މި ވާހަކައިގައި މައިގަނޑު ގޮތެއްގައި ފެނިގެންދަނީ އަޔާޝްގެ ނަފްސާނީ އަދި އާއިލީ ކޯޅުންތަކެވެ. އަޔާޝްގެ ކޮއްކޮ މިނާހް އާއި ހަޔާ ގާތްކޮށް އުޅޭތަން ފެނުމުން، އަޔާޝް އިންތިހާއަށް ރުޅިއައިސް، ހަޔާއާ ދުރުވުމަށް މިނާހްއަށް އިންޒާރުދެއެވެ. މީގެ އިތުރުން، އަޔާޝް އޭނަގެ މާމައަށް ޒިޔާރަތްކުރުމާމެދު ވިސްނާ، މަންމަގެ ހަނދާންތަކާ ކުރިމަތިލުމަށް ޖެހިލުންވާކަން ހާމަވެއެވެ. ނަމަވެސް ރަމަޟާންމަހުގެ ފަހު ދިހައިގައި އަޅުކަމަށް ސަމާލުކަންދީ، ނަމާދުން ހިތްހަމަޖެހުން ހޯދައެވެ. ވާހަކައިގެ އެންމެ ފަހުކޮޅުގައި، އަޔާޝް ހޮސްޕިޓަލުގެ އިސްވެރިއެއްގެ ހައިސިއްޔަތުން ބަޔޯފާމާ ނަމަކަށްކިޔާ ސިއްރު ކުންފުންޏެއްގެ ބަޔަކާ ބައްދަލުކޮށް، ވެކްސިންއާ ގުޅޭ ނުރައްކާތެރި ސިއްރުތަކެއް ފޮރުވުމަށް އެއްބަސްވެއެވެ. ހަމައެވަގުތު، މިނާހް ހޮސްޕިޓަލުގެ ފައިލްތައް ހުންނަ ކޮޓަރީގައި ހުރެ، މި ބޮޑު ސިއްރު ހާމަވުމުގެ މަގުމަތީގައިވާކަން ދައްކުވައިދެއެވެ.

  • އަޔާޝް އޭނަގެ ކޮއްކޮ މިނާހް އަދި ހަޔާގެ ގުޅުމާމެދު ހިތްހަމަނުޖެހި ރުޅިގަދަވުން
  • ރަމަޟާންމަހުގެ ފަހު ދިހައިގައި އަޔާޝް އަޅުކަމަށް ސަމާލުކަންދީ ހިތްހަމަޖެހުން ހޯދުން
  • އަޔާޝްގެ މާމަ ގުޅުމުން، މާމައަށް ޒިޔާރަތްކުރަން ނިންމުން އަދި މަންމަގެ ހަނދާންތަކާ ދުރުވާން މަސައްކަތްކުރުން
  • ހޮސްޕިޓަލުގެ ސިއްރު ކޮޓަރިއެއްގައި، ވެކްސިންގެ މައުލޫމާތު އޮޅުވާލުމަށް ބަޔަކާއެކު އަޔާޝް އެއްބަސްވުން
  • ހޮސްޕިޓަލުގެ ފައިލްތައް ހުންނަ ކޮޓަރީގައި މިނާހް ހުއްޓާ، ބޮޑު ސިއްރެއް ފަޅާއަރާފާނެކަމުގެ ނިޝާންތައް ފެނުން

"ކޮންމެވެސް ދުވަހަކުން ﷲގެ ރަހުމަތްފުޅާއެކު ތިބާ ވެސް ޖަންނަތުގައި ވާނެއެވެ. ތިބާ ލޮލުން އޮހުނު ކޮންމެ ކަރުނަ ތިއްކެއް، ކޮންމެ އިމްތިހާނެއް، ބަންދުވި ކޮންމެ ދޮރެއް، އިޖާބަނުވި ކޮންމެ ދުއާއެއް ދެކެފައި އެދުވަހަކުން ތިބާ ބުނާނެއެވެ. "ޔާﷲ، އިބަރަސްކަލާނގެ ކޮންމެ ކަމެއް އެގޮތަށް ނިންމެވި ސަބަބު މިއަޅާއަށް ވިސްނިއްޖެ" އެހެންވީމަ ކޮންމެ ނިޔާފުޅަކަށް ރުހޭށެވެ. ކޮންމެ ކަމެއް ވާނީ ތިބާއަށް ރަނގަޅަށެވެ.

