އާއްމުންގެ މެދުގައި ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ އިންޑިއާގެ މަޝްހޫރު ރެޕް ލަވަކިޔުންތެރިޔާ އާދިތްޔާ ޕްރަތީކް ސިންގް ނުވަތަ އާއްމު ނަމުންނަމަ ބާދްޝާހް ކައިވެނިކޮށްފިއެވެ.
ޕަންޖާބަށް ނިސްބަތްވާ ލަވަކިޔުންތެރިޔާ ބާދްޝާހް ކައިވެނިކުރި ކަމަށް އިންޑިއާގެ މީޑިއާތަކުން ވެސް ބުނެފައިވާއިރު އޭނާގެ ކައިވެނީގެ ފޮޓޯތަކެއް ވެސް އިއްޔެ ހަވީރުގެ ވަގުތެއްގައި ސޯޝަލް މީޑިއާގައި ވަނީ ދައުރުވެފައެވެ.
ބާދްޝާހުއާއި ޕަންޖާބީ ފިލްމީ ބަތަލާ އިޝާ ރިކީގެ ކައިވެނީގެ ފޮޓޯތަކެއް ސޯޝަލް މީޑިއާގައި ދައުރުވާން ފެށުމާއެކު، ގިނަ ބައެއްގެ މެދުގައި މިކަމާ ބެހޭގޮތުން ސުވާލުތައް އުފެދުނެވެ.
އިންޑިއާގެ ނޫހެއް ކަމަށްވާ އެންޑީޓީވީއަށް މަޢުލޫމާތު ދިން އިތުބާރު ހުރި މަސްދަރުތަކުން ބުނެފައި ވަނީ ބާދްޝާހުއާއި ޕަންޖާބީ ފިލްމީ ތަރި އިޝާ ރިކީގެ ކައިވެނި ކުރެވިފައިވާ ކަމަށެވެ. ބާދްޝާހު ދެވަނަ ކައިވެންޏެއް މިކުރީ އޭނާގެ ފުރަތަމަ ކައިވެންޏަށް ނިމުން ގެނައިތާ ހަ އަހަރު ފަހުންނެވެ.

ބާދްޝާ އަންހެނުން އަދި ބަތަލާ އިޝާ ރިކީއާ އެކު -- ފޮޓޯ/ އިންސްޓަގްރާމް
އިންޓަނެޓްގައި ދައުރުވެފައިވާ ކައިވެނީގެ ފޮޓޯތަކުގައި ފިލްމީ ތަރި އިޝާ ރިކީއާއި ބާދްޝާހު ވަނީ އާއިލާގެ ގާތް މީހުންނާއެކު އިންޑިއާގެ ސަގާފަތާ އެއްގޮތަށް ކައިވެނީގެ ބައެއް ހަފްލާތަކުގައި ބައިވެރިވެފައެވެ. އަދި ދެ މީހުން ވެސް ކައިވެނީގެ ޚާއްސަ ހެދުމުގައި ތިބިއިރު މި ކައިވެނީގެ ކަންކަން ކުރިއަށްދިޔައީ ހަމައެކަނި ގާތް ރަހްމަތްތެރިންނާއި އާއިލާގެ މެންބަރުން ހިމެނޭ ވަރަށް ކުޑަ ރަސްމިއްޔާތެއްގައި ކަމަށް ރިޕޯޓުތަކުން ވަނީ ބުނެފައެވެ.
ކައިވެނީގެ ޚަބަރުތައް ސޯޝަލް މީޑިއާގައި ފެތުރެމުން ދިޔަ ނަމަވެސް، ބާދްޝާހު ނުވަތަ އިޝާ ވެސް ދެ މީހުންގެ ކައިވެނީގެ ޚަބަރު ރަސްމީކޮށް ސަޕޯޓަރުންނާ ހިއްސާކޮށްފައެއް ނުވެއެވެ.
ބާދްޝާހު މީގެ ކުރިން ކައިވެނިކޮށްގެން އުޅުނީ ޖޭސްމިން މަސީހުއާއެވެ. އެ ދެމީހުން ވަކިވެ، ކައިވެނި ރަސްމީކޮށް ރޫޅާލާފައި ވަނީ 2020 ވަނަ އަހަރުއެވެ. އެ ކައިވެންޏަށް ޖެސެމީ ގްރޭސް މަސީހް ސިންގް ކިޔާ އަންހެން ކުއްޖަކު ލިބިފައިވެއެވެ.
ބާދްޝާހުއަކީ އިންޑިއާގެ އެންމެ ކުޅަދާނަ ރެޕަރުންގެ ތެރޭގައި ހިމެނޭ އަދި ބޮލީވުޑްގެ ގިނަ ފިލްމުތަކަށް ލަވަ ކިޔައިދީ މިއުޒިކް ވެސް ތައްޔާރުކޮށްދީފައިވާ ފަންނާނެކެވެ. މީގެ އިތުރުން އޭނާ އަންނަނީ ސޮނީ ޓެލެވިޒަންއިން ދައްކަމުން އަންނަ ކާމިޔާބު މިއުޒިކް ރިއަލިޓީ ޝޯ "އިންޑިއަން އައިޑޮލް"ގެ ފަނޑިޔާރުކަން ވެސް ކުރަމުންނެވެ.