ލާމަރުކަޒީ ނިޒާމަކީ ރައްޔިތުންނާ ގާތުން ޚިދުމަތްތައް ފޯރުކޮށްދިނުމަށާއި، ރަށު ފެންވަރުގައި ނުވަތަ ސިޓީ ފެންވަރުގައި ތަރައްޤީގެ މަޝްރޫޢުތައް ހިންގުމަށް އޮތް އެންމެ ވަރުގަދަ ބާރެވެ.
ގާނޫނުގައި ބުނަނީ، "ލާމަރުކަޒީ އުޞޫލުން ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ހިންގުމުގެ ބޭނުމަކީ، ދިވެހިރާއްޖޭގެ އެކި ރަށްރަށުގައި ދިރިއުޅޭ ރައްޔިތުންގެ ކަންކަން، ދީމިޤްރާޠީ އަދި ޖަވާބުދާރީވަނިވި އުޞޫލުން ރައްޔިތުން އަމިއްލައަށް ނިންމުމަށް މަގުފަހިކޮށް، އިޖްތިމާޢީ ގޮތުންނާއި، އިޤްތިޞާދީ ގޮތުންނާއި، ޘަޤާފީ ގޮތުން ދިވެހިރާއްޖޭގެ ރަށްރަށުގައި ދިރިއުޅޭ ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކޮށް، ރައްޔިތުން ބާރުވެރިކޮށް، ރައްޔިތުންނާ އެންމެ ގާތުން ފުޅާ ދާއިރާއެއްގައި ޚިދުމަތް ލިބޭނެ މަގު ފަހިކޮށްދީ، ދިވެހިރާއްޖޭގެ ރަށްރަށުގައި އަމާން ވެއްޓެއް ޤާއިމްކުރުމެވެ."
ކުރުކޮށްލަމާތޯއެވެ؟ "ރައްޔިތުންގެ ކަންކަން... ރައްޔިތުން އަމިއްލައަށް ނިންމުމަށް މަގުފަހިކޮށް، ... ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކޮށް، ... ރައްޔިތުން ބާރުވެރިކޮށް، ދިވެހިރާއްޖޭގެ ރަށްރަށުގައި އަމާންވެއްޓެއް ޤާއިމްކުރުމެވެ."
ސިޓީ ކައުންސިލްތަކަށް މެންބަރުންނާއި މޭޔަރުން އިންތިޚާބު ކުރުމަކީ ސިޓީގެ ކުރިމަގާއި، ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރާ ސީދާ ގުޅިފައިވާ ކަމެކެވެ. އެހެންކަމުން، ސިޓީ ކައުންސިލަށް މެންބަރުން ހޮވުމުގައި ވޯޓުދޭއިރު ރައްޔިތުން ވަރަށް ފުންކޮށް ވިސްނަންޖެހޭ މުހިންމު ކަންތައްތަކެއް އެބަހުއްޓެވެ. ރައްޔިތުންގެ ކަންކަމުގައި ރައްޔިތުންނާއި މަޝްވަރާކޮށް، ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރުމަތިކުރުމަށް، ރައްޔިތުން އަމިއްލައަށް ނިންމުމަށް މަގުފަހިކުރެވޭނެގޮތަށް، ކަންކަން ކުރާނޭ ކެންޑިޑޭޓުންނަށް ވޯޓުދިނުމެވެ.
މިގޮތުން އެންމެ ފުރަތަމަ ބަލަންޖެހެނީ ކެންޑިޑޭޓުގެ ތެދުވެރިކަމާއި އިޚުލާޞްތެރިކަމަށެވެ. އިސްލާމީ ރިވެތި އުޞޫލުތަކާއި އަޅުގަނޑުމެންގެ މުޖުތަމަޢު ގަބޫލުކުރާ އަޚުލާޤީ މިންގަނޑުތަކަށް ބޯލަނބާ މީހަކަށް އެމީހަކު ވާންޖެހެއެވެ. މޭޔަރުކަމާއި ކައުންސިލް މެންބަރުކަމަކީ ރައްޔިތުން އެމީހަކާ ހަވާލުކުރާ ބޮޑު އަމާނާތެކެވެ. އެހެންކަމުން، އެ އަމާނާތަށް ރައްކާތެރިވާނެ، ދީނީ އަދި ޤައުމީ މަޞްލަޙަތު އިސްކުރާނެ މީހަކު ހޮވުމަކީ ކޮންމެ ރައްޔިތެއްގެ ދީނީ އަދި ޤައުމީ ވާޖިބެކެވެ. މުޖުތަމަޢުގެ އިޙްތިރާމް ލިބިފައިވާ، ނަޒާހަތްތެރި ބޭފުޅަކު އިޚްތިޔާރުކުރުމަކީ ކޮންމެހެން ބޭނުންތެރި ކަމެކެވެ.