***

އަޔާޝް ލިވިން ރޫމަށް ނުކުތްއިރު ބިއްލޫރި ދޮރުތަކުން ތޫފާންގެ ބިރުވެރިކަން ފެނުނެވެ. އެއާއެކު ފެންޑާގައި ތިބި ދެމީހުން ފެނުމުން ހިތުގައި ވަކި އަޅުވައިލިހެން ހީވިއެވެ. މިނާހް އެނބުރިލާފައި ހަޔާއަށް ބަލަހައްޓައިގެން އިނދެ ހިނިތުންވަމުން އެއްޗެއް ބުނެލިއެވެ.

ހަޔާ ބާރުބަރަށް ހީގަތެވެ. އުފާވެރިކަމުގެ ޑެފިނިޝަންއެވެ.

"ޓޫ ކްލޯސް.. ހަޔާއަކީ މަގޭ ކޮއްކޮގެ މީހަކަށް ވެގެން ނުވާނެ..."އަޔާޝްއަށް ބުމަ ގާތްކޮށްލެވިއްޖެއެވެ. ހަޔާ ގަސްތުގައި ބަދަލު ހިފަން ޖެއްސުމަކަށް މިގެއަށް ވަދެ އޭނަގެ ކޮއްކޮއާއި ރައްޓެހިވާން އުޅެނީހެއްޔެވެ؟ ގަސްތުގައި އޭނަގެ ހިތަށް އަނިޔާދޭނެ ގޮތެއް ނުފެނިފައި ހުއްޓާ ވަސީލަތެއް ފެނުނީހެއްޔެވެ؟ އަޔާޝްގެ ރުޅިގަނޑު ގަދަވީ ވަރުން މޭގައި ރިއްސަންފެށިއެވެ. އޭނަ ކޮއްކޮއަށް އިންޒާރު ދިނެވެ. ހަޔާއާއި ދުރުން އުޅުމަށެވެ. ތިމާގެ ބޭބެއެއް އިރެއްގައި ކައިވެނިކުރަން އުޅުނު އަންހެން ކުއްޖާއާއި ހިތާވެގެން މަސްލަހަތު ގެއްލިދާނެއެވެ. އެ ދެމީހުން ވާރޭގެ މަންޒަރު ބަލަން ތިބެ ދެއްކި ވާހަކައެއް އެނގޭހިތުން ވެސް ހިތް ބޭގަރާރުވިއެވެ. އަނެއްކޮޅުން ޔަލްވީގެ "އޮބްސެސިވް" ލޯތްބެވެ. އޭނަ އެހާ ސީރިޔަސް އިރު ވެސް ލޯބިވާންވީ ކީއްވެހެއްޔެވެ؟ އަޖައިބެއް ކަހަލަ އަންހެން ކުއްޖެކެވެ. މިހާ ދުރުން އުޅޭއިރު ވެސް މޮޔަބޮޑުވެގެން އުޅެން މި އަންހެންވެރިން ހާދަ ވަރުފަށެއް ހުރެއެވެ.

އެރޭ އޭނައަށް ނިދީގެ ހިތްހަމަޖެހުމެއް ނުލިބުނެވެ. މުޅި ރޭހެން ހޭދަކުރީ ކޮފީއާއިއެކު ބެލްކަނީގައެވެ. އާއިލާގެ ވައިބާ ގްރޫޕުން ހަޔާ ފެނުމާއެކުހެން ދީނީ ޕޯސްޓެއް ލިއެވެ. އެއާއެކު މިނާހް ވަގުތުން ހިތެއް ފޮނުވިއެވެ. އޭނައަށް ފޯނު އަތުކޮޅަށް އެއްލައި ނުލެވުނީ ކިރިޔާއެވެ. އެ ދެމީހުންގެ އެއޮތް ގުޅުމާ ހެދި އޭނަގެ ސިކުނޑި ހަލާކުވާވަރު ވެއްޖެއެވެ. ނިދިވެސް ހަލާކުކޮށްލައިފިއެވެ. ރުޅިގަނޑާއެކު ދިޔަ ބާރުމިނުގައި ހަޔާގެ އަތުގައި ހިފާ ވާރޭތެރެއަށް ނެރެލަން ވެސް ޟަމީރު ގޮވިއެވެ.

