ބީއެމްއެލްއިން ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައި އަޅާ 182 ހައުސިން ޔުނިޓްގެ ބިންގާ އަޅައިފި

ހުޅުމާލޭގައި އިމާރާތްކުރާ، 182 ހައުސިން ޔުނިޓްގެ ބިންގާ އެޅުން: މިއީ، މި ސަރުކާރުން ފަށާފައިވާ "އެންމެނަށް ބޯހިޔާވަހިކަން" މަޝްރޫޢުގެތެރެއިން އިމާރާތްކުރުމަށް ހަމަޖެހިފައިވާ ހައުސިން ޔުނިޓްތަކެއް--/ ފޮޓޯ، ބީއެމްއެލް

ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ބޭންކް އޮފް މޯލްޑިވްސްއިން ކުރިއަށްގެންދާ އެފޯޑަބަލް ހައުސިން މަޝްރޫއުގެ ތެރެއިން ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައި 182 ހައުސިން ޔުނިޓް އެޅުމަށް ބިންގާ އަޅައިފިއެވެ. މި މަސައްކަތް ހަވާލުކޮށްފައިވަނީ ރާއްޖޭގެ ތަޖުރިބާކާރު ކުންފުންޏެއް ކަމަށްވާ އެފް ޑަބްލިއު ކޮންސްޓްރަކްޝަންއާއެވެ. މި ރަސްމިއްޔާތުގައި ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބާއި ބޭންކް އޮފް މޯލްޑިވްސްގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ. ބޭންކް އޮފް މޯލްޑިވްސްގެ ސީއީއޯ އަދި އެމްޑީ މުޙައްމަދު ޝަރީފު ވިދާޅުވީ، ރައްޔިތުންނަށް ދިމާވެފައިވާ އެންމެ ބޮޑު އިޖުތިމާއީ މައްސަލަ ކަމުގައިވާ ބޯހިޔާވަހިކަމަށް ދާއިމީ ހައްލެއް ހޯދައިދިނުމަށް ސަރުކާރުން ކުރާ މަސައްކަތްތައް ހަލުވި މިނެއްގައި ކުރިއަށްދާ ކަމަށެވެ. ގައުމީ ބޭންކެއްގެ ހައިސިއްޔަތުން ހަމައެކަނި މާލީ ފައިދާ ހޯދުމުގެ ބަދަލުގައި، ގައުމުގެ އިޖުތިމާއީ އަދި އިގްތިސާދީ ތަރައްގީއަށް ބޭނުންވާ މުހިންމު މަޝްރޫއުތަކަށް އިންވެސްޓްކުރުމަކީ ބޭންކުގެ މުހިންމު ދައުރެއްކަން އޭނާ ފާހަގަކުރެއްވިއެވެ. މިފަދަ މަޝްރޫއުތަކަށް އިންވެސްޓްކުރުމަކީ އިގްތިސާދީ ދުވެލި ހަލުވިވެ، އިމާރާތްކުރުމުގެ ދާއިރާއަށް އާ ދިރުމެއް ލިބޭނެ ކަމެއް ކަމަށާއި، މިކަމުގެ ސަބަބުން އެތައް އާއިލާއަކަށް އަތްފޯރާ ފަށުގައި އަމިއްލަ ބޯހިޔާވަހިކަން ކަށަވަރުވެގެންދާނެ ކަމަށް ޝަރީފު ވިދާޅުވިއެވެ.

  • ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައި 182 ހައުސިން ޔުނިޓް އެޅުމަށް ބިންގާ އަޅައިފި.
  • މި މަޝްރޫއު ހަވާލުކޮށްފައިވަނީ އެފް ޑަބްލިއު ކޮންސްޓްރަކްޝަން ކުންފުންޏާއެވެ.
  • ބީއެމްއެލްއިން ޖުމްލަ 3،260 ހައުސިން ޔުނިޓް އެޅުމަށް ވަނީ ރާވާފައެވެ.
  • މި ހައުސިން ޔުނިޓްތައް ދޫކުރާނީ ރެންޓް-ޓު-އޯން މޮޑެލްގެ ދަށުންނެވެ.

ސަރުކާރުގެ "ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތުގެ ދަށުން، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ކުރިއަށްގެންދާ "ބީއެމްއެލް އެފޯޑަބަލް ހައުސިން" މަޝްރޫއުގެ ތެރެއިން ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައި އަޅާ 182 ހައުސިން ޔުނިޓްގެ ބިންގާ މިރޭ އަޅައިފިއެވެ.

ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައި ބީއެމްއެލްގެ ހައުސިން ޔުނިޓްތައް އެޅުމަށް ހަވާލުކޮށްފައިވަނީ އެފް ޑަބްލިއު ކޮންސްޓްރަކްޝަންއާއެވެ.

އެ މަސައްކަތް ފަށްޓަވައިދެއްވީ ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބާއި ބީއެމްއެލްއާއި އެފް ޑަބްލިއު ކޮންސްޓްރަކްޝަންގެ އިސްވެރިންނެވެ.

