ބީއެމްއެލްއިން ހިއްސާއަށް ގެންނަ ބަދަލަކީ، ހިއްސާ ގަންނަން ބޭނުންވާ ޒުވާނުންނަށް ލިބޭ ރަނގަޅު ފުރުސަތެއް: އައުޝަން

މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖްގެ މެނޭޖިން ޑިރެކްޓާ އެންޑް ގްރޫޕް ސީއީއޯ މުހައްމަދު އައުޝަން ލަތީފް -- ފޮޓޯ: ޕީއެސްއެމް ނިއުސް

ގައުމީ ބޭންކު، ބީއެމްއެލްއިން އެ ބޭންކުގެ ހިއްސާގެ ނިޒާމަށް ގެންނަން ނިންމާފައިވާ ބޮޑެތި ބަދަލުތަކަކީ ހިއްސާ ގަންނަން ޝައުގުވެރިވާ ޒުވާނުންނަށް ލިބިގެންދާ ވަރަށް ބޮޑު ފުރުސަތެއް ކަމަށް މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖުގެ ސީއީއޯ މުހައްމަދު އައުޝަން ލަތީފް ވިދާޅުވެއްޖެއެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި، ރާއްޖޭގެ ހިއްސާ ބާޒާރުގައި ގިނަ ކުންފުނިތަކުގެ ހިއްސާގެ އަގު ހުންނަ މިންވަރާ އަޅާބަލާއިރު ބީއެމްއެލްގެ ހިއްސާގެ އަގު ނިސްބަތުން ބޮޑެވެ. މި ބަދަލުތަކުގެ ސަބަބުން އަގުތައް ހެޔޮވެ، އާ އިންވެސްޓަރުންނަށް މާކެޓަށް ވަނުމަށް ފަސޭހަވެގެންދާނެއެވެ. މީގެ އިތުރުން، ހިއްސާގެ ބާޒާރު ޒުވާނުންގެ މެދުގައި ފުޅާކުރުމަށްޓަކައި ޑިޖިޓަލް ވަސީލަތްތައް ތަރައްގީކުރުމާއި، މާލީ ދާއިރާގެ ހޭލުންތެރިކަން އިތުރުކުރުމަށް ބޭންކުން ކުރަމުންދާ މަސައްކަތްތައް އޭނާ ވަނީ ފާހަގަކުރައްވާފައެވެ.

  • ބީއެމްއެލްގެ ހިއްސާގެ އަގު ހެޔޮކޮށް، އާ އިންވެސްޓަރުންނަށް ފުރުސަތު ހުޅުވައިދިނުން.
  • ބޯނަސް ހިއްސާ ދޫކުރުމާއި ހިއްސާ ބައިކުރުމުގެ (ސްޓޮކް ސްޕްލިޓް) ނިޒާމު ތައާރަފުކުރުން.
  • ހިއްސާގެ ބާޒާރުގައި ލިކުއިޑިޓީ އިތުރުކޮށް ޓްރޭޑިން ހަރަކާތްތައް ހަލުވިކުރުން.
  • ޒުވާނުންގެ މެދުގައި މާލީ ހޭލުންތެރިކަން އިތުރުކޮށް، އިންވެސްޓްމަންޓް ކުރުމަށް ހިތްވަރު ދިނުން.

ގައުމީ ބޭންކު، ބީއެމްއެލްއިން ހިއްސާއަށް ގެންނަ ބަދަލަކީ، ހިއްސާ ގަންނަން ބޭނުންވާ ޒުވާނުންނަށް ރަނގަޅު ފުރުސަތެއް ކަމަށް މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖްގެ މެނޭޖިން ޑިރެކްޓާ އެންޑް ގްރޫޕް ސީއީއޯ މުހައްމަދު އައުޝަން ލަތީފް ވިދާޅުވެއްޖެއެވެ.