ރޯދަ ވީއްލުމުގެ އިންތިޒާމް އެހެން ދުވަހަށްވުރެ ފުރިހަމަހެން ހީވިއެވެ. މޭޒުމަތީގައި ހުރި ބިއްލޫރި ވާސްގައި ހުރި ފިނިފެންމާތަކުގެ ފިޔައިގާ ޝަބްނަމްގެ ތިކިތަކެވެ. ހަޔާގެ މަސައްކަތެއްކަން ޔަގީނެވެ. ކުރީ ޒަމާނުގެ ހައިވަކަރު މުށިކުލައިގެ ކުޑަދޮރުތަކުން ބޭރު ފެންނަމުން ދިޔައިރު ފަޒާއަށް ފުސްކަމެއް ވެރިވެފައިވިއެވެ. އޭނައަށް ފާހަގަކުރެވުނީ މިނާހްއާއި ހަޔާ ނެތްކަމެވެ. އެދެމީހުން ކޮބާހެއްޔެވެ؟ އެކީގައި ރޯދަ ވީއްލުމުގެ ދައުވަތަކަށް ދިޔައީބާވައެވެ. އޭނަގެ ހިތުގައި ނުތަނަވަސްކަން ވަކި ހިއްޕައިލިއެވެ. ރުޅީގެ މައްޗަށް ކެތްތެރިކަން އިސްކުރަން ހެދިއެވެ.

"ހުރިހާ ކުދިން ދުޢާކޮށްބަލަ..ރޯދަވީއްލާ ވަގުތު ކުރާ ދުޢާ އިޖާބަވާނެ.."ޢާސީން ހަނދާންކޮށްދިނެވެ. ޔަލްވީގެ ނަޒަރު އަޔާޝްއަށް ހުއްޓުނެވެ.

"ޢާ ޔޫ ޝުއާ؟ އަހަންނަށްވެސް ހަޔާ ދަސްކޮށް ދިނީ ދުޢާކުރަން..ކޮންމެވެސް އެއްގޮތަކަށް ދުޢާ އިޖާބަވާނެކަމަށް..ދުނިޔެއިން ބޭނުންވަނީ އެންމެކަމެއް..ދުޢާކުރާނަން.." ޔަލްވީގެ ނަޒަރު އަޔާޝްގެ މޫނުގައި ހަރުލިއެވެ.

އަޔާޝް ވެސް ދުޢާއެއް ކުރިއެވެ.

"ގޯޑް...އެ ދެމީހުންގެ ގުޅުން ދުށުމަށް އިރާދަނުކުރައްވާދޭވެ..."

މާގިނައިރެއް ނުވެ މިނާހް އައިސް ގޮނޑިއެއް ދަމާލައިގެން އިނެވެ. އިސްތަށިގަނޑު ކުޑަކޮށް ހޭވިފައިވާއިރު ފެންތިކިތައް ހަރުލާފައެވެ.

"ދަރިފުޅު..ވާރޭގައި ޖެހުނީތަ؟ ކޮބާ ހަޔާ؟"

"ފްރެންޑެއްގެ ގެއަށް ލާދީފައި މިއައީ.ގެއަކުން ދައުވަތު ލިބިގެން..އަޅުގަނޑު ހަމަ ޑިއުޓީގައި ބިޒީވީ.." މިނާހް ތަގުވާގެ ސުވާލަށް ޖަވާބުދިނެވެ.

އެގެއިން ޝާހީކަން ފެނުނަސް ގެއިން މަދުވަނީ ލޯބީގެ ހޫނުކަމެވެ. ގަވާއިދުތަކުން ފުރާލާފައިވާ ގަނޑުވަރެއް ފަދައިންނެވެ. އަޔާޝް ވެސް އޭނަގެ އިޚުތިސާސްގައި އުޅެނީ ޝިކާރަވެރިއެއް ފަދައިންނެވެ. ހުދުކުލައިގެ ގަމީހުގެ އަތުކުރި އޮޅާލާފައި އިސްތަށިގަނޑު މައްޗަށް އޮމާންކޮށްލާފައި ވާއިރު ޝަޚުސިއްޔަތު ވަރުގަދަކަމަށް ދައްކައެވެ. އެލޮލުން ޝުއޫރެއް ފައުޅެއް ނުވެއެވެ.

"ބިޒީވެގެނެއް ނޫން. ނުބެހޭ ކަންތައްތަކަށް ބޯ ބާނަނީ..އަހަރެން ކިތައްފަހަރު ބުނާނީ..އަހަރެންގެ އޯޑަރ ފޮލޯކުރާށޭ..ނޫނީ ނަތީޖާ ރަގަޅެއް ނުވާނެ...""

"އަޔާ..ތިހާ ހަރުކަށިކޮށް ކޮއްކޮއާއި ވާހަކަ ނުދައްކަބަލަ..."

