އަމިއްލައަށް ކޮމްޕިއުޓަރު ކޮންޓްރޯލްކުރުމުގެ ގާބިލުކަން 'ކްލޯޑް' އޭއައިއަށް

އެންތްރޮޕިކް އަކީ އޯޕަންއޭއައިގައި ކުރިން މަސައްކަތްކުރި ތަޖުރިބާކާރުންތަކެއް އިސްވެ ތިބެ 2021 ވަނަ އަހަރު އުފެއްދި ކުންފުންޏެއް ---

އޭއައި ޓެކްނޮލޮޖީގެ ދުނިޔޭގައި ބޮޑެތި ބަދަލުތަކެއް އަންނަމުންދާ މި ދަނޑިވަޅުގައި، އެންތްރޮޕިކް ކުންފުނިން ވަނީ 'ކްލޯޑް' އަށް އިންޤިލާބީ ފީޗާއެއް ތަޢާރަފުކޮށްފައެވެ. 'ކޮމްޕިއުޓާ ޔޫސް' ނުވަތަ ކޮމްޕިއުޓަރު ބޭނުންކުރުމުގެ މި ޤާބިލުކަމަކީ، އޭއައި އަކުން ހަމައެކަނި ލިޔެދިނުމުގެ ބަދަލުގައި، އިންސާނަކު ފަދައިން ކޮމްޕިއުޓަރުގެ ސްކްރީން ބަލައި، އެޕްލިކޭޝަންތައް ހުޅުވައި، އަދި ޑޮކިއުމަންޓްތަކުގައި މަސައްކަތްކުރުމުގެ ބާރު ލިބިގެންދާ ފީޗާއެކެވެ. މިއީ އޭޖެންޓިކް އޭއައިގެ ދާއިރާއިން ފެނިގެންދާ ވަރަށް މުހިންމު ކުރިއެރުމެކެވެ. މި ބަދަލާއެކު، އޭއައިގެ މަސައްކަތުގެ ވައްޓަފާޅިއަށް ބޮޑު އިންޤިލާބެއް އަންނާނެކަމަށް ތަޖުރިބާކާރުން ޤަބޫލުކުރެއެވެ. މީގެ ކުރިން އޭއައި ޗެޓްބޮޓްތައް ބޭނުންކުރަމުން އައީ ސުވާލުކުރުމަށާއި، ލިޔުންތައް ލިޔުމަށާއި، ކޯޑިން ހެދުމަށެވެ. ނަމަވެސް، 'ކޮމްޕިއުޓާ ޔޫސް' ފީޗާއާއެކު މި މިސްރާބު މިވަނީ 'އޭޖެންޓިކް އޭއައި' އާ ދިމާލަށް ބަދަލުވެފައެވެ. އޭޖެންޓިކް އޭއައި އަކީ އިންސާނުންގެ އެހީތެރިކަމާ ނުލައި، އަމިއްލައަށް ވިސްނައި، ސޮފްޓްވެއާތައް ބޭނުންކޮށްގެން މަސައްކަތްތައް ފުރިހަމަކުރާ ސިސްޓަމްތަކެކެވެ. މިއީ މީހުން ދިރިއުޅޭ މާހައުލަށް އައި ވަރަށް ބޮޑު ބަދަލެކެވެ. ކްލޯޑްގެ މި އައު ޤާބިލުކަމަކީ ސްކްރީންޝޮޓް ނެގުމުގެ ޓެކްނޮލޮޖީއަށް ބިނާވެފައިވާ އެއްޗެކެވެ. ވާޗުއަލް މައުސް އާއި ކީބޯޑު ބޭނުންކޮށްގެން، ސްކްރީނުގައިވާ އެއްޗެހި ދެނެގަނެ، އެކި އެޕްލިކޭޝަންތައް ހުޅުވައި، ބްރައުޒަރު ބޭނުންކޮށް، އަދި އެކިއެކި މަސައްކަތްތައް ކްލޯޑަށް ކުރެވޭނެއެވެ. އެންތްރޮޕިކް އިން ބުނާ ގޮތުގައި، ސްލެކް އަދި ކަލަންޑަރު ފަދަ ކަނެކްޓެޑް އެޕްތަކުގައި މި ފީޗާ ވަރަށް ފުރިހަމައަށް މަސައްކަތްކުރާނެއެވެ. އަދި ޚާއްސަ ގުޅުމެއް ނެތް ލެގަސީ އެޕްތަކުގައި ވެސް ޔޫޒަރުގެ ހުއްދައާއެކު ކްލޯޑަށް މަސައްކަތްކުރެވޭނެއެވެ.