ޕީއެސްއެމްގެ 'ރާއްޖެ މިއަދު' ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އައުޝަން ވިދާޅުވީ އާންމުކޮށް ރާއްޖޭގެ ހިއްސާ ބާޒާރުގައި އެހެން ލިސްޓެޑް ކުންފުނިތަކުގެ ހިއްސާގެ އަގުތައް އުޅޭނީ ގާތްގަނޑަކަށް 40 ރުފިޔާއާއި 150 ރުފިޔާއާއި ދެމުދުގައި ކަމަށެވެ. ނަމަވެސް ބީއެމްއެލްގެ ހިއްސާއެއް އުޅޭނީ ގާތްގަނޑަކަށް 800 ރުފިޔާއަށް ކަމަށް އޭނާ ވިދާޅުވިއެވެ.

އެހެންކަމުން އަލަށް ހިއްސާ ގަންނަން ބޭނުންވާ ޒުވާނަކަށް މިއީ ނިސްބަތުން ބޮޑު އަދަދެއްކަން އައުޝަން ފާހަގަކުރެއްވިއެވެ.

އައުޝަން ވަނީ މި ބަދަލާއެކު އަލަށް ހިއްސާ ގަންނަން ބޭނުންވާ ފަރާތްތަކަށް އާ ފުރުސަތުތަކެއް ހުޅުވިގެންދާނެ ކަމަށް ވިދާޅުވެފައެވެ.

ހިއްސާގެ ބާޒާރުގައި ޒުވާނުންގެ ދައުރު ފުޅާކުރުމަށް ކުރާ މަސައްކަތުގެ ދަށުން މިދިޔަ އަހަރު ޓްރޭޑިންއާ ގުޅޭ ހުރިހާ ކަމެއް އޮންލައިން ކުރެވިފައިވާ ކަމަށާއި، ހިއްސާ ގަނެ ވިއްކޭ މޮބައިލް އެޕްލިކޭޝަނެއް ކަމަށްވާ 'އިންފިނިޓީ' އެޕް ނިންމުމަށް މަސައްކަތްކުރާ ކަމަށް އައުޝަން ވަނީ ވިދާޅުވެފައެވެ. އަދި މި ދާއިރާއިން ޒުވާނުންގެ ހޭލުންތެރިކަން އިތުރުކުރުމަށް ކޮންމެ އަހަރަކުވެސް ގިނަ މަސައްކަތްތަކެއް ކުރާ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

އައުޝަން ވަނީ އަލަށް ހިއްސާ ގަންނަން ބޭނުންވާ ފަރާތްތަކަށް އާ ފުރުސަތުތަކެއް ހުޅުވިގެންދާނެ ކަމަށް ވިދާޅުވެފަ -- ފޮޓޯ: ޕީއެސްއެމް ނިއުސް

އަޅުގަނޑުމެން ގަބޫލުކުރާ ގޮތުގައި މައުލޫމާތު ލިބިފަހުރި އަދި މާކެޓަށް އިތުބާރު އޮތް ޒުވާން އިންވެސްޓަރުންގެ ޖީލެއް އުފެދިގެން އަސްލު މި މާކެޓް ކުރިއަށް އޮތް ތަނުގައި ފުޅާ ކުރެވޭނީ،މުހައްމަދު އައުޝަން ލަތީފް

އައުޝަން ވިދާޅުވީ ރިސޯޓް ނުވަތަ ގެސްޓްހައުސް ލިސްޓްކޮށް، ޑޮލަރުން ހިއްސާދާރުންނަށް އާމްދަނީ ލިބޭނެ ދުވަހެއް އޭނާ ދެކެން ބޭނުންވާ ކަމަށެވެ. އަދި ބީއެމްއެލްގެ މިސާލު ދައްކަވަމުން އޭނާ ވަނީ ލިސްޓްކޮށްފައިވާ ކުންފުނިތަކުން ވެސް ހިއްސާއަށް އެފަދަ ފަހި ބަދަލުތަކެއް ގެނައުމަކީ މުހިއްމު ކަމެއް ކަމަށް ވިދާޅުވެފައެވެ.