"ބައްޕަ އަބަދުވެސް އޭނަ ޅަކުރަނީ...ވާހަކަ މިދައްކަނީ ހާލަތު އެގޮތަށް ޑިމާންޑްކުރާތީ....އެގޮތަށް ޑިސިޕްލިން ނުކުރަންޏާ ކާކު ކުރާނީ؟ އެންމެން ސްޕޮއިލްކޮށްފައި..."

އަޔާޝް މިނާހްއަށް އެކަނި އިވޭވަރަށް ދަތްތަކަށް ބާރުލާފައި ބުނެލިއެވެ."އޭނައާއި ވާހަކަ ނުދައްކާތި...."

***

"އަޔާޒު..އެކޮއި...މާމަ ގާތަށް ނައިސް ހާދަ ދުވަހެކޭ ވަނީ؟އަންހެނުން ގޮވައިގެން އަންނަންވާނީ...." އަޔާޝްގެ މާމަ ޚާތޫނު ފޯނުން ވާހަކަދެއްކިއިރު އަޑު ތުރުލައެވެ. އެ އުމުރުގައިވެސް ދަނޑިގަނޑެއްގެ އެހީގައި ހިނގާބިގާވެ އުޅެވެއެވެ."އާސިނާވެސް ޚަބަރެއްނުވޭ.."

"މާމަ ބަލިހިފައިގެން ނުދާންވެގެން މިހުންނަނީ..."

"މާމައަށް ހެޔޮ ބަލިވިޔަސް. މާމައަށް ތިކުދިން ނުފެނި ހުއްޓާ އަޖަލުޖެހިދާނެ...މާމަގެ ވަގުތުވެސް ދެން ލަހެއްނުވާނެ..އުމުރަކީ ކުރު އެއްޗެއް.......އާސިނާ ފޯނުވެސް ނުނަގާ...ކަނބުލޮ ރަގަޅުތަ؟"

މާމައަށް ނަންތައް ހަނދާނުގައި ބަހައްޓަން އުނދަގޫވިޔަސް ނަސީބަކުން ނަމާއި ގުޅުވައިގެން ނަން ކިޔަން ދަނެއެވެ.

އަޔާޝް އޭނަގެ މަންމަ އުޅެބޮޑުވީ ގެއަށް ދާން ބޭނުންވެއެވެ. ނަމަވެސް އެގެއަށް ދިޔުމުން މަންމަގެ ހަނދާންތައް އިތުރުވެ ނަފްރަތުގެ ހުޅުކޮޅު ބޮޑުވުން ނޫންކަމެއް ނުވެއެވެ. ތަގުވާ އޭނަގެ މަންމައަށް ހެދި ގޮތެއް އެނގެނީއެއް ވެސް ނޫނެވެ. ހިތުން ޝައްކުގެ ކަށި ނެރެލެވެން ވެސް ނެތެވެ. އޭނައަށް މާމަވަނީ މަންމަގެ ހެދުންތަކާއި ފޮތްތަކާއި އެހެން ސާމާނުތައްވެސް ދީފައެވެ. ވަކި ޑްރޯވަރެއްގައި އެހުރިހާ އެއްޗެހި ބަހައްޓާފައި ހުންނައިރު އެ ފޮތްތައް ބަލައިލަންވެސް އޭނަގެ ހިތަށް ކުޅަދާނައެއްނޫނެވެ. ބައެއްފަހަރު ބަލައިލަން ހިތަށް އަރައެވެ. މަންމަހެ ހަޔާތުގެ އެންމެ ސަފުހާނަމަވެސް އެއިން ފޮތެއްގައި ލިޔެވިފައިވެދާނެއެވެ. އެންމެ ހެއްކެއްނަމަވެސް ފެނިދާނެއެވެ. ތަޅުދަނޑި ނަގައިގެން ވައްގަނޑު ހުޅުވާލައިގެން ފޮތްތަކުގައި ފިރުމައިލެވުނެވެ. ނޫނެކެވެ. މަންމަގެ ސިއްރުތައް ހޭވުން ހުއްދައެއްނުވާނެއެވެ.

