ.68 ރޭޓިންގ ލިބިފައިވާ ފޯނެކެވެ.

ފޯނުގެ ސަލާމަތީ ކަންކަމަށް އަލްޓްރާސޮނިކް ފިންގަރޕްރިންޓް ސްކޭނަރެއް ހިމެނޭނެ --

މިހާރު ބާޒާރުގައި ހުރި ރެޑްމީ ކޭ90 ޕްރޯ މެކްސްގައި ހުންނަނީ 7,560 އެމް.އޭ.އެޗް ބެޓެރީއެކެވެ. އަދި އާދައިގެ ކޭ90 މޮޑެލްގައި ހުންނަނީ 7,100 އެމް.އޭ.އެޗް ބެޓެރީއެކެވެ.

އަގުތަކަށް ބަލާއިރު، 12 ޖީ.ބީ ރޭމް އާއި 256 ޖީ.ބީ މެމޯރީ ހިމެނޭ ރެޑްމީ ކޭ90 ޗައިނާގައި ވިއްކަނީ ގާތްގަނޑަކަށް 363 ޑޮލަރަށެވެ. އެއީ ދިވެހި ފައިސާއިން ނަމަ ގާތްގަނޑަކަށް 5,600 ރުފިޔާއެވެ.

މި ސީރީޒްގެ ޕްރޯ މެކްސް މޮޑެލްގެ އަގު އުޅެނީ ގާތްގަނޑަކަށް 559 ޑޮލަރުގައެވެ. އެއީ ދިވެހި ރުފިޔާއިން ބަލާނަމަ ގާތްގަނޑަކަށް 8,620 ރުފިޔާއެވެ.

އާ އަލްޓްރާ މޮޑެލްގެ އަގު މި އަގުތަކަށްވުރެ ބޮޑުވާނެ ކަމަށް ބެލެވޭއިރު، މި ފޯނު ރަސްމީކޮށް ނެރޭނެ ތާރީޚެއް އަދި އިއުލާނެއް ނުކުރެއެވެ.

comment ކޮމެންޓް