އަންނަ މަހު ފަށާ ޓެކްސީ ލައިނަށް 107 ޑްރައިވަރުން ހޯދަނީ، މުސާރަ ހާމަނުކުރޭ

ސަރުކާރު ޓެކްސީ ލައިންގައި ބޭނުންކުރާ ކާރުތައް: އެމްޓީސީސީން ވަނީ 107 ޑްރައިވަރަކު ހޯދަން އިއުލާނުކޮށްފަ --- ފޮޓޯ: އެމްޓީސީސީ

ސަރުކާރުން އަލަށް ތައާރަފުކުރާ ޓެކްސީ ލައިންގެ ޚިދުމަތް ފެށުމަށްޓަކައި އެމްޓީސީސީން ތައްޔާރުވަމުންދާއިރު، އެ ކުންފުނިން ވަނީ 107 ޑްރައިވަރަކު ހޯދުމަށް އިއުލާނުކޮށްފައެވެ. މި ޚިދުމަތަކީ ތިމާވެއްޓާ ރައްޓެހި އިލެކްޓްރިކް އުޅަނދުތައް ބޭނުންކޮށްގެން ދެވޭ ޚިދުމަތަކަށްވާއިރު، މިއީ މާލޭގެ ޓްރާންސްޕޯޓް ނިޒާމު ހަރުދަނާ ކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މުހިންމު މަޝްރޫއެކެވެ. މީގެ ކުރިންވެސް މި މަގާމުތަކަށް މީހުން ހޯދަން މަސައްކަތްކޮށްފައިވީ ނަމަވެސް، އެ އަމާޒަށް ވާސިލުވެވިފައެއް ނުވެއެވެ.

  • ޓެކްސީ ލައިނަށް 107 ޑްރައިވަރުން ހޯދަނީ ކޮންޓްރެކްޓް އުސޫލުން އެއް އަހަރު ދުވަހުގެ މުއްދަތަކަށެވެ.
  • ޑްރައިވަރުންނަށް މުސާރައާއި އިނާޔަތްތައް ދޭނީ ކަނޑައެޅިފައިވާ އުސޫލުތަކާ އެއްގޮތަށް ކަމަށް ބުނެފައިވިޔަސް މުސާރައިގެ އަދަދު ހާމަކޮށްފައެއް ނުވެއެވެ.
  • މި ޚިދުމަތް ރަސްމީކޮށް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ އޭޕްރިލް މަހުގެ 2 ވަނަ ދުވަހުއެވެ.
  • ޚިދުމަތް ހޯދުމަށް ޚާއްސަ މޯބައިލް އެޕްލިކޭޝަނެއް ބޭނުންކުރާނެ ކަމަށާއި ކަސްޓަމަރުންގެ އެހީތެރިކަމަށް 1655 ހޮޓްލައިން ގާއިމުކޮށްފައިވެއެވެ.

އަންނަ އޭޕްރިލް މަހުގެ ކުރީކޮޅު ފަށާ ސަރުކާރު ޓެކްސީ ލައިނަށް 107 ޑްރައިވަރަކު ހޯދަން، އެ ޚިދުމަތްދޭ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އިން މިރޭ އިއުލާނުކޮށްފިއެވެ.

އެމްޓީސީސީގެ އިއުލާނުގައިވާ ގޮތުން، 107 ޑްރައިވަރުން ނަގަނީ ކޮންޓްރެކްޓް އުސޫލުން އެއް އަހަރަށް، މަސައްކަތުގެ ފެންވަރު ވަޒަންކުރުމަށްފަހު ކޮންޓްރެކްޓް އިތުރުކުރާ އުސޫލުންނެވެ.

އެ އިއުލާނާއެކު، އެމްޓީސީސީން ޑްރައިވަރުންނަށްދޭ މުސާރަ ހިމަނާފައިނުވެއެވެ. އެކަމަކު، ޑްރައިވަރުންނަށް މުސާރައާއި އިނާޔަތްތައް ދޭނީ ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތަށް ކަމަށް، އިއުލާނުގައިވެއެވެ.

އިއުލާނުގައިވާ ގޮތުން، ޑްރައިވަރުންގެ ރަސްމީ މަސައްކަތު ގަޑިއަކީ ހަފުތާއަކު ހަ ދުވަހު، އަށް ގަޑިއިރެވެ.

ޓެކްސީ ލައިންގެ ޑްރައިވަރުންގެ އަތުގައި ބީ-1 ނުވަތަ ބީ-2 ކެޓަގަރީއެއްގެ ލައިސަންސެއް އޮންނަން ޖެހެއެވެ. އެމްޓީސީސީގެ އިއުލާނުގައިވާގޮތުން، ޓްރާންސްޕޯޓް މިނިސްޓްރީގެ ޓެކްސީ ޑްރައިވަރުންގެ ދަފުތަރުގައި ރަޖިސްޓްރީވެފައިވާ ޑްރައިވަރުންނަށް އިސްކަންދޭނެއެވެ.

