ވޮޝިންޓަން (25 މާޗް 2026): ސާޅީސް އަށް ގަޑިއިރު ތެރޭގައި ހުރުމުޒު ކަނޑުއޮޅި ހުޅުވަން އީރާން ދެކޮޅު ހަދާނަމަ އީރާނުގެ ތެލުގެ ސިނާއަތާ ބެހޭ ހުރިހާ މަރުކަޒުތަކަކަށް ހަމަލާދީ އެތަންތަން ހަލާކުކޮށް، އީރާނުގެ ރައްޔިތުން ކަނު އަނދިރީގައި ބައިތިއްބާނެކަމުގެ އިންޒާރު ދިނުމަށްފަހު ކުއްލިއަކަށް ހަނގުރާމަ ހުއްޓާލުމުގެ ސުލްހައިގެ ޕްލޭނެއް ޓްރަމްޕް އީރާނަށް ހުށަހަޅުއްވައިފިއެވެ.
ވައިޓް ހައުސްގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޓްރަމްޕް ވިދާޅުވީ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަކަށްދާން އީރާންވެސް ބޭނުންކަމަށެވެ. އެހެންކަމުން 15 ނުކުތާގެ މައްޗަށް އެކުލެވޭ ސުލްހައިގެ ޕްލޭނެއް އީރާނަށް ހުށަހަޅާފައިވާނެ ކަމަށް ޓްރަމްޕް ވިދާޅުވިއެވެ.
މި ޕްލޭންގައި ހިމެނޭ މުހިއްމު ބައިތަކުގެ ތެރޭގައި ހިމެނެނީ:
- ދާއިމީ އެއްބަސްވުމަކަށް އައުމަށްޓަކައި އެއް މަސް ވަންދެން ހަމަލާތައް ހުއްޓާލުން.
- ޔޫރޭނިޔަމް ފައްކާކުރުމުގެ ހައްގު އީރާނުން ދޫކޮށްލުން.
- އީރާނުން މިހާރު 60 އިންސައްތައަށް ފައްކާކޮށްފައިވާ ޔުރޭނިޔަމް އެމެރިކާއާ ހަވާލުކުރުން.
- އީރާނުން ބަންދުކޮށްފައިވާ ހުރުމުޒު ކަނޑުއޮޅި ދާއިމީކޮށް ހުޅުވާލުން.
- އީރާނާ ދެކޮޅަށް އެމެރިކާ އަޅާފައިވާ ދަތިކުރުމުގެ ހުރިހާ ފިޔަވަޅުތަކެއް އުވާލުން.
- އީރާނުން މަދަނީ ބޭނުންތަކަށް ނިއުކްލިޔާ ޓެކްނޮލޮޖީ ތަރައްގީ ކުރުމަށް އެމެރިކާ އެހީތެރިވެދިނުން.
ޓްރަމްޕް ވަނީ އީރާނާއެކު ސުލްހައިގެ މުއާމަލާތްތަކެއް ހިނގާފައިވާ ކަމަށް މީގެ ކުރިންވެސް ވިދާޅުވެފައެވެ. ނަމަވެސް އީރާން ބުނާ ގޮތުން އެމެރިކާއާއެކު މިފަދަ އެއްވެސް މުއާމަލާތެއް ނުހިނގައެވެ. ޓްރަމްޕް ހައްދަވަނީ ދޮގެވެ. އަދި ޓްރަމްޕަކީ އެއްވެސް ވަރަކަށް އިތުބާރު ހިފޭ ބޭފުޅެއް ނޫންކަމަށް އީރާނުން ބުންޏެވެ.
ނަމަވެސް ހަމަލާތައް ހުއްޓާލުމުގެ މެސެޖްތަކެއް ޕާކިސްތާނާއި މިސްރު މެދުވެރިކޮށް އެމެރިކާއިން އީރާނަށް ފޮނުވިކަން އީރާނުގެ މަސްއޫލުވެރިއަކު ވަނީ ފާހަގަކުރައްވާފައެވެ.