ހުރިހާ ކަމެއް އެއްފަރާތްކޮށްފައި އޭނަ މާމައަށް ޒިޔާރަތްކުރަން ނިންމިއެވެ. މާމައަށްވެސް ވެކްސިން ޖަހާފައި ހުރުމާއެކު ކޮންމެވެސް ވަރަކަށް އަމިއްލަ ނަފުސަށްވެސް އިތުބާރު އޮވެއެވެ. ނުގުޅޭ އަސަރުތައް ހުންނަކަމަށް އޭނަވެސް ގަބޫލުކުރެއެވެ. ދުނިޔޭގައި އުޅުމަކީވެސް ރިސްކެއްނޫންހެއްޔެވެ؟ މަގުން ހިނގާފައި ދިޔަސް މަރު ލިޔުއްވާފައިވާ މީހަކު މަރުވާނެއެވެ. ވެކްސިންއަކީވެސް އެފަދަ އެއްޗެކެވެ.

***

ފަހު ދިހައިގާ ގިނަ މީހުން އަޅުކަމުގައި އުޅޭތަން ފެނުމުން އަޔާޝްވެސް ދުނިޔެއަށް ފިލައިގެން ކޮޓަރީގައި ހުރެ ހުރިހާ ނަމާދުތައް ކުރިއެވެ. ބޮޑަށް އެހެންވީ ހަޔާ ޕޯސްޓްކޮށްފައި ހުންނަ އެއްޗެހި ފެނުމުން ހިތަށް ކޮންމެވެސް ކަހަލަ އަސަރުތަކެއްކޮށްގެންނެވެ.

"ހަޔާ ބުނާހެން ދުނިޔެއަށް އައި މަގުސަދަކީ މިއީކަމަށްވާނީ.."

ނަމާދުކުރުމުން އަޔާޝްގެ ހިތަށްވެސް ހަމަޖެހުމެއްލިބުނެވެ.ނަމާދަކީ ޑިޕްރެޝަންގެ ފަރުވާއެކޭވެސް ބުނަނީ ހަމަ ތެދެކެވެ. އޭނައަށްވެސް އެކަން ތަޖުރިބާކުރެވިއްޖެއެވެ. ނަމާދުން ސިކުނޑިއައި ރޫހަށް ލިބޭ ތާޒާކަމުން އުދުހެވިދާނެފަދައެވެ.

***

ލޭކްވިއު އިންޓަނޭޝަނަލް ހޮސްޕިޓަލުގެ އެންމެ މަތީ ފަންގިފިލާފައި ހުންނަ ކޮންެފެރްންސް ރޫމަކީ ޑޮކްޓަރުން އަދި އެހެން އެއްވެސް ސްޓާފެއްގެ ބޭނުމަށް ދޫކުރާތަނެއްނޫނެވެ. އެތަނުގެ ތެރެވަނީ ބޭރަށް އަޑުނީވޭގޮތަަށް ފަރުމާކޮށްފައެވެ. ފަރުދާތައް ދަމާލާފައެވެ. މޭޒުމަތި އޮފްއަރުވާފައިވާވަރުން އޭގެ ތެރެއިން ފެންގަނޑެއް ފެންނަފަދައެވެ. އެތަނުގެ ބައްދަލުވުންތަކުގެ ރަސްމީ ރިކޯޑެއްވެސް ނެތެވެ.

މޭޒުގެ އެންމެ ކޮޅުގައި ހުރި ގޮނޑީގައި އިނީ އެތަނުގެ އިސްވެރިޔާ އަޔާޝްއެވެ. ނިކަން ހަމަޖެހިލިައގެންނެވެ. އެ ލޮލުގެ ޝުއޫރު ކިޔަލަން ފަސޭހައެއްނޫނެވެ. އެއްފަރާތުގައި އޭނައަށް ނަޒަރު ހުއްޓާލައިގެން ތިބީ ތިން ފިރިހެންނެވެ. އެއީ ޑޮކްޓަރުންނެއްނޫވެ. އިދާރީ މުވައްޒަފުންނެއްވެސް ނޫނެވެ. އެމީހުން ހުދު ކޯޓުތައް ލައިގެނެއްވެސް ނާދެއެވެ. އަނދިރި ކުލައެއްގެ ކޯޯޓެވެ. މާނަވީ ހިނިތުންވުންތަކެވެ. ރިހިކުލައިގެ އިސްތަށިގަނޑެއްގެ ވެރި އިސްކޮޅުން ދިގު އަދި އެސްފިޔަޖެހުން އަދަދުކުރެވޭހާ މަދު ފިރިހެންމީހާ މޭޒުމަތީގައި ފައިލެއް ބޭއްވިއެވެ.