  • ކްލޯޑް އޭއައިއަށް ކޮމްިއުޓަރުގެ ސްކްރީން ކިޔައި، މައުސް އަދި ކީބޯޑު ބޭނުންކުރުމުގެ ފުރިހަމަ ޤާބިލުކަން ލިބިއްޖެއެވެ.
  • މި ފީޗާ މެދުވެރިކޮށް އެޕްލިކޭޝަންތައް ހުޅުވުމާއި، ސްޕްރެޑްޝީޓް ފަދަ ޓޫލްތަކުގައި މަސައްކަތްކުރުމުގެ ފުރުސަތު ލިބެއެވެ.
  • މިއީ އިންސާނުންގެ އެހީތެރިކަމާ ނުލައި، ސޮފްޓްވެއާތައް ބޭނުންކޮށްގެން އަމިއްލައަށް މަސައްކަތްކުރާ 'އޭޖެންޓިކް އޭއައި' އާ ދިމާލަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.
  • މި ވަގުތު މިއީ ރިސާޗް ޕްރިވިއުއެއްގެ ގޮތުގައި ލިބެން ހުރި ފީޗާއެއް ކަމަށާއި، ކުރިމަގުގައި މިއަށްވުރެ ހަލުވިކޮށް މަސައްކަތްކުރާނެ ކަމަށް އެންތްރޮޕިކް އިން ބުނެއެވެ.

އަމިއްލައަށް ކޮމްޕިއުޓަރު ކޮންޓްރޯލްކޮށް މަސައްކަތްކުރުމުގެ ގާބިލުކަން އެންތްރޮޕިކްގެ 'ކްލޯޑް' އޭއައިއަށް ލިބިއްޖެއެވެ.

އެންތްރޮޕިކް ކުންފުނީގެ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ޕްލެޓްފޯމް ކަމަށްވާ 'ކްލޯޑް' އަށް މި އާ ފީޗާ އިތުރުކުރިކަން އިއުލާންކޮށްފައި މިވަނީ ހޯމަ ދުވަހެވެ.

"ކޮމްޕިއުޓަރ ޔޫސް"ގެ ނަން ދީފައިވާ މި ފީޗާގެ ސަބަބުން، ޔޫޒަރުންގެ ކޮމްޕިއުޓަރު އަމިއްލައަށް ކޮންޓްރޯލްކޮށް، އެކި މަސައްކަތްތައް ފުރިހަމަކުރުމުގެ ގާބިލުކަން ކްލޯޑް ޗެޓްބޮޓަށް ލިބޭނެއެވެ.

https://sun.mv/217173

އެކްސްގައި ކްލޯޑްގެ ރަސްމީ އެކައުންޓުން މިކަން އިއުލާނުކޮށްފައިވާއިރު، މި ފީޗާ މިހާރު ލިބެން ހުރީ 'ރިސާޗް ޕްރިވިއު' އެއްގެ ގޮތުގައި 'ކްލޯޑް ކޯޑް' އަދި 'ކްލޯޑް ކޯވޯކް' ފަންކްޝަން މެދުވެރިކޮށެވެ.

އޭޖެންޓިކް އޭއައި ބޭނުންކުރާ މި ފީޗާއިން، ވާޗުއަލް ކީބޯޑަކާއި މައުސްއެއް ބޭނުންކުރެއެވެ. އަދި ސްކްރީންޝޮޓް ނަގައިގެން ސްކްރީނުގައިވާ އެއްޗެހި ކިޔުމުގެ ގާބިލުކަންވެސް ވަނީ ދީފައެވެ.

މި ފީޗާ ބޭނުންކޮށްގެން ކުރެވިދާނެ ބައެއް ކަންކަމުގެ ތެރޭގައި އެޕްލިކޭޝަންތައް ހުޅުވުމާއި، ބްރައުޒަރު ބޭނުންކުރުމާއި، ސްޕްރެޑްޝީޓާއި ޑޮކިއުމަންޓް ފަދަ ޓޫލްތަކުގައި މަސައްކަތްކުރުން ހިމެނެއެވެ.

