13 އަހަރުގެ ތަޖުރިބާއާއެކު، ނިއުރޯ ސާޖަން ޑރ. އަނިޝް މާން ސިންހް ޓްރީ ޓޮޕް ހޮސްޕިޓަލަށް

ރާއްޖޭގެ ސިއްހީ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން، ޓްރީ ޓޮޕް ހޮސްޕިޓަލުން ވަނީ ނިއުރޯ ސާޖަރީގެ ދާއިރާއިން ފުންނާބު އުސް ޑޮކްޓަރެއް ކަމަށްވާ ޑރ. އަނިޝް މާން ސިންހް އެ ހޮސްޕިޓަލުގެ ޓީމާ ގުޅިވަޑައިގެންފައިވާކަން ހާމަކޮށްފައެވެ. ނޭޕާލަށް ނިސްބަތްވާ މި ޑޮކްޓަރަކީ ނިއުރޯ އޮންކޮލޮޖީ، ކުޑަކުދިންގެ ނިއުރޯ ސާޖަރީ، އަދި މައިބަދައިގެ އޮޕަރޭޝަންތަކަށް ޚާއްސަ ތަޖުރިބާކާރެކެވެ. ތޭރަ އަހަރުގެ ދިގު މުއްދަތެއްގެ ތަޖުރިބާ ލިބިވަޑައިގެންފައިވާ ޑރ. އަނިޝްއަކީ މީގެ ކުރިން ނޭޕާލްގެ ނަން މަޝްހޫރު ހޮސްޕިޓަލުތަކެއްގެ އިސް މަގާމުތައް ފުރުއްވާފައިވާ ބޭފުޅެކެވެ. ޑޮކްޓަރު ވިދާޅުވި ގޮތުގައި، އޭނާގެ މަސައްކަތްތައް ބޮޑަށް އަމާޒުކުރައްވާނީ ބްރެއިން ޓިއުމަރާއި މައިބަދައިގެ އޮޕަރޭޝަންތަކަށެވެ. ދުނިޔޭގެ އެކި ގައުމުތަކުގައި މި ދާއިރާއިން ތަމްރީނު ހޯއްދަވާފައިވާ ޑޮކްޓަރު ގަބޫލުކުރައްވާ ގޮތުގައި، ޒަމާނީ ޓެކްނޮލޮޖީއާއި އާޓިފިޝަލް އިންޓެލިޖެންސްގެ ބޭނުންކޮށްގެން ނިއުރޯ ސާޖަރީގެ ދާއިރާއިން ރާއްޖެއަށް ބޮޑެތި ކުރިއެރުންތަކެއް ގެނެވޭނެއެވެ.

  • ޓްރީ ޓޮޕް ހޮސްޕިޓަލާ ގުޅިވަޑައިގެންނެވި ޑރ. އަނިޝް މާން ސިންހަކީ ނިއުރޯ ސާޖަރީގެ ދާއިރާއިން 13 އަހަރުގެ ތަޖުރިބާހުރި ބޭފުޅެކެވެ.
  • މައިބަދައިގެ އޮޕަރޭޝަންތަކާއި ބްރެއިން ޓިއުމަރު ސާޖަރީއަށް ޚާއްސަ އިސްކަމެއް ދެއްވައިގެން ފަރުވާ ދެއްވާނެއެވެ.
  • ނިއުރޯ ސާޖަރީގެ ދާއިރާގައި ބޭނުންކުރާ ޒަމާނީ ޓެކްނޮލޮޖީތައް ރާއްޖެއަށް ތައާރަފުކުރުމަށް ޑޮކްޓަރު މަސައްކަތް ކުރައްވާނެއެވެ.
  • އެޕޮއިންޓްމެންޓް ހެދުމަށް ޓްރީ ޓޮޕް ހޮސްޕިޓަލުގެ 3351610 ނަންބަރަށް ގުޅައިގެން މައުލޫމާތު ސާފުކުރެވޭނެއެވެ.

ނިއުރޯ ސާޖަރީ، ނިއުރޯ އޮންކޯ ސާޖަރީ، ނުވަތަ ސިކުނޑިއާއި ނާރުތަކާ ބެހޭ ނިޒާމަށް ޖެހޭ ކެންސަރުގެ ސާޖަރީއަށް ޚާއްސަ ޑޮކްޓަރު، ނޭޕާލްގެ ޑރ. އަނިޝް މާން ސިންހް ޓްރީޓޮޕް ހޮސްޕިޓަލުގައި ފަރުވާދެއްވަން ފަށްޓަވައިފިއެވެ.

