ލޯކަލް ކައުންސިލް އިންތިޚާބަށްފަހު، އަތޮޅު ކައުންސިލްތައް އުވޭ ހިސާބުން ދެން ރައްޔިތުންނަށް ޚިދުމަތްދޭން އެ ތަންތަނުގައި ގާއިމުކުރާނީ ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ)ގެ އޮފީސްތައް ކަމަށާއި، ބްލޮކްގްރާންޓްގެ ގޮތުގައި އިތުރުވާ ފައިސާ ބަހާނީ ކައުންސިލްތަކުގެ މެދުގައި ކަމަށް ލޯކަލް ގަވަނަންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު މިއަދު ވިދާޅުވެއްޖެއެވެ.
އަތޮޅު ކައުންސިލުތައް އުވާލަން ގާނޫނުއަސާސީއަށް ގެނައި އިސްލާހުތައް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ތަސްދީގުކުރެއްވީ މިދިޔަ ޑިސެމްބަރު މަހުގެ އެކެއްގައެވެ. ސަރުކާރުން އެ އިސްލާހު ގެނައުމުގެ އެއް ސަބަބަކީ ޚަރަދުކުޑަކުރުމެވެ.
އެފަހުން، އިދިކޮޅު ފަރާތްތަކުން ވަނީ ނުރުހުން ފާޅުކޮށް ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔައިފައެވެ. އެގޮތުން އަތޮޅު ކައުންސިލްތައް އުވާލުމާއެކު، އަތޮޅުތައް ހިންގުމުގެ ނިޒާމު މި ދަނީ ބައިގަރުނު ފަހަތަށް ކަމަށާއި، އަތޮޅު ކައުންސިލްތައް އުވާލުމަކީ ރަށު ރައްޔިތުން ރަށުގައި ބަންދުވުން ކަމަށް، ބައެއް ކައުންސިލް ރައީސުންނާއި މޭޔަރުން ސިފަކުރެއްވިއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވީ، އާ ކައުންސިލް ހުވާކުރާ ހިސާބުން ފެށިގެން އަތޮޅު ކައުންސިލް އިދާރާތައް އުވިގެން ދިޔަ ނަމަވެސް އެތަންތަނުގައި އެލްޖީއޭގެ އޮފީހެއް ގާއިމުކުރާނެ ކަމަށެވެ.
އެ އޮފީސްތައް ގާއިމުކުރުމުން މިހާރު ވެސް އަތޮޅު ކައުންސިލްތަކުން އާންމުންނަށް ދޭ ޚިދުމަތްތައް މެދުނުކެނޑި ދެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ސަރުކާރުން މިހާރު އަތޮޅު ކައުންސިލްތަކުގައި ގާއިމުކޮށްފައި ހުރި އައިޑީކާޑު ހެދުން ފަދަ އެކިއެކި ޚިދުމަތްތައް ވެސް، މެދުނުކެނޑި ބަރާބަރަށް ކުރިއަށް ދާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އޭގެ އިތުރަށް އެ އޮފީސްތަކުގައި މިހާރު މަސައްކަތްކުރާ މުވައްޒަފުންނަށް ވެސް ވަޒީފާގެ އެއްވެސް ގޮންޖެހުމެއްނެތި މަސައްކަތްކުރެވޭނެ މާހައުލެއް އެތަންތަނުގައި ގާއިމުކުރެވިގެން ދާނެކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.
ހަމައެއާއެކު އަތޮޅު ކައުންސިލްތަކުގައި މިހާރު ހުރި ވަސީލަތްތަކަކީ ހަމަ އެ އަތޮޅަކަށް ނިސްބަތްވާ ވަސީލަތްތައް ކަމުން، އެލްޖީއޭގެ އޮފީސްތަކުގައި އެ ވަސީލަތްތައް ރައްކާކުރެވިގެން ދާނެ ގޮތަކަށް ކަންކަން ތަރުތީބުކުރައްވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މި ބަދަލާ އެކީގަ މިހާރު މާލޭގަ މިހުންނަ އަތޮޅު ފިހާރަތަކުން ލިބޭ ފައިސާ ވެސް އެލްޖީއޭގެ ފަރާތުން އަތޮޅަށް ނިސްބަތްވާގޮތަށް ހަދާ އޮފީހުގެ އިދާރީ ބަޔަށް އެ ފައިސާ ލިބޭނެ އިންތިޒާމު ހަމަޖައްސާނަން. އެހެންވީމަ އަތޮޅަށް އެއްވެސް އުނިކަމެއް ނާންނާނެ، ލޯކަލް ގަވަނަންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު
މިނިސްޓަރު އިތުރަށް ވިދާޅުވީ އަތޮޅު ކައުންސިލްތައް އުވިގެން ދާއިރު ބްލޮކް ގްރާންޓުގެ ގޮތުގައި އިތުރުވާ ފައިސާ ސަރުކާރުން ނިންމާފައި ވަނީ އެހެން ކައުންސިލްތަކަށް، ޚާއްސަކޮށް ޑަބްލިއުޑީސީއަށް އޭގެ އިތުރު ކުރިއެރުމެއް ލިބޭނެ ގޮތަކަށް ފައިސާ ބެހޭނެ އިންތިޒާމެއް ހަމަޖައްސަން ކަމަށެވެ. އެހެންކަމުން އެކަމުގެ ސަބަބުން ކައުންސިލްތަކަށް އިތުރު ފައިދާ ކުރާނެ ކަމަށް ގަބޫލުކުރައްވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.