ވިލިމާލޭގެ ފުލެޓުތައް ގަސް ނެތް ސަރަހައްދަކަށް ބަދަލުކުރަން ގޮވާލައިފި: "ގެ އެޅިދާނެ، އެކަމަކު ފުނަ ވަލެއް އަނބުރާ ނުލިބޭނެ،"

ހުކުރު ދުވަހު ވިލިމާލެ ފުނަ ވާ ސަރަހައްދުގައި ކުރި އިހުތިޖާޖުގެ ތެރެއިން --

ވިލިމާލޭގެ ގުދުރަތީ ރީތިކަމާއި އެ ރަށުގައި ހުރި ދުވަސްވީ ގަސްގަހާގެހި ނެތިދާނެތީ އެ ރަށުގެ ރައްޔިތުންނާއި ތިމާވެށި ހިމާޔަތްކުރުމަށް ވަކާލާތުކުރާ ފަރާތްތަކުން އަންނަނީ ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރަމުންނެވެ. މި މައްސަލައަކީ ވިލިމާލޭގެ 'ފުނަވާ' ސަރަހައްދުގައި 300 ފުލެޓު އެޅުމަށް ސަރުކާރުން ނިންމުމާ ގުޅިގެން ފެންމަތިވެފައިވާ މައްސަލައެކެވެ. ރައްޔިތުންގެ ޝުއޫރުތަކަށް ބަލާއިރު، މި މަޝްރޫއަކީ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯދުމުގެ ނަމުގައި ތިމާވެއްޓަށް ބޮޑެތި ގެއްލުންތަކެއް ލިބިގެންދާނެ ކަމެއް ކަމަށް ގިނަ ބަޔަކު ދެކެއެވެ. ޚާއްސަކޮށް، ދުޅަހެޔޮ ސިއްހަތަކަށް ގުދުރަތީ މާހައުލު ބޭނުންވާކަން ފާހަގަކޮށް، އިޖުތިމާއީ އަދި ސިއްހީ ގޮތުން މިކަމުގެ ނޭދެވޭ އަސަރުތައް ކުރާނެ ކަމަށް ވަނީ އިންޒާރު ދީފައެވެ. މި ސަރަހައްދު ހިމާޔަތްކުރުމަށް ގޮވާލައި މިހާރު ވަނީ އިހުތިޖާޖުތައް ވެސް ކުރިއަށް ގެންގޮސްފައެވެ.

  • ވިލިމާލޭގެ ފުނަވާ ސަރަހައްދުގައި ފުލެޓު އެޅުމާ ދެކޮޅަށް ރައްޔިތުން ވަނީ އިހުތިޖާޖުކޮށްފައެވެ.
  • ގުދުރަތީ ވެށި ނައްތާލައިގެން ބޯހިޔާވަހިކަން ފޯރުކޮށްދިނުމަކީ ދެމެހެއްޓެނިވި ހައްލެއް ނޫން ކަމަށް ބުނެފައިވެއެވެ.
  • ތިމާވެށި ހިމާޔަތްކުރާ ފަރާތްތަކުން ގޮވާލަނީ ފުލެޓު އަޅާނެ އެހެން ސަރަހައްދެއް ހޯދުމަށެވެ.
  • މި މަޝްރޫއުގެ ދަށުން 17 ފަންގިފިލާގެ 3 ޓަވަރު އަޅަން ނިންމާފައިވާއިރު، 2028 ވަނަ އަހަރު މަސައްކަތް ނިންމަން ވަނީ އަމާޒު ހިފާފައެވެ.

ވިލިމާލޭގައި އިމާރާތްކުރާ 300 ފުލެޓު އެ ރަށުގެ އެހެން ދިމާލަކަށް ބަދަލުކޮށް، ވިލިމާލޭގައި ދުވަސްވީ ގަސްގަހާގެހި އެންމެ ގިނަ އެއް ސަރަހައްދު ކަމަށްވާ "ފުނަވާ" ސަރަހައްދު ހިމާޔަތްކުރުމަށް އެކި ފަރާތްތަކުން ގޮވާލައިފިއެވެ.

މާލޭ ސަރަހައްދުގައި އެންމެ ދުވަސްވީ ގަސްގަހާގެހި މިހާރު އެންމެ ގިނަ ސަރަހައްދަކީ ވިލިމާލޭގެ ފުނަވާ ސަރަހައްދެވެ.

ދުޅަހެޔޮ ސިއްހަތަކަށް ވަކާލާތުކުރާ، އަދި ހީޓް ފިޓްނެސްގެ ސީއީއޯ ޢާއިޝަތު ޝިފާނާ ވަޖީހު 'ފޭސްބުކް'ގައި ލިޔުއްވި ޕޯސްޓެއްގައިވަނީ، އާންމުން އަޑު އުފުލައި ގޮވާލަންވީ ވިލިމާލޭގައި އިމާރާތްކުރާ ފުލެޓުތައް އެހެން ސަރަހައްދަކަށް ބަދަލުކުރުމަށް ކަމަށެވެ.

