އީރާނުގެ ކުރިމަތީގައި ޓްރަމްޕަށް ގޮތްހުސްވެ ހަނގުރާމައިން ނުކުމެވޭނެ މަގެއް ހޯދަނީ

ޓްރަމްޕް

މިހާރު ކުރިއަށްދާ އީރާން-އެމެރިކާ އަސްކަރީ ކުރިމަތިލުންތަކުގައި އެމެރިކާއަށް އެއްވެސް ކާމިޔާބީއެއް ނުލިބުމުން، ހަނގުރާމަ ހުއްޓާލުމަށް ޓްރަމްޕް މަސައްކަތްކުރަމުންދާ ކަމަށް އީރާނުގެ ޕާލަމެންޓުގެ ރައީސް މުހައްމަދު ބާގިރު ވަނީ ވިދާޅުވެފައެވެ. އެމެރިކާއިން އެކި ގައުމުތައް މެދުވެރިކޮށް ހަނގުރާމަ ހުއްޓާލުމުގެ މެސެޖުތައް ފޮނުވަމުންދާ ކަމަށް އޭނާ ވިދާޅުވި ނަމަވެސް، އެކަމާ ގުޅޭގޮތުން އީރާނުން އަދި އެއްވެސް މަޝްވަރާއެއް ކޮށްފައެއް ނުވެއެވެ. ޓްރަމްޕް ދެއްކެވި ވާހަކަތަކަކީ ހަމައެކަނި ތެލުގެ އަގު ކޮންޓްރޯލް ކުރުމަށްޓަކައި ދެއްކެވި ދޮގު ވާހަކަތަކެއް ކަމަށް އީރާނުން ތުހުމަތުކުރެއެވެ. އީރާނުން މިހާރު ވަނީ މި ހަނގުރާމަ ހުއްޓާލުމަށްޓަކައި ވަރަށް ސާފު ޝަރުތުތަކެއް ކަނޑައަޅާފައެވެ.

  • އެމެރިކާއާއި އިސްރާއީލު ގުޅިގެން އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގައި އެއްވެސް މަގުސަދެއް ހާސިލުނުވުމުން ޓްރަމްޕް ހަނގުރާމައިން ނުކުމެވޭނެ ގޮތެއް ހޯދަމުންދާކަން ހާމަވެއްޖެއެވެ.
  • އީރާނުގެ ޕާލަމެންޓްގެ ރައީސް މުހައްމަދު ބާގިރު ވިދާޅުވި ގޮތުގައި އެމެރިކާއިން އެކި ގައުމުތައް މެދުވެރިކޮށް ހަނގުރާމަ ހުއްޓާލުމުގެ މެސެޖުތައް ފޮނުވަމުންދާ ކަމަށާއި، ނަމަވެސް އީރާނުން އަދި އެއްވެސް މަޝްވަރާއެއް ކޮށްފައެއް ނުވެއެވެ.
  • ހަނގުރާމަ ހުއްޓާލުމާ ގުޅޭގޮތުން ޓްރަމްޕް ދެއްކެވި ވާހަކަތަކަކީ ތެލުގެ އަގު ދަށްކުރުމަށްޓަކައި ދެއްކެވި ދޮގު ވާހަކަތަކެއް ކަމަށް އީރާނުން ސިފަކޮށްފައިވެއެވެ.
  • އީރާނުން ވަނީ ހަނގުރާމަ ހުއްޓާލުމަށްޓަކައި ޝަރުތުތަކެއް ކަނޑައަޅާފައި، އޭގެ ތެރޭގައި ހަމަލާތައް ހުއްޓާލުމާއި، ގެއްލުންތަކަށް ބަދަލުދިނުން އަދި އަސްކަރީ ބޭސްތައް ދޫކޮށްލުން ހިމެނެއެވެ.

ވޮޝިންޓަން (24 މާޗް 2026) : އެމެރިކާއާއި އިސްރާއީލު އީރާން އާ ދެކޮޅަށް ފަށާފައިވާ އުދުވާނީ ހަނގުރާމައިގެ އެއްވެސް މަގްސަދެއް ހާސިލް ނުކުރެވުމުން ހަނގުރާމަ ހުއްޓާލުމާބެހޭގޮތުން އެމެރިކާގެ ގިނަ މެސެޖްތަކެއް ލިބެމުންދާކަން އީރާނުން ހާމަކޮށްފިއެވެ.

