ވައިގެ މަގުން ރާއްޖެ އެތެރެކުރަން އުޅުނު 3.9 މިލިއަން ރުފިޔާގެ މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގެންފިއެވެ.
ކަސްޓަމްސްއިން ބުނީ، މި މަހުގެ ހަތަރު ވަނަ ދުވަހު އަތުލައިގަތީ ބަރުދަނުގައި ދެ ކިލޯއަށް ވުރެ އިތުރަށް ހުރި "ސިންތެޓިކް ކެތިނޯން" ކިޔާ މަސްތުވާތަކެތި ކަމަށެވެ.
ކަސްޓަމްސްއިން ބުނި ގޮތުގައި، އެ ތަކެތި އަތުލައިގަތީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.
އެ ތަކެތީގެ މަގުމަތީ އަގު 3.9 މިލިއަން ރުފިޔާއަށް ވުރެ އިތުރު ކަމަށް އެ މުއައްސަސާއިން މައުލޫމާތުދެއެވެ.
ފާހަގަކުރެވޭ ގޮތުގައި، މީގެ ހަފުތާއެއް ކުރިން ވެސް ކަސްޓަމްސްއިން ވަނީ ވައިގެ މަގުން ރާއްޖެ އެތެރެކުރަން އުޅުނު 11 ކިލޯއަށް ވުރެ މަސްތުވާތަކެތި އަތުލައިގެންފައެވެ. އެ ތަކެތީގެ އަގު، 9.6 މިލިއަން ރުފިޔާއަށް އަރައެވެ.
މަސްތުވާތަކެތީގެ މައްސަލަ ރާއްޖޭގައި ވަރަށް ބޮޑުވެފައިވާއިރު، ރާއްޖެއަށް ބައެއް ބާވަތްތަކުގެ މަސްތުވާތަކެތި، ވަކި މިންވަރަކަށް ވުރެ އިތުރަށް އެތެރެ ކުރާ މީހުންނަށް މަރުގެ އަދަބު ދެވޭ ގޮތަށް، މަސްތުވާތަކެއްޗާ ބެހޭ ގާނޫނަށް ވަނީ އިސްލާހު ގެނެސްފައެވެ.