އީރާނުގެ ހަމަލާތަކެއްގައި އިސްރާއީލުގެ އަވަށެއް އެއްކޮށް ސުންނާފަތިކޮށްލުން --
އީރާނުގެ ޕާލަމެންޓްގެ ރައީސް މުހައްމަދު ބާގިރު ގަލީބާވް ވަނީ ޓްރަމްޕްގެ ވެރިކަމުގައި އެމެރިކާއަކީ ވަރަށް މަކަރުވެރި ގައުމަކަށްވާތީ އެމެރިކާއާއެކު ވާހަކަދައްކާނީ ކިހިނެތްތޯ ސުވާލުކުރައްވައިފައެވެ. އޭނާ ވިދާޅުވި ގޮތުގައި ހަމަލާތައް ހުއްޓާލުމުގެ ވާހަކަތައް އެމެރިކާއާއެކު ފެށިޔަސް ފަށާނީ އީރާނުން ކަނޑައަޅާ ތިން ޝަރުތެއް އެމެރިކާއާއި އިސްރާއީލު ގަބޫލުކުރުމުންނެވެ.
އީރާނުގެ ޝަރުތުތަކަކީ އެމެރިކާއާއި އިސްރާއީލު އީރާނާ ދެކޮޅަށް ފެށީ އުދުވާނީ ހަނގުރާމައެއްކަން ގަބޫލުކޮށް ހަނގުރާމައިގައި އީރާނަށް ލިބުނު ގެއްލުންތަކަށް ބަދަލުދިނުމަށް އެމެރިކާއާއި އިސްރާއީލު އެއްބަސްވުމެވެ. ދެވަނަ ޝަރުތަކީ އެމެރިކާއާއި އިސްރާއީލުން ދުވަހަކުވެސް އިސްވެ އީރާނަށް ހަމަލާނުދޭނެކަމުގެ ޔަގީންކަން ދިނުމެވެ. ތިންވަނަ ޝަރުތަކީ އީރާން ވަށާލުމަށްޓަކައި ގަލްފުގެ ގައުމުތަކުގައި އެމެރިކާ ބިނާކޮށްފައިވާ އަސްކަރީ ބޭސްތައް ދޫކޮށްލަން އެމެރިކާ އެއްބަސްވުމެވެ.
މިޝަރުތުތައް އެމެރިކާ ގަބޫލުކުރާނަމަ ހަނގުރާމަ ހުއްޓާލުމާ ބެހޭގޮތުން ތިންވަނަ ފަރާތެއް މެދުވެރިކޮށް އެމެރިކާއާ މަޝްވަރާ ކުރެވިދާނެކަމުގެ މެސެޖް ވާނީ އެމެރިކާއަށް ދެވިފައި ކަމަށް ބާގިރު ވިދާޅުވިއެވެ.
ހަނގުރާމަ ހުއްޓާލުމުގެ ސުލްހައިގެ ޕްލޭނެއް އީރާނަށް ހުށަހަޅައިފިކަމަށް ވިދާޅުވެ ޓްރަމްޕް ރޭ ދެއްކެވި ވާހަކައިގައި އީރާނުގެ މި ޝަރުތުތަކަށް އެއްވެސް ވަރަކަށް އިޝާރާތް ކޮށްފައެއް ނުވެއެވެ.
ރިޕޯޓުތައް ބުނާގޮތުން އީރާނާ ދެކޮޅަށް ފަށާފައިވާ އުދުވާނީ ހަނގުރާމަ ކާމިޔާބު ނުވާނެކަން މިހާރު އެމެރިކާއަށް ވެސް އަދި އިސްރާއީލަށް ވެސް ވަރަށް ރަނގަނޅަށް އެނގެއެވެ. އެހެންކަމުން އެޕްސްޓިން ގޭންގް ލީޑަރުންގެ ގޮތުގައި އީރާން ސިފަކުރާ ޓްރަމްޕާއި ނަތަންޔާހޫ ބޭނުން ވަނީ "ބޮލު ފޮށާ ނޭޅެނީސް" ހަމަލާތައް ހުއްޓާލެވޭނެ މަގެއް ހޯދުމަށެވެ.
ޚާއްސަކޮށް އީރާނުގެ ރައްދު ހަމަލާތައް ދިފާއު ނުކުރެވި އެ ހަމަލާތައް އިސްރާއީލުގެ އެތަން މިތަނަށް އެރުމުގެ ސަބަބުން އިސްރާއީލަށް ލިބޭ ގެއްލުންތައް ދުވަހެއް ދުވަހަކަށް ބޮޑުވަމުން ދިޔުމާއި، ހުރުމުޒު ކަނޑުއޮޅި ބަންދުކުރުމުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލެމުންދާ މައްސަލައަކީ ކެތްކުރެވޭ ވަރަށް ވުރެ އެ ދެފަރާތަށް ޕްރެޝަރު ބޮޑުކަމަކަށް ވަނީ ވެގެން ގޮސްފައެވެ.

