ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލިސް އިންތިޚާބު އެއްކޮށްލުމާ މެދު ރައްޔިތުންގެ ޚިޔާލު ހޯދަން ނަގާ ރެފެރެންޑަމް ނުވަތަ ފެންނަ ނުފެންނަ ވޯޓު ނެގުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނެރުއްވި ގަރާރުގައި ހުށަހަޅާފައިވަނީ ގާނޫނުއަސާސީއާ ޚިލާފު ސުވާލެއް ކަމަށް ބުނެ، ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގެ އަޑުއެހުން މާދަމާ ފެށުމަށް ތާވަލުކޮށްފިއެވެ.
މިދިޔަ ހަފުތާގެ އަންގާރަ ދުވަހު، ރެފެރަންޑަމާ ގުޅޭ ދުސްތޫރީ ދެ މައްސަލައެއް ސުޕްރީމް ކޯޓަށް ހުށަހެޅިއެވެ. އޭގެ ތެރެއިން ގަރާރުގައިވާ ސުވާލާ ގުޅިގެން ހުށަހެޅި މައްސަލަ ބަލައިގެންފައި ވަނީ މިދިޔަ ހޯމަ ދުވަހެވެ.
މި މައްސަލައަކީ ގާނޫނީ ވަކީލު އަބްރާހީމް ޝިޔާމް އަދި އައިކު އަހުމަދު އީސާ ހުށަހެޅުއްވި މައްސަލައެކެވެ.
ސުވާލު ގޯސް ކަމަށް ބުނެ، ރެފެރެންޑަމް ވޯޓު ހުއްޓުވަން ހުށަހެޅި މައްސަލައިގެ އަޑުއެހުން މިހާރު އޮތީ މާދަމާ ހެނދުނު 10:30އަށް ތާވަލުކޮށްފައެވެ.
އެ މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުގައި ހިމެނިވަޑައިގަންނަވަނީ، އުއްތަމަ ފަނޑިޔާރު ޢަބްދުލްޣަނީ މުޙައްމަދު، ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިން، ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމް، ފަނޑިޔާރު ޙުސައިން ޝަހީދު އަދި ފަނޑިޔާރު ޢަބްދުﷲ ޙަމީދެވެ.
އެ މައްސަލައިގައި އޮތީ އެ ވޯޓު ހުއްޓުވައިދިނުމަށް އެދިފައެވެ. އަދި އެ ސުވާލަކީ ގާނޫނުއަސާސީން ލާޒިމުކުރާ އުސޫލަށް ނުފެތޭ ސުވާލެއްކަން ވެސް މައްސަލައިގައި ފާހަގަކުރިއެވެ.
އެގޮތުން ރައީސުލްޖުމްޙޫރިއްޔާގެ ގަރާރާއި އިލެކްޝަންސް ކޮމިޝަން (އީސީ)އިން ނެރުނު އިއުލާނު ބުނާ ގޮތުން ވޯޓަށް އަހަނީ، "ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެކުގައި ބޭއްވުމަށާއި ރައްޔިތުންގެ މަޖިލީހުގެ އުމުރު ގުނުމުގެ އުސޫލު ބަޔާންކުރުމަށްޓަކައި މަޖިލީހުން ފާސްކުރި ބިލު ތަސްދީގުކުރުމަށް ފެނޭތޯ ނުވަތަ ނޫންތޯ" ކަމަށް އެ މައްސަލައިގައި ބުންޏެވެ. އަދި އޭގެ ބަދަލުގައި އަހަން ޖެހޭނީ ގާނޫނުއަސާސީއަށް އެ އިސްލާހު ގެނައުމަށް ރުހޭތޯ ނުވަތަ ނޫންތޯ ކަަމަށް މައްސަލައިގައި ވަނީ ބުނެފައެވެ.
އެހެންކަމުން އެއީ ވެސް ގާނޫނުއަސާސީގެ އިމުން ބޭރުން ކޮށްފައިވާ ކަމެއް ކަމަށް އެ މައްސަލައިގައި ބުންޏެވެ.
މިދިޔަ ހަފުތާގެ އަންގާރަ ދުވަހު، ރެފެރަންޑަމާ ގުޅޭ ގޮތުން ހުށަހެޅި އަނެއް މައްސަލައަކީ ރައްޔިތުންގެ މަޖިލީހުން ފާސްކުރި ބިލު ތަސްދީގުކުރުމަށް އޮތް މުއްދަތު ހަމަވެފައިވާ ކަމަށް ވިދާޅުވެ، އެ ބިލު ބާތިލްކޮށްދިނުމަށް އެދިވަޑައިގެން ގާނޫނީ ވަކީލު އަދި މަޖިލީހުގެ ކެންދޫ ދާއިރާގެ ކުރީގެ މެންބަރު އަލީ ހުސައިން ހުށަހެޅުއްވި މައްސަލައެވެ. މި މައްސަލަ އަދި ސުޕްރިމް ކޯޓުން ބަލައިގެންފައެއް ނުވެއެވެ.