އެޕަލްގެ އަހަރީ ބޮޑު އިވެންޓް ޖޫން އަށަކަށް ތާވަލުކޮށްފި

ޑަބްލިއުޑަބްލިއުޑީސީ 2026 ފަށާނީ އެޕަލް ޕާކުގައި ބާއްވާ އިވެންޓަކުން ---

އެޕަލް އިން ކޮންމެ އަހަރަކު ބާއްވާ އެންމެ ބޮޑު އިވެންޓް ކަމަށްވާ ޑަބްލިއު.ޑަބްލިއު.ޑީ.ސީ މިއަހަރުގެ ޖޫން މަހުގެ 8 ވަނަ ދުވަހުން ފެށިގެން 12 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. މި އިވެންޓަކީ އެޕަލްގެ އާ ސޮފްޓްވެއާ އަޕްޑޭޓްތަކާއި، ޓެކްނޮލޮޖީގެ އާ އުފެއްދުންތައް ދައްކާލުމަށް ޚާއްސަ ކޮށްފައިވާ އިވެންޓެކެވެ. މިއަހަރުގެ އިވެންޓްގައި އެންމެ ބޮޑު ސަމާލުކަމެއް ދޭނީ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) އަދި އެޕަލް އިންޓެލިޖެންސްގެ ކުރިއެރުންތަކަށެވެ.

  • ޑަބްލިއު.ޑަބްލިއު.ޑީ.ސީ 2026 ކުރިއަށްދާނީ ޖޫން 8 ން 12 އަށެވެ.
  • އެޕަލް އިންޓެލިޖެންސް އާއި ސްމާޓް ސިރީގެ އާ ވާޝަންތައް ތައާރަފުކުރުން.
  • އިވެންޓް ކުރިއަށްދާނީ ވާޗުއަލްކޮށް، ނަމަވެސް އެޕަލް ޕާކުގައި ޚާއްސަ އިވެންޓެއް ބާއްވާނެ.
  • ޑިވެލޮޕަރުންނަށް ޓެކްނިކަލް ސެޝަންތަކާއި ލެބްތަކުގައި ބައިވެރިވުމުގެ ފުރުސަތު ލިބޭނެ.

ދުނިޔޭގެ އެންމެ ވަރުގަދަ އެއް ޓެކްނޮލޮޖީ ކުންފުނި އެޕަލް އިން ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ އެކުންފުނީގެ އަހަރީ އެންމެ ބޮޑު އިވެންޓް ވޯލްޑްވައިޑް ޑިވެލޮޕާސް ކޮންފަރެންސް (ޑަބްލިއު.ޑަބްލިއު.ޑީ.ސީ) މިއަހަރުގެ ޖޫން މަހުގެ އަށަކުން 12 އަށް ބާއްވަން އެކުންފުނިން އިއުލާންކޮށްފިއެވެ.

ފަސް ދުވަހުގެ މުއްދަތަކަށް ކުރިއަށްދާ މި ކޮންފަރެންސް ފެށިގެންދާނީ އެޕަލްގެ ސީއީއޯ ޓިމް ކޫކް ދެއްވާ ޚާއްސަ ކީނޯޓަކުންނެވެ.

މި އަހަރުގެ ކޮންފަރެންސްގައި އެންމެ ބޮޑު ސަމާލުކަމެއް ދޭނީ އެޕަލްގެ ސޮފްޓްވެއާތަކުގެ އާ އަޕްޑޭޓްތަކަށެވެ. މީގެ ތެރޭގައި އައިއޯއެސް 27ގެ އިތުރުން އައިޕެޑްއޯއެސް، މެކްއޯއެސް، ވޮޗްއޯއެސް އަދި ޓީވީއޯއެސްގެ އާ ވާޝަންތައް ދައްކާލާނެ ކަމަށް ބެލެވެއެވެ.

އެޕަލް އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި އިވެންޓް ކުރިއަށްދާނީ ވާޗުއަލްކޮށް ކަމަށާއި، ޑިވެލޮޕަރުންނަށް ހިލޭ ބައިވެރިވެވޭނެ ކަމަށެވެ. އަދި މި އިވެންޓުގައި އެޕަލްގެ ޕްލެޓްފޯމްތަކަށް ގެންނަ އާ ބަދަލުތަކާއި، އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ގެ ކުރިއެރުންތަކުގެ އިތުރުން ޑިވެލޮޕަރުންނަށް ބޭނުންވާ އާ ޓޫލްސްތައް ދައްކާލާނެއެވެ.

ޖޫން އަށް ވަނަ ދުވަހު ބާއްވާ ކީނޯޓް އަދި ޕްލެޓްފޯމްސް ސްޓޭޓް އޮފް ދަ ޔޫނިއަން އިން ފެށިގެންދާ މި އިވެންޓް އެޕަލް ޑިވެލޮޕާ އެޕް، ވެބްސައިޓް އަދި ޔޫޓިއުބް ޗެނަލް މެދުވެރިކޮށް އޮންލައިންކޮށް ބަލާލެވޭނެއެވެ. އަދި ހަފްތާގެ ތެރޭގައި 100 އަށްވުރެ ގިނަ ޓެކްނިކަލް ސެޝަންތަކާއި، ގްރޫޕް ލެބްތައް ކުރިއަށްދާނެއެވެ. މިއީ ޑިވެލޮޕަރުންނަށް އެޕަލްގެ އިންޖިނިއަރުންނާއި ޑިޒައިނަރުންނާ ސީދާ ގުޅައިލުމަށް ލިބޭ ރަނުގެ ފުރުސަތެކެވެ.