ދެވަނަ ކަމަކަށް، ކެންޑިޑޭޓުގެ ޢިލްމީ ޤާބިލުކަމާއި ތަޖުރިބާއަށް ބަލަންޖެހެއެވެ. ސިޓީއެއް ހިންގުމަކީ ބުރަ އަދި އެހާމެ މަސްއޫލިއްޔަތު ބޮޑު ކަމެކެވެ. ސިޓީގެ ތަރައްޤީއަށް ބޭނުންވާ މާސްޓަރ ޕްލޭންތައް އެކުލަވާލުމާއި، ބަޖެޓު ބެލެހެއްޓުމާއި، އިދާރީ ހިންގުމުގެ ދާއިރާއިން މަޢުލޫމާތާއި ހުނަރު ހުރި މީހަކު ހޮވުމުން ސިޓީގެ ހިންގުން ހަރުދަނާވެގެންދާނެއެވެ. ވަކި ސިޔާސީ ފިކުރަކަށް ނުވަތަ ވަކި އާއިލާއަކަށް ބެލުމުގެ ބަދަލުގައި، އަމަލީ ގޮތުން މަސައްކަތް ކުރެވޭނެ ފަދަ ތަޢުލީމީ އަދި ހިންގުންތެރި މީހަކަށް އިސްކަންދޭންޖެހެއެވެ.
މީގެ އިތުރުން، ކެންޑިޑޭޓުގެ ތަޞައްވުރަކީ ނުވަތަ "ވިޜަން" އަކީ ކޮބައިތޯ ބެލުން މުހިންމެވެ. ސިޓީގައި ހުރި އިޖުތިމާޢީ މައްސަލަތަކާއި، ތިމާވެށީގެ މައްސަލަތަކާއި، މަގުތަކުގެ ޙާލަތު ރަނގަޅުކުރުމަށް އެމީހެއްގެ ވިސްނުން ހުރި ގޮތް ދެނެގަންނަންޖެހެއެވެ. ރައްޔިތުންގެ އަޑުއަހާ، ރައްޔިތުންނާ ގާތުން މަސައްކަތްކުރާނެ މީހަކު ހޮވުމަކީ ސިޓީގެ ކުރިއެރުމަށް އެޅޭނެ އެންމެ ބޮޑު ބާރެވެ. ކައުންސިލަކީ ރައްޔިތުންނަށް ޖަވާބުދާރީވާންޖެހޭ ތަނަކަށްވާއިރު، ހާމަކަންބޮޑު ގޮތެއްގައި ކަންކަން ކުރާނެ ކެންޑިޑޭޓަކު އިޚްތިޔާރުކުރުން ބުއްދިވެރިއެވެ.
ވޯޓަކީ ތިމާގެ އަމިއްލަ ފައިދާއަށްވުރެ ބޮޑަށް މުޅި މުޖުތަމަޢުގެ ލާބައަށްޓަކައި ދެވޭ އެއްޗެކެވެ. ސިޓީ ނުވަތަ ރަށު ކައުންސިލަށް މެންބަރުން ހޮވުމުގައި ކެންޑިޑޭޓުންގެ ކިބައިގައި ހުރި ޤާބިލުކަމާއި، ތެދުވެރިކަމާއި، ރަށަށް ނުވަތަ ސިޓީއަށް އޮތް ލޯތްބަށް ރިޢާޔަތްކޮށް ވޯޓު ދިނުމަކީ ކުރިމަގުގެ ޖީލުތަކަށްޓަކައި ކުރެވޭނެ އަގުހުރި އިންވެސްޓްމަންޓެކެވެ. އަޅުގަނޑުމެންގެ ސިޓީތަކަކީ އަމާން، ތަރައްޤީވެފައިވާ އަދި އިސްލާމީ ރިވެތި އުޞޫލުތައް ނެގެހެއްޓޭ ތަންތަނަށް ހެދުމަށްޓަކައި ހޭލުންތެރިކަމާއެކު ވޯޓު ދިނުމަކީ ނުހަނު ބޭނުންތެރި ކަމެކެވެ.