އީރާނުގެ ހަމަލާތަކުގައި އިސްރާއީލަށް ލިބެމުންދާ ބޮޑެތި ގެއްލުންތައް --
ޓްރަމްޕް ރޭ ހުށަހެޅުއްވި ސުލްހައިގެ ޕްލޭނާމެދު އީރާން އަދި އެއްވެސް އެއްޗެއް ނުބުނެއެވެ. އޭގެ ބަދަލުގައި އީރާން ވަނީ އިސްރާއީލަށް ދޭ ހަމަލާތައް ގިނަކޮށް އެހަމަލާތައް އާދަޔާ ޚިލާފަށް ވަރުގަދަ ކޮށްފައެވެ.
އީރާން މިހާރު ގެންދަނީ ފުލުފުލުގައި އަސްކަރީ އަދި މަދަނީ ތަންތަން ވެސް ހިމެނޭ ގޮތަށް އިސްރާއީލުގެ ހައްސާސް ހުރިހާ ތަންތަނަށް ބާރުގަދަ މިސައިލްތަކުން ހަމަލާތައް ދެމުންނެވެ. މީގެތެރޭގައި އިސްރާއީލުގެ ނިއުކްލިޔާ މަރުކަޒުތައް ވެސް ހިމެނެއެވެ.
އިސްރާއީލުގެ ދިފާއީ ނިޒާމުތަކުގެ ބާރު ދެރަވުމާ ގުޅިގެން އީރާނުގެ މިސައިލްތައް އިސްރާއީލަށް އަރައި އިސްރާއީލަށް ބޮޑެތި ގެއްލުންތަކެއް ދަނީ ލިބެމުންނެވެ. މިއީ އީރާނަށް ލިބޭ ވަރަށް ބޮޑު ހިއްވަރަކަށްވަނީ ވެފައެވެ.
މުހައްލިލުން ވިދާޅުވާ ގޮތުގައި ޓްރަމްޕް ހުށަހެޅުއްވި ސުލްހައިގެ ޕްލޭންގައި ހިމެނޭ ގިނަ ކަންތައްތައް އީރާން ގަބޫލެއް ނުކުރާނެއެވެ. ޚާއްސަކޮށް ޔޫރޭނިޔަމް ފައްކާކުރުމުގެ ހައްގު ދޫކޮށްލުން އީރާން ގަބޫލެއް ނުކުރާނެއެވެ. އަނެއް ކޮޅުން އީރާނުން ޓްރަމްޕްގެ ވެރިކަމުގައި އެމެރިކާއަކަށް ދެން އިތުބާރެއް ވެސް ނުކުރާނެއެވެ. އެހެންކަމުން ހަގީގީ އެއްބަސްވުމަކަށް ދިޔުމަކީ ވަރަށް ނާދިރު ކަމެކެވެ. ފަހަރެއްގައި ހަމަލާތައް ހުއްޓާލުމުގެ ވަގުތީ އެއްބަސްވުމަކަށް ހިނގައިދާނެއެވެ.
އަމިއްލަ ޓެކްނޮލޮޖީގައި ޔޫރޭނިއަމް ފައްކާކުރުމަކީ އީރާނުގެ ރަތް ރޮނގެވެ. އެއީ އީރާން ދޫކޮށްނުލާނެ ހައްގެކެވެ. މިހައްގު ދިފާއުކުރުމަށްޓަކައި ކިތަންމެ ބޮޑު ގުރުބާނީއެއް ވެސް ވާން އީރާން އަދިވެސް އޮތީ ތައްޔާރަށެވެ.
އިސްރާއީލުނެ ވެސް ވަނީ ޓްރަމްޕްގެ ހުށަހެޅުން އީރާން ގަބޫލުކޮށްފިނަމަ ހަނގުރާމަ ހުއްޓާލަން ތައްޔާރަށް އޮތްކަމަށް ބުނެފައެވެ.