ވާޗުއަލްކޮށް ގިނަ ހަރަކާތްތައް ކުރިއަށް ގެންދިޔަ ނަމަވެސް، ޖޫން އަށް ވަނަ ދުވަހު އެޕަލް ޕާކުގައި ޚާއްސަ އިވެންޓެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުން މިއަހަރުގެ ސްވިފްޓް ސްޓޫޑަންޓް ޗެލެންޖްގެ ކާމިޔާބީ ހޯދާ ފަރާތްތައް މާރިޗު 26 ގައި އިއުލާންކުރާނެ ކަމަށާއި، މޮޅުވާ ފަރާތްތަކަށް އެޕަލް ޕާކުގައި ބާއްވާ އިވެންޓުގައި ބައިވެރިވުމަށް އެޕްލައިކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށްވެސް އެކުންފުނިން ބުނެފައިވެއެވެ. އަދި މީގެ ތެރެއިން އެންމެ މޮޅު 50 ކުދިންނަށް ތިން ދުވަހުގެ ޚާއްސަ ތަޖުރިބާއެއް އެޕަލް ޕާކުގައި ލިބިގެންދާނެއެވެ.

ޑަބްލިއު.ޑަބްލިއު.ޑީ.ސީ 2026 ގައި އެންމެ ބޮޑަށް ފާހަގަކުރެވިގެންދާނީ އޭއައި އަށް ގެންނަ ކުރިއެރުންތަކެވެ. ޚާއްސަކޮށް، ކުރިން ނެރެން އުޅެ ލަސްވެފައިވާ "އެޕަލް އިންޓެލިޖެންސް" ގެ ފީޗާތަކާއި، ކުރިއަށްވުރެ ސްމާޓް ސިރީގެ އާ ވާޝަނެއް މި އިވެންޓުގައި ދައްކާލާނެކަމަށް ވަރަށް ބޮޑަށް ބެލެވެއެވެ.

ޑަބްލިއު.ޑަބްލިއު.ޑީ.ސީ (ވޯލްޑްވައިޑް ޑިވެލޮޕާސް ކޮންފަރެންސް) އަކީ އެޕަލްގެ އުފެއްދުންތަކަށް ސޮފްޓްވެއާ ފަރުމާކުރާ ޑިވެލޮޕަރުންނަށް އަމާޒުކޮށްގެން ކޮންމެ އަހަރަކުވެސް އެކުންފުނިން ބާއްވާ އެންމެ ބޮޑު އެއް ހަރަކާތެވެ. އާންމުގޮތެއްގައި އެޕަލްގެ އާ އައިފޯންތަކާއި ކޮމްޕިއުޓަރުތައް އަހަރުގެ ފަހުކޮޅު ބާޒާރަށް ނެރުމުގެ ކުރިން، އެ ޑިވައިސްތަކުގައި ބޭނުންކުރާނެ އާ އޮޕަރޭޓިން ސިސްޓަމްތަކާއި ފީޗާތައް އެންމެ ފުރަތަމަ ތައާރަފުކުރަނީ މި ކޮންފަރެންސްގައެވެ.

ފަހަކަށް އައިސް ޓެކްނޮލޮޖީގެ ދުނިޔޭގައި އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ގެ ވާދަވެރިކަން އިންތިހާއަށް ބޮޑުވެފައިވާއިރު، ގޫގުލް އަދި މައިކްރޯސޮފްޓް ފަދަ ކުންފުނިތަކާ އަޅާބަލާއިރު އެޕަލް އޭއައިގެ ރޭހުގައި އޮތީ ތަންކޮޅެއް ފަހަތުގައެވެ. މިކަމަށް ހައްލެއް ގެނައުމުގެ ގޮތުން "އެޕަލް އިންޓެލިޖެންސް" ގެ ނަމުގައި އެކުންފުނިން އޭއައިގެ މަސައްކަތްތަކެއް ފެށި ނަމަވެސް، އޭއައިގެ އެހީގައި މަސައްކަތްކުރާ ކުރިއަށްވުރެ ސްމާޓް "ސިރީ" ފަދަ މުހިންމު ޚިދުމަތްތައް އާންމުންނާ ހަމައަށް ގެނެސްދިނުން ވަނީ އެކި ސަބަބުތަކާހުރެ ލަސްވެފައެވެ. އެހެންކަމުން، މިއަހަރުގެ ކޮންފަރެންސް ވެގެންދާނީ އޭއައިގެ މައިދާނުގައި އެޕަލްގެ ބާރުވެރިކަން ސާބިތުކޮށްދީ، ޑިވެލޮޕަރުންނާއި އާންމުން ކުރަމުންދާ އިންތިޒާރަށް ނިމުމެއް ގެނައުމަށް އެކުންފުންޏަށް ލިބޭ ވަރަށް މުހިންމު ފުރުސަތަކަށެވެ.

comment ކޮމެންޓް