އެމްޓީސީސީން ބުނީ، މި މަގާމަށް ޝައުގުވެރިވާ ފަރާތްތަކުން އެ ކުންފުނީގެ އޮންލައިން ޕޯޓަލް މެދުވެރިކޮށް، އަންނަ ހޮނިހިރު ދުވަހުގެ މެންދުރުފަހު ތިނެއް ޖެހުމުގެ ކުރިން ފޯމު ހުށަހެޅޭނެ ކަމަށެވެ. އަދި މަގާމަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓުކުރެވޭ ފަރާތްތަކާ، އާދީއްތަ ދުވަހުން ފެށިގެން އޭޕްރިލް މަހުގެ 23ވަނަ ދުވަހުގެ ނިޔަލަށް އިންޓަވިއުކުރާނެ ކަމަށް، އެމްޓީސީސީން ބުންޏެވެ.

https://sun.mv/216580

ފާހަގަކުރެވޭ ގޮތުގައި، ޓެކްސީ ލައިނަށް 407 ޑްރައިވަރުން ހޯދަން މިދިޔަ ނޮވެންބަރު މަހު އިއުލާނުކުރިއެވެ. އަދި ޖަނަވަރީ މަހުގެ މެދުތެރޭ ވޯކް-އިން އިންޓަވިއުއެއްވެސް ބޭއްވިއެވެ. އެކަމަކު އޭރުވެސް، ޓެކްސީ ލައިންގެ ޑްރައިވަރުންގެ މުސާރަ އެމްޓީސީސީން ހާމަނުކުރެއެވެ.

ނޮވެންބަރު މަހު ކުރި އިއުލާނުގައި އޭރު އެމްޓީސީސީން ވަނީ ފުލް ޓައިމް ޑްރައިވަރުންގެ ގޮތުގައި 285 މީހުން ހޯދުމަށް އިއުލާންކޮށްފައެވެ. އެއީ، ހަފުތާއަކު ހަ ދުވަހު ދުވާލަކު އަށް ގަޑިއިރަށް މަސައްކަތް ކުރާ ގޮތަށް ކަމަށް އިއުލާނުގައިވެއެވެ.

އެ އިއުލާނުގައިވަނީ ޑްރަައިވަރުން މަސައްކަތް ކުރާނީ އެއް އަހަރުގެ ކޮންޓްރެކްޓު އުސޫލުން ކަމަށާއި، މަސައްކަތުގެ ފެންވަރަށް ބަލައި ކޮންޓްރެކްޓުގެ މުއްދަތު އިތުރު ކުރާ ގޮތަށް ކަމަށެވެ.

މީގެ އިތުރުން ޕާޓް ޓައިމްކޮށް މަސައްކަތް ކުރާ 122 ޑްރައިވަރުން ހޯދަން ވެސް އެއިރު އިއުލާނުކުރިއިރު، އެ ޑްރައިވަރުން މަސައްކަތް ކުރާނީ ހަފުތާއަކު އެންމެ ގިނަވެގެން 28 ގަޑިއިރު ކަމަށް އިއުލާނުގައިވެއެވެ.

އެކަމަކު އެ އިއުލާނުގައިވާ ވަރަށް ޑްރައިވަރުން ހަމަވެފައި ނުވެއެވެ.

ސަރުކާރުގެ ޓެކްސީ ލައިންގެ ޚިދުމަތް އަންނަ އޭޕްރިލް މަހުގެ ދެވަނަ ދުވަހު ފަށާނެކަން އެމްޓީސީސީން ހާމަކުރީ އިއްޔެއެވެ. އެކަން އިއްޔެ ހާމަކޮށް، އެ ކުންފުނިން ވަނީ، ޓެކްސީ ލައިންގެ ޚިދުމަތް މާލޭގައި ދިނުމަށްޓަކައި ގެންނަ 150 ކާރުގެ ތެރެއިން 60 ކާރު ގެނެސްފައެވެ.

https://sun.mv/219620

ސަރުކާރުން ތައާރަފްކުރާ މި ޚިދުމަތުގައި ބޭނުންކުރާނީ ތިމާވެއްޓާއި ރައްޓެހި، ސައްތައިން ސައްތަ އިލެކްޓްރިކް ވެހިކަލް ހިމެނޭ ޓެކްސީތައް ކަމަށެވެ. އެގޮތުން 24 ގަޑިއިރު ޚިދުމަތް ދޭ ގޮތަށް ތައާރަފުކުރެވޭ މި ޓެކްސީ ޚިދުމަތް ދިނުމަށް އެކަމަށް ޚާއްސަ އެޕްލިކޭޝަނެއް އޮންނާނެ ކަމަށާއި އެ އެޕް މެދުވެރިކޮށް ޓެކްސީގެ ޚިދުމަތް ހޯދާ ފަރާތުގެ ލޮކޭޝަނާއި އެންމެ ގާތުގައިވާ ޓެކްސީ އެނގޭނެ ކަމަށް އެމްޓީސީސީން ވަނީ މީގެ ކުރިން ބުނެފައެވެ.

އެމްޓީސީސީން އިތުރަށް ބުނީ ކަސްޓަމަރުންނަށް ދަތުރުކުރުމުގައާއި، އެޕް ބޭނުންކުރުމުގައި އަދި ދިމާވާ އެހެނިހެން ހާލަތްތަކުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް ޚާއްސަ ހޮޓްލައިން ނަންބަރު، 1655 ގާއިމުކޮށްފައިވާނެ ކަމަށެވެ.

ޓެކްސީ ލައިނަށް ބޭނުންވާ ކާރުތަކުގެ ފުރަތަމަ ބެޗު ގެނައިއިރު އެމްޓީސީސީއިން އިއްޔެ ވަނީ ޓެކްސީ ލައިނުގެ ޚިދުމަތަށް ބޭނުންވާ ޕާޓް ޓައިމް ޑްރައިވަރުންގެ ޕޫލުގައި ދަފުތަރުވުމަށް ވެސް ހުޅުވާލައިފައެވެ.

comment ކޮމެންޓް