އެމެރިކާ އަދި އިސްރާއީލާ ގުޅުންހުރި ސަރަހައްދީ ސިނާޢީ ކުންފުނިތަކުގެ މުވައްޒަފުން ވަގުތުން އެ ތަންތަން ދޫކޮށް ރައްކާތެރި ހިސާބުތަކަށް ދިއުމަށް އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރްޖީސީ) އިން މިއަދު އަންގައިފިއެވެ.
މި އިންޒާރު ދީފައި ވަނީ އީރާނުގެ ހެވީ ވޯޓާ ޕްލާންޓަކަށާއި، ޔެލޯކޭކް (ޔުރޭނިއަމް ޕްރޮސެސްކުރާ) މަރުކަޒަކަށް އަމާޒުކޮށް ޙަމަލާތަކެއް ދީފައިވާ ދަނޑިވަޅެއްގައެވެ.
އީރާނުގެ ތަސްނީމް ނޫހާ ހަވާލާދީ ރިޕޯޓުކޮށްފައިވާ ގޮތުގައި، އައިއާރްޖީސީން ވަނީ އެމެރިކާގެ ހިއްސާ އޮންނަ ސިނާޢީ ކުންފުނިތަކަށާއި އިސްރާއީލާ ގުޅިފައިވާ ބޮޑެތި ސިނާޢަތްތަކަށް އަމާޒުކޮށް ބަދަލުހިފުމުގެ ޙަމަލާތަކެއް އެ ޖަމާޢަތުގެ ހަނގުރާމަވެރިން ދެމުންގެންދާކަމުގެ އިންޒާރު ދީފައެވެ.
އެހެންކަމުން، އެފަދަ ކުންފުނިތަކުގެ މުވައްޒަފުން ވަޒީފާގެ މާޙައުލުން ނުކުތުމަށާއި، އެ ތަންތަނުގައި އެއް ކިލޯމީޓަރުގެ ސަރަޙައްދެއްގައި ދިރިއުޅޭ އާންމުން ވެސް ޙަމަލާތައް ނިމެންދެން އެ ސަރަޙައްދުން ދުރަށް ދިއުމަށް ވަނީ އަންގާފައެވެ.
މި އިންޒާރު އައިސްފައި ވަނީ އެމެރިކާއާއި އިސްރާއީލުން ގުޅިގެން އީރާނުގެ މުހިންމު މަރުކަޒުތަކަކަށް ޙަމަލާދީފައިވާ ކަމަށް އީރާނުގެ މީޑިއާތަކުން ރިޕޯޓުކޮށްފައި ވަނިކޮށެވެ.
އޭގެ ތެރޭގައި އީރާނުގެ މަރުކަޒީ ސަރަޙައްދުގައިވާ ޚޮންދާބް ހެވީ ވޯޓާ ކޮމްޕްލެކްސް އަދި ޔަޒްދު ޕްރޮވިންސްގެ އަރްދަކާންގައި ހުންނަ ޔުރޭނިއަމް ޕްރޮސެސްކުރާ މަރުކަޒު ހިމެނެއެވެ. މީގެ އިތުރުން، އިސްފަހާންގައި ހުންނަ މުބާރަކޭ ސްޓީލް ފެކްޓަރީއަށާއި ޚޫޒިސްތާން ސްޓީލް ފެކްޓަރީއަށް ދިން ޙަމަލާތަކެއްގައި ގެއްލުންތަކެއް ލިބި، މީހަކު މަރުވެފައިވާކަމަށް ވެސް ފާރްސް ނިއުސް އޭޖެންސީން ވަނީ ރިޕޯޓުކޮށްފައެވެ.
މި ހަމަނުޖެހުންތަކާ ގުޅިގެން މެދުއިރުމަތީގެ މަސްރަޙު އިތުރަށް ގޯސްވެފައިވާއިރު، އައިއާރްޖީސީން ވަނީ އެމެރިކާއާއި އިސްރާއީލަށް ވާގިވެރިވާ ފަރާތްތަކުގެ ބޯޓުފަހަރު ހުރްމޫޒް ކަނޑުއޮޅިން ދަތުރުކުރުން މަނާކޮށް، އެ ސަރަޙައްދު ބަންދުކޮށްފައިވާކަން ވެސް އިޢުލާނުކޮށްފައެވެ. އަދި އެ ކަނޑުއޮޅިން ދަތުރުކުރަން މަސައްކަތްކުރާ ކޮންމެ އުޅަނދަކާ މެދު ހަރުކަށި ފިޔަވަޅު އަޅާނެކަމުގެ އިންޒާރު ދީފައިވާއިރު، މިއަދު އެކަނިވެސް ތިން ބޯޓެއް ވަނީ އެ ސަރަޙައްދަށް ވަނުމަށް ހުރަސްއަޅާފައެވެ. މިއާއެކު ސަރަޙައްދީ އިޤުތިޞާދީ މަރުކަޒުތަކަށާއި ކަނޑުދަތުރުފަތުރަށް އޮތް ނުރައްކާ ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.