ބީއެމްއެލްއިން ވަނީ، އެ މަސައްކަތް ހަވާލުކޮށްފައިވާ އެފްޑަބްލިއު ކޮންސްޓްރަކްޝަންއަކީ ރާއްޖޭގައި ޒަމާނުއްސުރެ، ފުޅާ ދާއިރާއެއްގައި އިމާރާތްކުރުމުގެ މަސައްކަތްކުރާ ތަޖުރިބާކާރު ދިވެހި ކުންފުންޏެއްކަން ފާހަގަކޮށްފައެވެ.

އެ ރަސްމިއްޔާތުގައި ބީއެމްއެލްގެ ސީއީއޯ އަދި އެމްޑީ މުޙައްމަދު ޝަރީފު ވިދާޅުވީ، ރައްޔިތުންނަށް ދިމާވެފައިވާ އެންމެ ބޮޑު އިޖުތިމާއީ މައްސަލަ ކަމުގައިވާ ބޯހިޔާވަހިކަމަށް ދާއިމީ ހައްލެއް ހޯދައިދިނުމަށް ސަރުކާރުން ކަނޑައަޅުއްވާފައިވާ 'އެންމެންނަށް ބޯހިޔާވަހިކަން' ހަލުވި މިނެއްގައި އަމަލީ ސިފަ އަންނަ ކަމަށެވެ.

ގައުމީ ބޭންކެއްގެ އެންމެ އިސް މަސްއޫލިއްޔަތަކީ، ހަމައެކަނި މާލީ ފައިދާ ހޯދުން ނޫން ކަމަށާއި، އޭގެ ބަދަލުގައި، ގައުމުގެ އިޖުތިމާއީ އަދި އިގްތިސާދީ ތަރައްގީއަށް ބޭނުންވާ މުހިންމު މަޝްރޫޢުތަކަށް އިންވެސްޓްކޮށް، ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުމަކީ ގައުމީ ބޭންކެއްގެ އެންމެ މުހިންމު އެއް ދައުރު ކަމަށް އޭނާ ވިދާޅުވިއެވެ.

ހައުސިން ޔުނިޓްތަކުގެ ބިންގާއެޅުމުގެ ރަސްމިއްޔާތުގެ ތެރެއިން، ބީއެމްއެލްގެ ސީއީއޯ އަދި އެމްޑީ މުޙައްމަދު ޝަރީފް -- ފޮޓޯ/ ހައުސިން މިނިސްޓްރީ

މީގެ އިތުރުން ޝަރީފް ވިދާޅުވީ މިފަދަ މަޝްރޫޢުތަކަށް އިންވެސްޓްކުރުމަކީ އިގްތިސާދީ ދުވެލި ހަލުވިވެ، އިމާރާތްކުރުމުގެ ދާއިރާއަށް އާ ދިރުމެއް ލިބޭނެ ކަމެއް ކަމަށެވެ. އެގޮތުން، އެތައް އާއިލާއަކަށް އަތްފޯރާ ފަށުގައި އަމިއްލަ ބޯހިޔާވަހިކަން ކަށަވަރުވެ، މުޖުތަމަޢަށް އެކި ގޮތްގޮތުން ކުރިއެރުން ލިބޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)އިން އެކުލަވާލާފައިވާ އިންކްލޫސިވް ނޭޝަނަލް އެފޯޑަބަލް ހައުސިން (އައިއެންއޭއެޗް)ގެ ދަށުން ކަނޑައަޅާފައިވާ މަގުސަދު ހާސިލްކުރުމަށް ބޭންކް އޮފް މޯލްޑިވްސްއިން އުފެއްދި ސަބްސިޑިއަރީ ކުންފުންނި، ބީއެމްއެލް އެފޯޑަބަލް ހޯމް ލީސިން ކޮމްޕެނީއިން، ހުޅުމާލެ އެއްވަނަ އަދި ދެވަނަ ފިޔަވައްސާއި، ވިލިމާލެ ހިމެނޭހެން ޖުމުލަ 3،260 ހައުސިން ޔުނިޓް ގާއިމްކުރުމަށް ވަނީ ނިންމާފައެވެ.

https://sun.mv/219719

ތިން ކޮޓަރީގެ އެ ހައުސިން ޔުނިޓުތައް ދޭނީ ރެންޓް-ޓު-އޯން މޮޑެލްއަށެވެ. މި މޮޑެލްއަކީ ކުލި ދައްކައިގެން ދިރިއުޅެ ވަކި މުއްދަތަކުން މިލްކު ކުރެވޭ މޮޑެލްއެކެވެ.

އެ މަޝްރޫއުގެ ދަށުން، ހުޅުމާލެ ތިންވަނަ ފިޔަވަހީގައި އިމާރާތްކުރާ 1,224 ހައުސިން ޔުނިޓުގެ ބިންގާ މި މަހުގެ 21 ވަނަ ދުވަހު ވަނީ އަޅާފައެވެ. އެ މަސައްކަތް ހަވާލުކޮށްފައިވަނީ ޗައިނާ މެޝިނަރީ އިންޖިނިއަރިން ކޯޕަރޭޝަން (ސީއެމްއީސީ)އާއެވެ. އަދި ވިލިމާލޭގައި އަޅާ 300 ހައުސިން ޔުނިޓްގެ ބިންގާ، މިދިޔަ ބުރާސްފަތި ދުވަހު ވަނީ އަޅައިފައެވެ. އެ މަސައްކަތް ކުރަނީ ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން (އާރްސީސީ)ންނެވެ.

comment ކޮމެންޓް