އެންތްރޮޕިކް އިން ބުނާގޮތުގައި، ކްލޯޑް އެންމެ ފުރަތަމަ މަސައްކަތްކުރާނީ ސްލެކް އަދި ކަލަންޑަރު ފަދަ އޭއައި އާ ގުޅިފައިވާ (ކަނެކްޓެޑް) އެޕްތައް މެދުވެރިކޮށް މަސައްކަތް ފުރިހަމަކުރުމަށެވެ. އެހެންނަމަވެސް ގުޅިފައިވާ އެޕެއް ނެތްނަމަ، ޔޫޒަރުގެ ހުއްދައާއެކު އާދައިގެ (ލެގަސީ) އެޕްތައް ސްކްރީނުން ހުޅުވައިގެންވެސް މަސައްކަތް ކުރާނެއެވެ.

އެންތްރޮޕިކްގެ ޓެކްނިކަލް ސްޓާފް ފީލިކްސް ރީސެބާގް ފާހަގަކުރެއްވި ގޮތުގައި، މި ފީޗާއަކީ ދާދިފަހުން ތައާރަފުކުރި ދުރުން ކްލޯޑް ކޮންޓްރޯލް ކުރެވޭ ފީޗާއެއް ކަމަށްވާ 'ކްލޯޑް ޑިސްޕެޗް' އާ ގުޅުވައިގެން ބޭނުންކުރުމުން އިތުރަށް ފުރިހަމަވެގެންދާނެ ކަމެކެވެ. މީގެ ސަބަބުން މޯބައިލް ފޯނަކުން ޑެސްކްޓޮޕްގައިވާ ކްލޯޑް ކޮންޓްރޯލްކޮށް، އުނދަގޫ މަސައްކަތްތައް އަމިއްލައަށް ކުރުމަށް މަގުފަހިވާނެއެވެ.

މިއީ އާ ޓެކްނޮލޮޖީއެއްގެ އެންމެ ކުރީކޮޅު ކަމަށްވާތީ، މިވަގުތު ކްލޯޑް ކޮމްޕިއުޓަރު ބޭނުންކުރާ ސްޕީޑް އިންސާނަކަށްވުރެ ލަސްވާނެކަމަށް އޭނާ އިންޒާރުދެއްވިއެވެ. އަދި ކުރިމަގުގައި މި ފީޗާގެ ސްޕީޑާއި ފުޅާމިން އިތުރަށް ތަރައްގީވެ ކުރިއަރައިގެންދާނެ ކަމަށްވެސް ފީލިކްސް ވިދާޅުވިއެވެ.

އޭއައިގެ ދުނިޔޭގައި ފާހަގަކޮށްލެވޭ ކުންފުންޏެއް ކަމަށްވާ އެންތްރޮޕިކް އަކީ އޯޕަންއޭއައިގައި ކުރިން މަސައްކަތްކުރި ތަޖުރިބާކާރުންތަކެއް އިސްވެ ތިބެ 2021 ވަނަ އަހަރު އުފެއްދި ކުންފުންޏެކެވެ.

އެކުންފުނީގެ އެންމެ ފާހަގަކޮށްލެވޭ އުފެއްދުން ކަމަށްވާ 'ކްލޯޑް' އަކީ އޯޕަންއޭއައިގެ 'ޗެޓްޖީޕީޓީ' އަދި ގޫގުލްގެ 'ޖެމިނައި' އާ އެންމެ ގާތުން ވާދަކުރާ އެއް އޭއައި މޮޑެލްއެވެ.

މީގެ ކުރިން އޭއައި ޗެޓްބޮޓްތައް ބޮޑަށް ބޭނުންކުރަމުން އައީ ހަމައެކަނި ސުވާލުތަކަށް ޖަވާބު ހޯދުމަށާއި، ލިޔުންތައް ލިޔުމަށާއި ކުރެހުންތައް އުފެއްދުމަށެވެ. ނަމަވެސް، މިހާރު ޓެކްނޮލޮޖީގެ މިސްރާބު މިވަނީ "އޭޖެންޓިކް އޭއައި" އާ ދިމާލަށް އެނބުރިފައެވެ. މިއީ އިންސާނުންގެ އެހީތެރިކަމާ ނުލައި، ސޮފްޓްވެއާތައް ބޭނުންކޮށްގެން އަމިއްލައަށް އެކި މަސައްކަތްތައް ފުރިހަމަކޮށްދޭ ޒަމާނީ އޭއައި ސިސްޓަމްތަކެކެވެ.

ކްލޯޑްއަށް އަލަށް ތައާރަފުކުރި "ކޮމްޕިއުޓާ ޔޫސް" ފީޗާއަކީ މި އިންގިލާބީ ބަދަލުގެ ވަރަށް މުހިންމު ފިޔަވަޅެއްކަން ޓެކްނޮލޮޖީ ދިރާސާކުރާ ފަރާތްތަކުން ފާހަގަކުރެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު