ބޮލީވުޑްގެ އެކްޓަރު ސަންޖޭ ދަތު މުހިއްމު ރޯލަކުން ފެންނާނެ ފިލްމު "އާޚިރީ ސަވާލު"ގެ ޕޯސްޓަރު ދައްކާލުމަށްފަހު ފިލްމު ސިނަމާތަކަށް ގެންނަ ތާރީޚު ވެސް އިއުލާނުކޮށްފިއެވެ.
ނޭޝަނަލް އެވޯޑް ހާސިލްކޮށްފައިވާ ޑައިރެކްޓަރު އަބީޖީތު މޯހަން ވަރަންގް ޑައިރެކްޓްކޮށް، ސަންޖޭ ދަތު ލީޑް ރޯލުން ފެނިގެންދާ ފިލްމު "އާޚިރީ ސަވާލް" ސިނަމާތަކަށް ގެންނާނެކަން އިއުލާނުކޮށްފައި ވަނީ މި އަހަރުގެ މެއި މަހުގެ 15 ވަނަ ދުވަހުއެވެ.
މި ފިލްމަކީ 1925 ވަނަ އަހަރު ކޭޝަވް ބަލީރާމް ހެޑްގޭވާރު އުފެއްދެވި 'ރާޝްތުރިޔާ ސްވަޔަމްސޭވަކް ސަންގް' (އާރްއެސްއެސް)އަށް 100 އަހަރު ފުރުމާ ގުޅިގެން، އެ ޖަމާއަތުގެ ތާރީޚާއި ފަލްސަފާގެ ތެރެއިން ގިނަ ބަޔަކަށް ނޭނގޭ މުހިންމު ކަންތައްތަކެއްގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ ފިލްމެކެވެ.

ސަންޖޭ ފިލްމު "ދުރަންދަރު 2"ގެ މަންޒަރެއްގައި--ފޮޓޯ/މިޑްޑޭ
ފިލްމުގެ އާ ޕޯސްޓަރެއް އާންމުކޮށްފައި ވާއިރު، އޭގައި ހިމަނާފައިވާ ޓެގްލައިންއަކީ "އިންޑިއާގެ ރައްޔިތުން އަބަދުވެސް ކުރަމުން އައި ސުވާލު" މިގޮތަށެވެ. ނިކިލް ނަންދާ އާއި ދަންރާޖް ނަތުވާނީ ހުށަހަޅައިދޭ މި ފިލްމަކީ ނިކިލް ނަންދާ މޯޝަން ޕިކްޗަސް އާއި ނީމް ޓްރީ އެންޓަޓައިންމަންޓްގެ ފަރާތުން ނިކިލް ނަންދާ އާއި ސަންޖޭ ޕްރޮޑިއުސްކުރާ ފިލްމެކެވެ.
ސަންޖޭ ދަތުގެ އިތުރުން މި ފިލްމުގެ މުހިންމު ރޯލުތަކުން އަމިތު ސާދު، ނަމާޝީ ޗަކްރަބޯތީ، ސަމީރާ ރެޑީ، ތުރިދާ ޗައުދަރީ އަދި ނީތޫ ޗަންދުރާ ފެންނާނެއެވެ.
މި ފިލްމުގެ ޑައިރެކްޓަރު އަބީޖީތު ވަރަންގް އަކީ 2021 ވަނަ އަހަރު ރިލީޒްކުރި މަރާޓީ ފިލްމު "ޕިކާސޯ"އިން 67 ވަނަ ނޭޝަނަލް ފިލްމު އެވޯޑްސްގައި ވެސް ވިދާލި މީހެކެވެ. އޭނާ މީގެ ކުރިން ޑައިރެކްޓްކޮށްފައިވާ ފިލްމުތަކުގެ ތެރޭގައި "ޑެޖާ ވޫ"، "ޕްރޭމް ޕްރަތާ ދުމްޝަން" އަދި "ޕިކޯލޯ" ހިމެނެއެވެ.
ފިލްމު "އާޚިރީ ސަވާލް"ގެ ވާހަކަ، ސްކްރީންޕްލޭ އަދި ޑައިލޮގްތައް ތައްޔާރުކޮށްފައި ވަނީ އުތުކަރްޝް ނައިތާނީއެވެ. މި ފިލްމު ކޯ-ޕްރޮޑިއުސްކޮށްފައި ވަނީ ޕުނީތު ނަންދާ، ޑރ. ދީޕަކް ސިންގް، ގޯރަވް ދުބޭ އަދި އުޖްވަލް އާނަންދުއެވެ.
ސަންޖޭ އެންމެފަހުން ބެލުންތެރިންނަށް ފެނިފައި ވަނީ މި މަހުގެ 19 ވަނަ ދުވަހު ސިނަމާތަކުގައި ރިލީޒްކޮށް ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީއެއް ހޯދަމުން އަންނަ ފިލްމު "ދުރަންދަރު 2"އިންނެވެ.