ނަތީޖާއަށްވުރެ ބޮޑަށް، ކުޅުންތެރިން ބިނާކުރުމުގައި އެފްއޭއެމްގެ ދުރު ރާސްތާގެ ޕްލޭނެއްގެ މުހިންމުކަން ޤައުމީ ޓީމުގެ ކުރީގެ ކުޅުންތެރިޔާ އަދި ކޯޗު ސޮބާހް މުޙައްމަދު ފާހަގަކޮށްފިއެވެ.
ސޮބާ މިކަން ފާހަގަކޮށްފައިވަނީ ސާފް 20 އަހަރުންދަށުގެ ފުޓުބޯޅަ މުބާރާތުގައި ނޭޕާލާ ދެކޮޅަށް ކުޅުނު މެޗު އެއްވަރުކުރުމަށްފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމާ ގުޅޭގޮތުން ސަން އިން ގެނެސްދިން ސޯޝަލް މީޑިއާގައި ޝެއާކުރުމަށްފަހުއެވެ.
ފުޓުބޯޅައިގައި ނެރެވޭ ނަތީޖާއަކީ އަބަދުވެސް އާންމުންގެ އުންމީދުތައް ބިނާވާނެ އަސާސެކެވެ. މިއީ އެންމެންނަށްވެސް ގަބޫލުކުރެވޭނެ ހަގީގަތެކެވެ. ނަމަވެސް، މި ޖީލުގެ ހުނަރުވެރި ގިނަ ކުޅުންތެރިންތަކެއް ބިނާކުރި، އަދި މިހާރު 17 އަހަރުން ދަށުގެ ޓީމުގެ ކޯޗު ސޮބާހް މުޙައްމަދު ދެކޭ ގޮތުގައި، މިހާރު ފެންނަމުންދާ ހުނަރުވެރި ޒުވާން ކުޅުންތެރިންނަކީ ކުއްލިއަކަށް އައި ބައެއް ނޫނެވެ. މިއީ އެތައް އަހަރެއްގެ ބުރަ މަސައްކަތުގެ ނަތީޖާއެވެ.
ފާއިތުވި 10 ވަރަކަށް އަހަރުގެ ތެރޭގައި މި ކުޅުންތެރިން ތަރައްޤީކުރުމުގައި އެންމެ އިސް ދައުރެއް އަދާކޮށްފައިވަނީ ރާއްޖޭގެ ފުޓުބޯޅަ ކްލަބްތަކާއި އެކެޑަމީތަކުންނެވެ. ސޮބާހް ފާހަގަކުރާ ގޮތުގައި، ނިއު ރޭޑިއަންޓް، ޓީސީ، ވެލެންސިއާ، މާޒިޔާ އެކެޑަމީ އަދި ސަސް އެކެޑަމީ ފަދަ ކްލަބްތަކުން ވަނީ މި ކުޅުންތެރިންގެ ބިންގާ އެޅުމުގައި ވަރަށް ބޮޑު ގުރުބާނީއެއް ވެފައެވެ.
ގާތްގަނޑަކަށް 5 ނުވަތަ 6 އަހަރު ވަންދެން މި ކުޅުންތެރިންނާއެކު މަސައްކަތްކުރި ކޯޗެއްގެ ހައިސިއްޔަތުން، އެ ކުދިންގެ ކުރިއެރުމާއި ހިތްވަރު ސޮބާހް ވަނީ ވަރަށް ގާތުން ދެކެފައެވެ.
ކްލަބްތަކުން ރަނގަޅު މަސައްކަތްތަކެއް ކުރި ނަމަވެސް، ކުޅުންތެރިންގެ ކެރިއަރުގެ އެންމެ މުހިންމު މަރުހަލާތަކުގައި ފުޓުބޯޅަ އެސޯސިއޭޝަނުގެ ފަރާތުން ލިބެންޖެހޭ އެކަށީގެންވާ އެހީތެރިކަން ލިބިފައިނުވާކަން ސޮބާހް ވަނީ ހާމަކޮށްފައެވެ.
ޚާއްޞަކޮށް، ޒުވާން ކުޅުންތެރިންނަށް ބައިނަލްއަޤްވާމީ ފެންވަރުގައި ވާދަކުރުމުގެ ފުރުޞަތުތައް ހޯދައިދިނުމަކީ ވަރަށް މުހިންމު ކަމެކެވެ. މިއީ ބިރުކެނޑުމަށާއި، މަތީ ފެންވަރުގެ ކުޅުމަށް ހޭނުމަށް ކޮންމެހެން ބޭނުންތެރި ކަމެއްގެ ގޮތުގައި ސޮބާ ފާހަގަކުރިއެވެ.
އުމުރުން 12 އަހަރާއި 18 އަހަރާ ދެމެދަކީ ކުޅުންތެރިއެއްގެ ޙަޔާތުގައި އެންމެ ނާޒުކު އަދި އެންމެ މުހިންމު ދުވަސްވަރުކަން ފާހަގަކޮށް ސޮބާ ބުނީ މި މަރުހަލާގައި ހަމައެކަނި ފުޓުބޯޅައިގެ ހުނަރު ދަސްކޮށްދިނުމަކުން ނުފުދޭ ކަމަށެވެ. ސިކުނޑީގެ ގޮތުންނާއި، ނަފްސާނީ ގޮތުން ދުޅަހެޔޮ، އަދި ޖިސްމާނީ ގޮތުން ވަރުގަދަ ކުޅުންތެރިއަކަށް ހެދުމަށް ޚާއްޞަ ސަމާލުކަމެއް ދޭންޖެހެކަމަށް ސޮބާ ބުންޏެވެ.
ހިތާމަޔަކީ، ރާއްޖޭގައި މި ކަންކަމަށް އަމާޒުކޮށްގެން ދިގު މުއްދަތުގެ ރޭވުންތެރިކަމަކާއެކު އެކަށީގެންވާ މަސައްކަތްތަކެއް ކުރެވިފައި ނުވާ ކަމަށާއި ބައިނަލްއަޤްވާމީ މުބާރާތްތަކުގައި ދިވެހި ކުޅުންތެރިންނަށް ކުރިއަށް ދިއުމުގައި ހުރަސްތަކާ ކުރިމަތިލާންޖެހޭ މައިގަނޑު ސަބަބަކީ މިއީކަމަށް ސޮބާ ބުންޏެވެ.
އާންމުންގެ އުންމީދުތައް އަބަދު އޮތް ނަމަވެސް، ޤައުމީ ފެންވަރުގައި ކާމިޔާބީ ހޯދުމަށްޓަކައި އެފްއޭއެމްގެ ފަރާތުން ސާފު، ދުރު ރާސްތާގެ ތަރައްޤީގެ ޕްލޭނެއް ބޭނުންވާކަމަށް ސޮބާ ފާހަގަކުރިއެވެ. އަދި އެފަދަ ޕްލޭނަކާ ނުލައި މަތީ ހަރުފަތްތަކަށް ވާސިލުވުމަކީ ނާދިރު ކަމެކެވެ.
ސޮބާހްގެ ބަސްތަކުން ދޭހަވަނީ، އަޅުގަނޑުމެންނަށް ހުވަފެންތަކެއް ދެކެވިދާނެ ކަމަށެވެ. ނަމަވެސް އެ ހުވަފެންތައް ހަގީގަތަކަށް ހެދޭނީ، ފުރިހަމަ ރޭވުންތެރިކަމަކާއެކު ބިންގާ އަޅައި، އެކަމަށްޓަކައި ގަދައަޅައި މަސައްކަތްކޮށްގެންނެވެ.