މަހިބަދޫއާއި ކުނބުރުދޫގައި އަޅާ 125 ހައުސިން ޔުނިޓްގެ މަސައްކަތް ވެސް އެޗްޑީސީއަށް

މަހިބަދޫއާއި ކުނބުރުދޫގައި އަޅާ 125 ހައުސިން ޔުނިޓްގެ މަސައްކަތް އެޗްޑީސީއާ ހަވާލުކުރުން -- ފޮޓޯ/ ހައުސިން މިނިސްޓްރީ

ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން އދ. އަތޮޅުގެ ދެ ރަށެއްގައި ހައުސިން ޔުނިޓްތަކެއް އެޅުމަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އާ ހަވާލުކޮށްފިއެވެ. މި މަޝްރޫއުގެ ދަށުން މަހިބަދޫގައި 100 ހައުސިން ޔުނިޓް އަދި ކުނބުރުދޫގައި 25 ހައުސިން ޔުނިޓް އެޅުމަށް ވަނީ ނިންމާފައެވެ. މި މަސައްކަތްތައް ހަވާލުކުރުމުގެ އެއްބަސްވުމުގައި މިނިސްޓްރީ އޮފް ހައުސިންގ، ލޭންޑް އެންޑް އާބަން ޑިވެލޮޕްމެންޓްގެ ފަރާތުންނާއި އެޗްޑީސީގެ ފަރާތުން އިސްވެރިން ސޮއިކުރައްވާފައިވެއެވެ. މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އދ. އަތޮޅަށް ކުރެއްވި ދަތުރުފުޅެއްގައި ވައުދުވެވަޑައިގެންނެވި ކަންކަމުގެ ތެރޭގައި ހިމެނޭ މަޝްރޫއެކެވެ.

  • އދ. މަހިބަދޫގައި 100 ހައުސިން ޔުނިޓް އެޅުމަށް އެޗްޑީސީއާ ހަވާލުކުރިއެވެ.
  • އދ. ކުނބުރުދޫގައި 25 ހައުސިން ޔުނިޓް އެޅުމަށް އެޗްޑީސީއާ ހަވާލުކުރިއެވެ.
  • މި މަޝްރޫއުތައް ނިންމުމަށް ކަނޑައަޅާފައިވާ މުއްދަތަކީ 16 މަސް ދުވަހާއި 18 މަސް ދުވަހެވެ.
  • ކުނބުރުދޫގައި 89 ހެކްޓަރުގެ ބިން މިދިޔަ އަހަރު ހިއްކާފައިވެއެވެ.

އދ. އަތޮޅުގެ މަހިބަދޫ އާއި ކުނބުރުދޫގައި ސަރުކާރުން އަޅަން ނިންމާފައިވާ ހައުސިން ޔުނިޓްތައް އެޅުމަށް، ހުޅުމާލެ ބަލަހައްޓާ ހައުސިން ޑިވެލޮޕްމެންޓް ޔުނިޓް (އެޗްޑީސީ)އާ މިއަދު ހަވާލުކޮށްފިއެވެ.

މި ސަރުކާރުގެ ގެދޮރުވެރިކަމުގެ ސިޔާސަތުގެ ތެރެއިން، މަހިބަދޫއާއި ކުނބުރުދޫގައި ހައުސިން ޔުނިޓްތައް އަޅުއްވާނެކަން ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާންކުރެއްވީ، 2024 ވަނަ އަހަރު އދ. އަތޮޅަށް ކުރެއްވި ދަތުރުފުޅެއްގެ ތެރެއިންނެވެ.

އެ މަސައްކަތް އެޗްޑީސީއާ ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި، މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ، ސްޓޭޓް މިނިސްޓަރު އިސްމާއިލް ހަމީދެވެ. އަދި އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ، މެނޭޖިން ޑިރެކްޓަރު، ރިޓަޔާޑް ބްރިގޭޑިއާ ޖެނެރަލް އަލީ ޒުހައިރެވެ.

މި މަޝްރޫއުގެ ތެރެއިން މަހިބަދޫގައި، 100 ހައުސިން ޔުނިޓް އެޅުމަށް ދީފައިވަނީ 18 މަސްދުވަހެވެ. އެއީ ތިން ކޮޓަރީގެ ހައުސިން ޔުނިޓްތަކެވެ.

އދ. އަތޮޅުގެ އެންމެ ކުޑަރަށް ކަމުގައިވާ، ކުނބުރުދޫގައި 25 ހައުސިން ޔުނިޓް އެޅުމަށް އެޗްޑީސީއަށް ދީފައިވަނީ 16 މަސް ދުވަހެވެ. އެއީ ވެސް ތިން ކޮޓަރީގެ ހައުސިން ޔުނިޓްތަކެއް ކަމަށް ހައުސިން މިނިސްޓްރީން ބުންޏެވެ.

އދ. މަހިބަދޫ އަދި ކުނބުރުދޫގައި ހައުސިން ޔުނިޓް އެޅުމަށް އެޗްޑީސީއާ ހަވާލުކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ/ ހައުސިން މިނިސްޓްރީ

ކުނބުރުދޫގައި ހައުސިން ޔުނިޓްތައް އެޅުމުގެ ކުރިން އެ ރަށުގެ ބިން ހިއްކުމުގެ މަސައްކަތް، މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައި އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންގޮސްފައިވެއެވެ. އެގޮތުން 89 ހެކްޓަރުގެ ބިން ވަނީ އެ ރަށުން ހިއްކާފައެވެ.

ފާއިތުވި ހަފުތާތަކުގެ ތެރޭގައި، ބައެއް ރަށްތަކުގައި ހައުސިން ޔުނިޓު އެޅުމުގެ މަސައްކަތްތައް ހައުސިން މިނިސްޓްރީން ހަވާލުކޮށްފައިވެއެވެ. އެގޮތުން ހދ. ވައިކަރަދޫގައި 50 ހައުސިން ޔުނިޓު އަޅަން، މިދިޔަ ބުދަ ދުވަހު އެޗްޑީސީއާ ހަވާލުކޮށްފައިވެއެވެ.

މީގެ އިތުރުން، މިދިޔަ ހަފުތާގެ ހޯމަ ދުވަހު ހައުސިން މިނިސްޓްރީން ވަނީ، ތިނަދޫ ސިޓީގައި ވެސް 50 ހައުސިން ޔުނިޓް އެޅުމުގެ މަސައްކަތް ފަށައިފައެވެ.

އެޗްޑީސީއަކީ ހުޅުމާލެ ބެލެހެއްޓުމުގެ މަސައްކަތް ހަވާލުކޮށްފައިވާ ސަރުކާރުގެ ކުންފުނި ކަމަށްވާއިރު، ސަރުކާރު ކުންފުނިތަކުގެ އާންމު މަސްއޫލިއްޔަތުތަކާ ނުގުޅޭ މަޝްރޫއުތައް އެ ކުންފުނިތަކާ ހަވާލުކުރުމުގެ ކަންބޮޑުވުން މީގެ ކުރިން ފެންމަތިވެފައިވެއެވެ. އަދި ލޯކަލް ކައުންސިލް އިންތިޚާބު ވަރަށް ގާތްވެފައި ވަނިކޮށް، މަޝްރޫއުތައް ފެށުމުގެ ކަންބޮޑުވުން ވެސް ބައެއް މީހުން ފާޅުކޮށްފައިވެއެވެ.

comment ކޮމެންޓް