ރާއްޖޭގެ ބާޒާރުގައި ސިމެންތީގެ އަގު ވަރަށް ބޮޑަށް އުފުލި، އިމާރާތްކުރުމުގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހިއްޖެއެވެ.
"ސަން" އާ ވާހަކަދެއްކި ކޮންސްޓްރަކްޝަން ދާއިރާގެ ބައެއް ވިޔަފާރިވެރިން ބުނި ގޮތުގައި، މިހާރު ބާޒާރުގައި ސިމެންތީގެ އަގުތައް ހުރީ ކުރިއާ އަޅާބަލާއިރު ދެގުނަ މަތީގައެވެ. ކުރިން 100 ރުފިޔާއަށްވުރެ ހެޔޮކޮށް ލިބެން ހުރި ސިމެންތި ބަސްތާއެއްގެ އަގު މިހާރު ވަނީ 200 ރުފިޔާއަށްވުރެ މައްޗަށް އުފުލިފައެވެ.
މި ބަދަލާއެކު އިމާރާތްކުރުމުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ދަތިތަކެއް ކުރިމަތިވަމުންދާކަން ވިޔަފާރިވެރިން ފާހަގަކުރެއެވެ.
ރާއްޖެއަށް އެންމެ ފުޅާދާއިރާއެއްގައި ސިމެންތިއާއި ހިލަވެލި އެތެރެކުރާ ސަރުކާރުގެ ކުންފުންޏަކީ އެސްޓީއޯއެވެ. ވިޔަފާރިވެރިން ބުނާ ގޮތުގައި އެސްޓީއޯއިން ބާޒާރަށް ނެރޭ މުދަލުގެ މިންވަރު މަދުވާނަމަ، އަމިއްލަ ވިޔަފާރިތަކަށް އޮންނަ ޑިމާންޑް ބޮޑުވެ، އަގުތައް އުފުލުމަށް މެދުވެރިވެއެވެ. ނަމަވެސް، މިހާރު ބާޒާރުގައި އަގުތައް އުފުލިފައިވާ ސަބަބާ ގުޅޭގޮތުން އެސްޓީއޯގެ ބަހެއް އަދި ވަނީ ލިބޭގޮތް ނުވެފައެވެ.
އަގުތައް އުފުލެން މެދުވެރިވި އަނެއް ސަބަބަކީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އައި ބަދަލު ވެސް ވުން އެކަށީގެންވެއެވެ. އީރާނާއި އެމެރިކާގެ މެދުގައި ހިނގާ ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލި، ދަތުރުފަތުރުގެ ޚަރަދުތައް ވަނީ ބޮޑުވެފައެވެ. މީގެ ސަބަބުން ކަނޑާއި ވައިގެ މަގުން މުދާ އުފުލާ ޝިޕިންގް ރޭޓްތައް މަތިވެ، ރާއްޖެއަށް އެތެރެކުރާ މުދަލުގެ އަގު އުފުލުމުގެ ފުރުސަތު ވެސް އޮވެއެވެ.
ރާއްޖެއަކީ އިމާރާތްކުރުމަށް ބޭނުންވާ ސާމާނު މައިގަނޑު ގޮތެއްގައި އިންޑިއާ، ޔޫއޭއީ، ޕާކިސްތާން އަދި ވިއެޓްނާމް ފަދަ ގައުމުތަކުން އިމްޕޯޓުކުރާ ގައުމެކެވެ. މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ ތަފާސްހިސާބުތަކަށް ބަލާއިރު، ރާއްޖޭގެ އިމާރާތްކުރުމުގެ ދާއިރާއަށް ބޭނުންވާ ހިލައާއި ވެލި އެންމެ ގިނައިން އެތެރެކުރަނީ އިންޑިއާއިންނެވެ.
ބާޒާރުގައި ތަކެތީގެ އަގު މިހާ ބޮޑަށް އުފުލުމަކީ އާންމު ފަރުދުން ކުރާ އިމާރާތްކުރުމުގެ މަސައްކަތްތަކަށާއި ސަރުކާރުގެ މަޝްރޫއުތަކަށްވެސް އޭގެ ނޭދެވޭ އަސަރު ކުރާނެ ކަމެކެވެ.