ސާފް 20 އަހަރުން ދަށުގެ ފުޓުބޯޅަ މުބާރާތުގައި ރާއްޖެ ކުޅުނު ދެވަނަ މެޗުގައި ބޫޓާނާ ލަނޑެއް ނުޖެހި. އެއްވަރުވެ، ސެމީފައިނަލަށް ދިއުމުގެ އުންމީދެއް ލިބިއްޖެއެވެ.
މި މެޗުން ބަލިވެއްޖެނަމަ ރާއްޖެއަށް މުބާރާތުގެ ސެމީފައިނަލަށް ދިއުމުގެ އަމިއްލަ ބާރު ގެއްލޭނެއެވެ. އެއާއެކު ސެމީއަށް ދިއުމަށް ރާއްޖެއަށް އޮންނާނީ ހަނި ފުރުސަތެކެވެ.
ނަމަވެސް އެއްވަރުވުމާއެކު މި ގްރޫޕުން ސެމީއަށް ދާނެ ޓީމުތައް ޔަގީންވާނީ ގްރޫޕުގެ ފަހު މެޗުތަކުގެ ނަތީޖާ ނިކުންނަ ގޮތަކުންނެވެ.
ސާފް 20 އަހަރުންދަށުގެ ފުޓުބޯޅަ މުބާރާތުގައި ބޫޓާނާ ރާއްޖެ ބައްދަލުކުރި މެޗުގެ ތެރެއިން-- ސަން ފޮޓޯ: ޝާތިއު ޢަބްދުﷲ
މެޗުގެ ފުރަތަމަ ހާފުގައި ރާއްޖެއިން ވަނީ ގިނަވަގުތު ބޯޅަ ހިފަހައްޓާ، ގިނަ ހަމަލާތަކެއް ފޮނުވާފައެވެ. ހާއްސަކޮށް ރާއްޖޭގެ ކެޕްޓަން އިލާން އިމްރާނަށް ލިބުނު ހުސް ފުރުސަތު ފާހަގަކޮށްލެވެއެވެ. އޭރިއާ ތެރެއިން އޭނާއަށް ލިބުނު ފުރުސަތުގައި ފޮނުވާލި ބޯޅަ އަމާޒުވީ ހުރަސް ދަނޑިއަށެވެ.
ދެވަނަ ހާފުގައި ބޫޓާނުން ވަނީ ފުރަތަމަ ހާފަށްވުރެ ކުޅުން ރަނގަޅުކޮށްފައެވެ. އަދި ރާއްޖޭގެ ޓީމުގެ ގިނަ ކުޅުންތެރިން ވަނީ ދަނޑުމަތީގައި ފަރުވާދޭން ޖެހިފައެވެ.
ސާފް 20 އަހަރުންދަށުގެ ފުޓުބޯޅަ މުބާރާތުގައި ބޫޓާނާ ރާއްޖެ ބައްދަލުކުރި މެޗުގެ ތެރެއިން-- ސަން ފޮޓޯ: ޝާތިއު ޢަބްދުﷲ
މި ހާފުގައި ރާއްޖެއަށް ލަނޑުޖަހަން އެންމެ ހުސް ފުރުސަތު ލިބުނީ އިލާނަށެވެ. މީގެއިތުރުން ބޫޓާނުންވެސް ވަނީ މި ހާފުގައި ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ.
އެގޮތުން އޭރިއާ ތެރެއިން ފޮނުވާލި ބޯޅައެއް ދަނޑިއަށް އަމާޒުވިއިރު، މެޗުގެ ފުރިހަމަ ވަގުތު ހަމަވެގެން ރެފްރީ ދެއްކި އިތުރުވަގުތުގެ 8 މިނެޓުގެ ތެރޭގައިވެސް ބޫޓާނުން ވަނީ ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ.