ކަރަންޓު ބިލާއެކު ދައްކަންޖެހޭ، ކުނީގެ ޚިދުމަތްދޭ ސަރުކާރު ކުންފުނި ވެމްކޯގެ ބިލު މިދިޔަ ރަމަޟާން މަހު ދައްކައިދިނީ ސަރުކާރުން ކަމަށް، ރާއްޖޭގައި ކަރަންޓުގެ ޚިދުމަތްދޭ މައި ކުންފުނި ސްޓެލްކޯއިން ބުނެފިއެވެ.
މިހާރު އޮންނަ ގޮތުން، ސްޓެލްކޯއިން ކޮންމެ މަހަކު ވެސް ބިލުކުރަނީ ވެމްކޯގެ ކުނީގެ ޚިދުމަތަށް ދައްކަންޖެހޭ 150 ރުފިޔާ ހިމަނައިގެންނެވެ. ނަމަވެސް މި ރަމަޟާން މަހުގެ ބިލު އާންމުންނަށް ފޮނުވިއިރު، ސްޓެލްކޯއިން ބިލު ފޮނުވީ ވެމްކޯއަށް ދައްކަންޖެހޭ 150 ރުފިޔާ ނުހިމަނައެވެ.
"ވެމްކޯއަށް ސަރުކާރުން މިފަހަރު ޕޭ ކޮށްލާނީ، އެއްވެސް ކަސްޓަމާއެއްގެ ބިލަކަށް ނުލާނެ ވެމްކޯގެ ޗާޖެއް،" ސްޓެލްކޯއިން ބުންޏެވެ.
ރަމަޟާން މަސް ނިމުމުން, ދެން ހަމަ ކުރިއެކޭ ވެސް އެއްގޮތަށް ކޮންމެ މަހަކު ވެމްކޯއަށް ދައްކަންޖެހޭ 150 ރުފިޔާ ބިލުގައި ހިމަނާނެ ކަމަށް، ސްޓެލްކޯއިން ބުންޏެވެ.
ފާހަގަކުރެވޭ ގޮތުގައި، މިއަހަރުގެ ރަމަޟާން މަހުގެ ކަރަންޓު ބިލު 400 ރުފިޔާއަށް ވުރެ ބޮޑުނުވާނެ ގޮތަށް ޑިސްކައުންޓު ދެއްވާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިދިޔަ ނޮވެންބަރު މަހުގެ މެދުތެރޭ ވިދާޅުވެފައިވެއެވެ.
އެގޮތުން، ނޮވެންބަރު މަހުގެ 14ވަނަ ދުވަހުގެރޭ އޮތް ޕީއެންސީގެ ޖަލްސާގައި ރައީސް ވިދާޅުވީ ކޮންމެ ރަމަޟާން މަހަކު ވެސް މި ސަރުކާރުން ރައްޔިތުންނަށް ދެމުންދާ ލުއިތަކުގެ ތެރެއިން މި ނިމުނު ރަމަޟާން މަހު ކޮންމެ ގޭބީސީއަކަށް ޑޮމެސްޓިކް ރޭޓުން ބިލު ކުރި އެއްވެސް ބިލެއް 400 ރުފިޔާއަށް ވުރެ ބޮޑުނުވާނެ ކަމަށެވެ.
ރައީސްގެ އެ ވައުދުފުޅާ އެއްގޮތަށް ސްޓެލްކޯއިން ވަނީ ރަމަޟާން މަހު ބިލުތަކަށް ޑިސްކައުންޓު ދީފައެވެ.