ނިއުރޯ އޮންކޮލޮޖީ އާއި ކުޑަކުދިންގެ ނިއުރޯ-ސާޖަރީއަށް ޚާއްސަ އަހައްމިޔަތުކަމެއް ދެއްވާ ޑރ. އަނިޝް މާން ސިންހަކީ ނިއުރޯ-ސާޖަރީގެ އިތުރުން، މައިބަދައިގެ އޮޕަރޭޝަނަށްވެސް ޚާއްސަ ޑޮކްޓަރެކެވެ.

ނިއުރޯސާޖަރީގައި ތޭރަ އަހަރަށްވުރެ ގިނަ ދުވަހުގެ ތަޖުރިބާ ހޯއްދަވައިފައިވާ ޑޮކްޓަރު ވަނީ މީގެ ކުރިން އުފަން ގައުމު ނޭޕާލްގެ ކަތުމަންޑޫ ނިއުރޯ ހޮސްޕިޓަލުގެ މެޑިކަލް ޑައިރެކްޓަރު ކަމާއި، އެ ގައުމުގެ ސްޓާ ހޮސްޕިޓަލުގެ ނިއުރޯސައިންސް ޑިޕާޓްމަންޓުގެ ހެޑުގެ މަގާމުވެސް ފުރުއްވައިފައެވެ.

ރާއްޖޭގައި މަސައްކަތް ފެއްޓެވުމާ ގުޅޭ ގޮތުން "ސަން"އަށް ދެއްވި ބަސްދީގަތުމެއްގައި ޑރ. އަނިޝް ވިދާޅުވީ، ޓްރީޓޮޕް ހޮސްޕިޓަލުގައި ބޮޑަށް އިސްކަން ދެއްވާނީ މައިބަދައިގެ ސާޖަރީއަށާއި ނިއުރޯ-އޮންކޯ ސާޖަރީއަށާއި، ބްރެއިން ޓިއުމާ ސާޖަރީއަށް ކަމަށެވެ.

ޗައިނާއާއި އެމެރިކާއާއި ޖަޕާނު ފަދަ ބޮޑެތި ގައުމުތަކުގައި ނިއުރޯސައިންސާއި ނިއުރޯ-އޮންކޯ ސާޖަރީން ތަމްރީނުތައްވެސް ފުރިހަމަކުރައްވާފައިވާ ޑޮކްޓަރު ވިދާޅުވީ، ނިއުރޯސާޖަރީ އަންނަނީ ދުވަހުން ދުވަހަށް ބަދަލުވަމުން ކަމަށެވެ. އެގޮތުން ޒަމާނީ ނެވިގޭޝަން ސިސްޓަމާއި އާޓިފިޝަލް އިންޓެލިޖެންސްގެ އެހީތެރިކަމާއެކު ތަރައްގީވެފައިވާ ގައުމުތަކުން ނިއުރޯސާޖަރީގެ ޕްރޮސީޖާތައް ފުރިހަމަކުރަމުން އަންނަ ކަން ޑޮކްޓަރު ފާހަގަކުރެއްވިއެވެ.

މުސްތަގުބަލުގައި ރާއްޖެއަށް ވެސް މި ދާއިރާއިން ކުރިއެރުންތަކެއް އަންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން، ކުޑަކޮށް ފަޅައިގެން ހެދޭ ސާޖަރީ ނުވަތަ މިނިމަލީ އިންވޭސިވް އެންޑޮސްކޯޕިކް ސްޕައިން ސާޖަރީއާއި އެޕިލެޕްސީ ސާޖަރީގެ ޚިދުމަތް ދެވޭނެ ކަމަށާއި، ނިއުރޯސާޖަރީއާއި ނިއުރޯސައިންސްއިން ރާއްޖެ މިހާރު ވެސް ކުރިއަރަމުން އަންނަ ކަމަށް ޑޮކްޓަރު ވިދާޅުވިއެވެ.

ރާއްޖޭގެ ސިއްހީ ދާއިރާ ޒަމާނާ އެއްވަރަށް ތަރައްގީވަމުން އަންނާނެ ކަމުގެ އުއްމީދު ފާޅުކުރައްވައި ޑރ. އަނިޝްވަނީ ދިވެހީންނަށް ވެސް ތައުރީފުކުރައްވައިފައެވެ. އެގޮތުން، ރާއްޖެއަކީ ހިތްހެޔޮ، ރަނގަޅު ރައްޔިތުންތަކެއް އުޅޭ ގައުމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

ޑރ. އަނިޝްއަށް އެޕޮއިންޓްމެންޓް ހެދުމަށް ނުވަތަ ހޮސްޕިޓަލާ ގުޅޭ އިތުރު މައުލޫމާތު ސާފުކުރުމަށް ޓްރީ ޓޮޕްގެ ނަންބަރު 3351610 އަށް ގުޅޭނެއެވެ.

comment ކޮމެންޓް