"ފޭސް ދޭއްގެ ނަމްބަރުތައް.....ކަންބޮޑުވޭ.."އެ މީހާ ހަމަޖެހިލާފައި ބުނެލިއެވެ.

"ކަންބޮޑުވުމަކީ ފްރޭމްކުރުމުގެ މައްސަލައެއް..." އަޔާޝްއިނީ ދެއަތްތިލައިގެ އިނގިލިތައް މަހާލައިގެންނެވެ.

"އަހަރެމެން ތި ބޭފުޅާ ހޮވި ސަބަބަކީ އެއީ..."

އެ ތިންމީހުން ނިސްބަތްވާ ކުންފުނީގެ މޫނެއް ނެތެވެ.

އެ ފައިލްގެ ބޭރުގައި "ބަޔޯފާމާ" ޖަހާލާފައި އޮތެވެ. އެޑްރެސްއެއްނެތެވެ. އަދި ޕަބްލިކް ބޯޑް މެމްބަރުންނެއްވެސް ނެތެވެ. އެހާ މަޝްހޫރު ބްރޭންޑެއްވެސް ނޫނެވެ. އަޔާޝްއަށް އެނަން ފެނިފައިވަނީ ހަމައެކަނި ވެކްސިން ތަޖުރިބާ ރިިޕޯޓެއްގެ އެޕެންޑިކްސްގައި ލޮލުގައި ނާޅާ ކަހަލަ ގޮތަކަށް އޮތްވައެވެ. އެނަން ލިޔެފައިވަނީ އުފެއްދުންތެރި ބައިވެރިޔެއްގެ ލިސްޓުގައެވެ. ހަގީގަތުގައި މި މީހުންނަށް ފަންޑުކުރަނީ ތަންކޮޅެއް މަޝްހޫރު ކުންފުންޏަކުންނެވެ. އެމީހުން ބިލިއަނުން އިންވެސްޓްކޮށްދިނެވެ. އެއާއެކު އެމީހުންވެސް ރަގަޅު އަގެއް ހޯދަން ބޭނުންވެއެވެ.

"ވެކްސިން އޮތީ އެޕްރޫވްކޮށްފައި...އެކި ފަރާތްތަކަށް ބެހުމުގެ މަސައްކަތްވެސް ކުރިއަށް އެބަގެންދެވޭ...ސަރުކާރުތަކުންވެސް ހިތްހަމަޖެހިފައި ތިބީ.. "އަޔާޝް ބުނެލިއެވެ.

"ސަރުކާރުތަކުން އެއްބާރުލުން ލިބޭ...." ދެވަނައަށް އިން މީހާ ބުނެލިއެވެ."އެކަމަކު ހޮސްޕިޓަލްތައް ވަރަށް މުހިއްމު...ތަފާސް ހިސާބު އަންނާނީ މިތަންތަނުންވީމަ... މަރުގެ ސަބަބު މިތަނުންތާ ނިންމާނީ..."

"ލައްބަ...އެގޮތަށް ހަމަ ލޭބަލްކުރާނީ..."

"ޑޮކްޓަރ އަޔާޝް...އަޅުގަނޑުމެން ޔަގީންކަން ބޭނުންވޭ...ޖެހިލުން ވެގެންނުވާނެ..."

އަޔާޝްގެ ކޯކަށިގަނޑަށް ކުޑަކޮށް ވާންވެލިޔަސް ނިކަން އަވަހަށް ހަމަޔަކަށް އެޅުނެވެ.

"ތިބޭފުޅުން އެދިލައްވާ ކަންތައް ވާނެކަމުގެ ޔަގީންކަން ދެން..."

ތިން މީހުންގެ މޫނުމަތިން ހަމަޖެހުމުގެ ކުލަވަރު ފެނުނެވެ.

***

މަތީގައި ބައްދަލުވުމުން ކުރިއަށް ގެންދިޔައިރު މިނާހް ހުރީ ހޮސްޕިޓަލުގެ ފައިލްތައް ބަހައްޓާފައި ހުރި ބައިގައެވެ. ޖާނަލްތަކާއި ފައިލްތަކާއި ފޮތްތަކުން ފުރިފައިވާ ކޮޓަރީގައި ކޮންމެވެސް ވަރަކަށް ހިރަފުހުގެ އަސަރުހުއްޓެވެ. އޭނަ އެތަނަށްވަނީ ފަހަރެއްގައިވެސް އެހާ ބޮޑު ސިއްރެއް ހާމަވާނެކަމަށް ހީކޮށްފައެއްނޫނެވެ.

ނުނިމޭ

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު