ގޫގުލް ޓީވީގައި ހިމެނޭ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) އެސިސްޓަންޓް 'ޖެމިނައި' އަށް އައު އަދި މުހިންމު ފީޗާތަކެއް ތަޢާރަފުކޮށްފިއެވެ.
އަންގާރަ ދުވަހު ގޫގުލްއިން އިޢުލާނުކުރި މި އޭއައި ތިން ފީޗާގެ ސަބަބުން، ޓީވީ ބަލަމުންދާއިރު ފޯނު ނުބަލައި، ބޭނުންވާ އިތުރު މަޢުލޫމާތުތައް ސީދާ ޓީވީ ސްކްރީނުން ފެންނާނެ ގޮތް ވަނީ ފަހިކޮށްދީފައެވެ.
މީގެ ތެރޭގައި އެންމެ ފާހަގަކޮށްލެވެނީ ކުޅިވަރު މެޗުތަކުގެ ލައިވް ސްކޯ ފެންނަ ގޮތަށް ހަދާފައިވާ އައު ފީޗާއެވެ. މި ފީޗާގެ އެހީގައި، ޓީވީން އެހެން ޕްރޮގްރާމެއް ބަލަމުންދާއިރުވެސް، އެ ބަލާ އެއްޗެއް މެދުކަނޑާލުމަކާ ނުލައި، އެމީހަކު ސަޕޯޓުކުރާ ޓީމުގެ ލައިވް ސްކޯ ބަލައިލެވޭނެއެވެ.
މީގެ އިތުރުން ޔޫޒަރުން ކުރާ ސުވާލުތަކާ ގުޅޭ މަޢުލޫމާތު ކަމަށްވާ، ކެއްކުމުގެ ވީޑިއޯ ޓިއުޓޯރިއަލްތަކާއި ރޭގަނޑުގެ ކެއުމުގެ ޕްލޭންތައް ފަދަ ކަންކަންވެސް ވީޑިއޯއާއި، ފޮޓޯ އަދި ލިޔުމުގެ ސިފައިގައި ޓީވީ ސްކްރީނުން މިހާރު ފެންނާނެއެވެ.
މީގެ އިތުރުން ދެން ތަޢާރަފުކޮށްފައިވަނީ ޞިއްޙަތާއި، އިޤްތިޞާދާއި، ޓެކްނޮލޮޖީ ފަދަ ތަޢުލީމީ މައުޟޫޢުތަކަށް ޚާއްޞަ ފީޗާއެކެވެ. މި ފީޗާގެ ދަށުން ޖެމިނައި މެދުވެރިކޮށް ކިޔައިދޭ އިންޓަރެކްޓިވް ސްލައިޑްޝޯތަކެއް ފެންނާނެއެވެ. ގޫގުލްއިން ބުނާ ގޮތުގައި މި ފީޗާގެ ސަބަބުން ޓީވީ ބަލާ ވަގުތަކީ އައު މަޢުލޫމާތު ދަސްކުރާ ފައިދާހުރި ވަގުތަކަށް ވެގެންދާނެއެވެ.
މިއީ ޖެމިނައިގެ ތެރެއިން "ލާން" ނުވަތަ "ޑައިވް ޑީޕާ" އަށް ފިތާލައިގެން ވަރަށް ފަސޭހައިން ބޭނުންކުރެވޭނެ ފީޗާއެކެވެ.
މިއަހަރުގެ ކުރީކޮޅު ގޫގުލްއިން ތަޢާރަފުކުރި "ނިއުސް ބްރީފްސް" ފީޗާއަށް މިހާރު ވަނީ ކުޅިވަރުގެ ޚަބަރުތައްވެސް އިތުރުކޮށްފައެވެ. ވަގުތު ނެތުމުގެ ސަބަބުން މެޗުތައް ނުބެލޭ ފަރާތްތަކަށް، އެމީހަކު ސަޕޯޓުކުރާ ލީގުތަކުގެ މެޗުތަކުގެ ޚުލާޞާ އަދި ކުޅުންތެރިންގެ ޚަބަރުތައް އަޑާއެކު މި ފީޗާ މެދުވެރިކޮށް ކިޔައިދޭނެއެވެ.
މިވަގުތު މި ފީޗާގައި އެންބީއޭ އާއި އެންއެޗްއެލް ފަދަ މަޝްހޫރު ގިނަ ކުޅިވަރު ލީގުތަކެއްގެ މަޢުލޫމާތު ލިބެން ހުންނާނެއެވެ.
މި ފީޗާތައް ދޫކުރަން ފަށާފައިވާއިރު، ބައެއް ފީޗާތައް އެމެރިކާ އަދި ކެނެޑާގެ ޔޫޒަރުންނަށް ލިބުނު ނަމަވެސް، އަނެއްބައި ފީޗާތައް މިވަގުތު ލިބެން ހުރީ ހަމައެކަނި އެމެރިކާގެ ޔޫޒަރުންނަށެވެ.
ގޫގުލްއިން ބުނެފައިވަނީ މިއަހަރުގެ ފަހުކޮޅު އިތުރު ޑިވައިސްތަކަށް މި ފީޗާތައް ދޫކުރަން ފަށާނެކަމަށެވެ. އަދި ކުރިއަށް އޮތް މަސްތަކުގެ ތެރޭގައި އޮސްޓްރޭލިއާ، ނިއުޒީލެންޑް އަދި އިނގިރޭސިވިލާތަށްވެސް ގޫގުލް ޓީވީގެ ޖެމިނައި އެސިސްޓަންޓް ތަޢާރަފުކުރާނެ ކަމަށް އެ ކުންފުނިން ވަނީ ހާމަކޮށްފައެވެ.
ކުރިއަށް މަސްތަކުގެ ތެރޭގައި ދުނިޔޭގެ ހުރިހާ ހިސާބަކަށްވެސް މިޚިދުމަތް ދޭނެކަމަށް ގޫގުލްއާއި ހަވާލާދީ ރިޕޯޓްތައް ބުނެއެވެ.