ރާއްޖޭގެ ގިނަ މީހުންގެ އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ ބޯހިޔާވަހިކަން ކަށަވަރުނުވުންކަން ޝިފާނާ ފާހަގަކުރެއްވިއެވެ. ނަމަވެސް ބޯހިޔާވަހިކަމަށް ދިގުދެމިގެންދާ ހައްލެއް ހޯދުމަށް މަސައްކަތްކުރުމުގެ ބަދަލުގައި ސަރުކާރުގެ އަމަލުތައް ހުރީ ކުދިކުދި ވަގުތީ ހައްލު ގެނެސް، ދިމާވާ ގޯސްތައް ހައްލުކުރުމަށް ނޫން ކަމަށް ޝިފާނާ ލިޔުއްވާފައިވެއެވެ.

އެކި ނަންނަމުގައި ފުލެޓުތައް އިމާރާތްކުރަމުން ދާއިރު، ދުޅަހެޔޮ ދިރިއުޅުމެއް އުޅުމަށް ބޭނުންވާ ސާފު ވެށި ނެތެމުންދާ ކަމަށް، ޝިފާނާ ލިޔުއްވާފައިވެއެވެ. އަދި އޭގެ ގެއްލުން މިހާރު ފެންނަމުންދާކަމަށް ވެސް އޭނާ ލިޔުއްވާފައިވެއެވެ.

ޝިފާނާ ލިޔުއްވިގޮތުގައި، ގިނަ މީހުން ބަލިވަނީ ދިރިއުޅެމުންދާ ނުސާފު ވެށީގެ ސަބަބުންނެވެ.

"ހިނގާލާނެ، ހެލިފެލިވެ އުޅޭނެ، އަދި ނޭވާލާނެ ޖާގައެއް ނެތިއްޔާ، ދުޅަހެޔޮ ދިރިއުޅުމެއް މީހަކަށް އުޅެވޭނީ ކިހިނެއްހެއްޔެވެ؟" ޝިފާނާގެ ޕޯސްޓުގައިވެއެވެ.

ތިމާވެށި ނެތެމުން ދިއުމުގެ ސަބަބުން އެންމެ ބޮޑު އަސަރެއް ކުރާނީ ކުޑަކުދިންނަށް ކަމަށް، ޝިފާނާ ލިޔުއްވާފައިވެއެވެ. އޭނާ ލިޔުއްވިގޮތުގައި، ގުދުރަތީ މާހައުލާ ދުރުގައި ހެދިބޮޑުވެ، ހެލިފެލިވެ އުޅުމުގެ ފުރުސަތު ހަނިވުމުގެ ސަބަބުން ޒުވާން އުމުރުގައި ހަކުރުބަލި ފަދަ ބަލިތައް ޖެހޭ މީހުންގެ އަދަދު އަންނަނީ އިތުރުވަމުންނެވެ.

ފުނަވާ ސަރަހައްދުގައި ފުލެޓު އަޅަން ބިން ހަމަޖެއްސީ ސަރުކާރުންނެވެ. މި ސަރަހައްދު ހިމާޔަތްކުރުމަށާއި، އެހެން ސަރަހައްދެއްގައި ފުލެޓުތައް އިމާރާތްކުރުމަށް ގޮވާލައި ހުކުރު ދުވަހު އެ ސަރަހައްދުގައި އިހުތިޖާޖުކުރިއެވެ.

https://sun.mv/219719

އެ އިހުތިޖާޖުގައި އިސްކޮށް ހަރަކާތްތެރިވި އަޙްމަދު މުޙައްމަދު (ފޯމީ) 'ސަން'އަށް ބުނީ، ފުލެޓުތައް އިމާރާތްކުރަން ގަސް ނެތް ސަރަހައްދު ވިލިމާލޭގައި އެބަހުރި ކަމަށާއި، ބޭނުންވަނީ އެފަދަ ސަރަހައްދެއްގެ ބަދަލުގައި ގަސް ގިނަ ފުނަވާ ސަރަހައްދުގައި ފުލެޓުތައް އިމާރާތްކުރާ ސަބަބު ހޯދަން ކަމަށެވެ.

އެއްވެސް އިރެއްގައި ފުލެޓުތައް ނާޅަން ވަކާލާތުނުކުރާ ކަމަށާއި، ވަކާލާތުކުރަނީ ފުލެޓު އަޅާ ސަރަހައްދު ބަދަލުކުރަން ކަމަށް، އަޙްމަދު ބުންޏެވެ.

"އަހަރެމެން މި ބުނަނީ މިތަން ބަދަލުކުރާށޭ އެހެން ތަނަކަށް، ގެ އެޅިދާނެއޭ، އެކަމަކު ފުނަ ވަލެއް ނުލިބޭނެޔޭ،" އަޙްމަދު ބުންޏެވެ.

ވިލިމާލޭގައި 300 ފުލެޓު އަޅާ މަޝްރޫއުގައި 17 ފަންގިފިލާގެ ތިން ޓަވަރު ތަރައްގީކުރާނެއެވެ. އަދި މި މަޝްރޫއުގެ ދަށުން ތަރައްގީކުރެވެނީ ބޮޑުމިނުގައި 900 އަކަފޫޓު ހިމެނޭ ތިން ކޮޓަރީގެ އެޕާޓްމަންޓްތަކެކެވެ. މި މަޝްރޫއު 2028ވަނަ އަހަރުގެ މެދުތެރޭ ނިންމާލެވޭނެ ކަމަށް، ބީއެމްއެލުން ލަފާކުރެއެވެ.

comment ކޮމެންޓް