ބީއެމްއެލްއިން ހިއްސާ އަށް ގެންނަ ބަދަލުތައް

ހިއްސާދާރުންގެ އަތުގައި 'ރެކޯޑް ޑޭޓް' (18 މާރިޗު 2026) އާ ހަމަޔަށް ހުރި މޫނުމަތީ އަގުގެ 50 ރުފިޔާގެ ކޮންމެ އެއް ހިއްސާއަކަށް ދެ ބޯނަސް ހިއްސާ ދޫކުރުމަށް ބޯޑުން ވަނީ އާންމު ޖަލްސާއަށް ހުށަހަޅާފައެވެ. ބޯނަސް ހިއްސާ ދޫކުރުމަކީ މިހާރު ތިބި ހިއްސާދާރުންގެ އަތުގައި ހުރި ހިއްސާގެ ނިސްބަތަށް ބަލައި އެއްވެސް އަގަކާ ނުލައި އިތުރު ހިއްސާ ބެހުމެވެ. މިސާލަކަށް 100 ހިއްސާ އޮތް ފަރާތަކަށް އިތުރު 200 ހިއްސާ ލިބޭނެއެވެ. އެހެންކަމުން، ޖުމްލަ ހިއްސާގެ އަދަދު 300 އަށް އިތުރުވާނެއެވެ.

ހަމައެއާއެކު 'ވަން އިޒް ޓު 10 ރޭޝިއޯ' އަށް ހިއްސާ ބައިކުރުމަށް ބީއެމްއެލްއިން ވަނީ ނިންމައިފައެވެ. ހިއްސާ ބައިކުރުމަކީ ހިއްސާދާރުންގެ އަތުގައި މިހާރު ހުރި ހިއްސާގެ އަދަދު އިތުރުކޮށް ހިއްސާއަކަށްޖެހޭ އަގު ދަށްކުރުމެވެ. މި ރޭޝިއޯއިން ބޭންކުގެ ހިއްސާ ބައިކުރުމުން ބޯނަސް ހިއްސާއާއެކު މިހާރު ހުރި ކޮންމެ ހިއްސާއެއް 10 ބަޔަށް ބައިކުރެވޭނެ ކަމަށް ބީއެމްއެލްއިން ބުންޏެވެ. މިސާލަކަށް މިހާރު 100 ހިއްސާ އޮންނަ މީހަކަށް ޖުމްލަ 3000 ހިއްސާ ލިބޭނެއެވެ.

އެއާއެކު ކޮންމެ ހިއްސާއެއްގެ މޫނުމަތީ އަގު 50 ރުފިޔާއިން ފަސް ރުފިޔާއަށް ކުޑަވާނެ ކަމަށާއި މި ބަދަލުގެ ސަބަބުން ހިއްސާދާރުންގެ ހިއްސާގެ ޖުމްލަ އަގަކަށް ބަދަލެއް ނާންނާނެ ކަމަށް ބީއެމްއެލްއިން ބުންޏެވެ.

ބޭންކުން ހިއްސާ ބައިކުރުމަށް ނިންމި މަގުސަދުތަކަކީ:

  • އިންވެސްޓަރުންނަށް ބޭންކުގެ ހިއްސާ ކުޑަ އަގެއްގައި ހޯދުމަށް މަގުފަހިކޮށްދިނުން
  • ހިއްސާގެ ބާޒާރުގައި އިންވެސްޓަރުންގެ ބައިވެރިވުން އިތުރުކުރުމަށް ހިތްވަރުދިނުން
  • މާކެޓް ލިކުއިޑިޓީ އަދި ހިއްސާގެ ބާޒާރުގެ ހަރަކާތްތަކަށް މަގު ފަހިކޮށްދިނުން
  • މުސްތަގުބަލުގައި އިތުރު ހިއްސާ ދޫކުރަން ނިންމައިފި ހާލަތެއްގައި އެކަމަށް ތައްޔާރުވުން
  • ހިއްސާގެ އަގު ކުޑަވުމާއެކު މާކެޓުގައި އިންވެސްޓްރުންނަށް ބައިވެރިވުމަށް ހިތްވަރުދެވި، ލިކުއިޑިޓީ އަދި ޓްރޭޑިން ހަރަކާތްތައް އިތުރުވެގެން ދިޔުން
comment ކޮމެންޓް