އަޅުގަނޑު ގަބޫލުކުރާގޮތުގައި، ކައުންސިލް އިންތިޚާބުގައި ވޯޓުލާއިރު، ތިމާގެ ރަށާއި ސިޓީގެ ކަންކަން ހިންގުމަށް އެންމެ އެކަށީގެންވާ، އިޚްލާޞްތެރި، އަދި ތެދުވެރި މީހަކު އިޚްތިޔާރު ކުރުމަކީ ރައްޔިތުންނާ ޙަވާލުވެފައިވާ އަމާނާތެކެވެ. ކީރިތި ޤުރުއާނުގައި އަމާނާތްތައް އޭގެ އަހުލުވެރިންނަށް އަދާކުރުމަށް މާތްﷲ އަމުރުކުރައްވާފައިވެއެވެ. (އައްނިސާ ސޫރަތް 4:58)
އެއާޔަތުގެ މާނަކަމުގައި އިލްމުވެރިން ވިދާޅުވަނީ، " މި އާޔަތުގެ ފުރިހަމަ މާނައަކީ: "ހަމަކަށަވަރުން، އަމާނާތްތައް އޭގެ އަހުލުވެރިންނަށް އަދާކުރުމަށް، ﷲ ތިޔަބައިމީހުންނަށް އަމުރުކުރައްވަތެވެ. އަދި މީސްތަކުންގެ މެދުގައި ތިޔަބައިމީހުން ޙުކުމްކުރާނަމަ، ޢަދުލުވެރިކަމާއެކު ޙުކުމްކުރުމަށްވެސް އަމުރުކުރައްވަތެވެ. ހަމަކަށަވަރުން، ﷲ ތިޔަބައިމީހުންނަށް ވައުޟު އިއްވަވާ ކަންތައް އެއީ، ކިހާ ރަނގަޅު ކަމެއް ހެއްޔެވެ! ހަމަކަށަވަރުން، ﷲ އީ، މޮޅަށް އައްސަވާވޮޑިގެންވާ، މޮޅަށް ބައްލަވާވޮޑިގެންވާ ކަލަކު ކަމުގައިވެއެވެ."
ވޯޓަކީ އަމާނާތަކަށްވާ އަދި ވޯޓުލާ މީހާއަކީ ހެކިވެރިއެކެވެ. ވޯޓުލާއިރު ތިމާ އެލާ ފާހަގައަކީ، އެ މީހަކީ އެމަޤާމަށް އެންމެ އެކަށީގެންވާ މީހާ ކަމަށް ދެވޭ ހެކިބަހެކެވެ. އިސްލާމްދީނުގައި ދޮގު ހެކިބަސް ދިނުމަކީ ބޮޑުވެގެންވާ ފާފައެކެވެ. އެހެންކަމުން، ވޯޓު ދޭންވާނީ އެ މީހެއްގެ ޤާބިލުކަމަށް ބަލައި، ޙަޤީޤީ ހެކިބަހެއްގެ ގޮތުގައެވެ.
ޞަޙީޙުލް ބުޚާރީ އާއި މުސްލިމްގައި ރިވާވެގެންވާ ޙަދީޘެއްގައިވެއެވެ. އެއްދުވަހަކު ރަސޫލާ ﷺ ޙަދީޘްކުރެއްވިއެވެ: "ބޮޑެތި ފާފަތަކުގެ ތެރެއިންވެސް އެންމެ ބޮޑެތި ފާފަތަކަކީ ކޮބައިކަން ތިޔަބައިމީހުންނަށް ތިމަންކަލޭގެފާނު ޚަބަރުދެއްވަންތޯއެވެ؟" އެއަށްފަހު އެކަލޭގެފާނު ފާހަގަކުރެއްވި ކަންތައްތަކުގެ ތެރޭގައި ދޮގުހެދުމާއި ދޮގު ހެކިބަސް ދިނުން ހިމެނެއެވެ.
އެހެންކަމުން، ވަކިމީހަކީ އެމަޤާމަށް އެންމެ އެކަށީގެންވާ މީހާ ނޫންކަން އެނގިހުރެ، ނުވަތަ އެއަށްވުރެ ޤާބިލު މީހަކު ހުއްޓާ، އެހެން މަޤްޞަދެއްގައި ވަކި މީހަކަށް ވޯޓު ދިނުމަކީ ޙަޤީޤަތުގައި ދޮގު ހެކިބަހެއް ދިނުން ފަދަ ކަމެކެވެ. ވުމާއެކު، އަމިއްލަ އެދުމަށްވުރެ ނުވަތަ ވަކިފަރާތަކުން ލިބިދާނެ ފައިދާއަކަށްވުރެ، މުޅި މުޖުތަމަޢުގެ ލާބަޔާއި މަންފާ އިސްކުރުމަކީ އިސްލާމީ ރީތި އުޞޫލެކެވެ.
ވޯޓުލާން ދިއުމަށް ހުރިހާ ބޭފުޅުންނަށް ދައުވަތު އަރުވަމެވެ.