އީރާނުގެ ޕާލަމެންޓްގެ ރައީސް މުހައްމަދު ބާގިރު ގަލީބާވް ވިދާޅުވިގޮތުގައި ޕާކިސްތާން، ތުރުކީ, މިސްރު އަދި އެނޫން ގައުމުތައް މެދުވެރިކޮށް ހަނގުރާމަ ހުއްޓާލުމާމެދު އެމެރިކާގެ ހުށަހެޅުންތައް މަސެޖްތަކެއްގެ ގޮތުގައި އީރާނަށް ލިބެމުންދާ ކަމުގައެވެ. ނަމަވެސް މިކަމުގައި އެމެރިކާއާއެކު އެއްވެސް މަޝްވަރާއެއް އަދި އީރާން ކޮށްފައި ނުވާނެކަމަށް އޭނާ ވިދާޅުވިއެވެ.

ހަނގުރާމަ ހުއްޓާލުމާބެހޭގޮތުން އީރާންއާއެކު ކާމިޔާބު މަޝްވަރާތެއް ކުރެވިއްޖެކަމަށް ބުނެ އެމެރިކާގެ ރައީސް ޓްރަމްޕް ދެއްވި ބަޔާނަކީ ކަނޑައެޅިގެން ދޮގެއްކަމަށް ބާގިރު ވިދާޅުވިއެވެ.

"އެއީ ތެލުގެ އަގު ދަށްކުރުމަށް ޓްރަމްޕް ބޭނުންކުރި އުކުޅެއް" އީރާނުގެ ޕާލަމެންޓްގެ ރައީސް މުހައްމަދު ބާގިރު ވިދާޅުވިއެވެ.

މުހައްމަދު ބާގިރު

ބާގިރު އާ ހަވާލާދީ އީރާނުގެ ތަސްނީމް ނޫސްއެޖެންސީ ބުނިގޮތުގައި ޓްރަމްޕަކީ އެއްވެސް ވަރަކަށް އިތުބާރު ކުރެވޭ މީހެއް ނޫނެވެ. ޓްރަމްޕްގެ ވެރިކަމުގައި އެމެރިކާގެ ސިޔާސަތަކީ އަމާޒެއް ނެތި އެނބުރެމުންދާ ލައިހޫރޭ ސިޔާސަތެކެވެ.

"އެފަދަ އަމާޒު ލައިހޫރޭ މީހަކާއެކު އީރާން ވާހަކަ ދައްކާނީ ކިހިނެތްތޯ" ބާގިރު ސުވާލު ކުރެއްވިއެވެ.

ޓްރަމްޕް ވަނީ ދެ ދުވަހުގެ ތެރޭގައި އީރާނުގެ ތެލާއި ގޭހުގެ މަރުކަޒުތައް ފުނޑާލާނެކަމަށް ބުނެ ހަރުކަށި އިންޒާރެއް ދިންތާ އެއް ދުވަސް ވެސް ނުވަނީސް ކުއްލިގޮތަކަށް ފަހަތަށް ޖެހި ހަނގުރާމަ ހުއްޓާލުމާބެހޭގޮތުން ވާހަކަ ދައްކާފައެވެ.

އަދި ފަސް ދުވަސް ވަންދެން އީރާނުގެ ހަކަތައިގެ މަރުކަޒުތައް ފަދަ ހައްސާސް އެއްވެސް ތަނަކަށް ހަމަލާ ނުދޭނެކަމަށް ބުނެ ޓްރަމްޕް ވަނީ ހަނގުރާމަ ހުއްޓާލުމާބެހޭގޮތުން އީރާންއާއެކު ކާމިޔާބު މަޝްވަރާތެއް ކުރެވިއްޖެކަން އިއްޔެ ހާމަކޮށްފައެވެ.

އީރާނުގެ ޕާލަމެންޓްގެ ރައީސް ވިދާޅުވިގޮތުގައި ޓްރަމްޕާއެކު އެއްވެސް މަޝްވަރާއެއް ކުރެވޭނީ އީރާނުގެ ޝަރުތުތަކަށް އޭނާ ބޯލެނބުމުންކަން ޓްރަމްޕްގެ މެސެޖްތައް އީރާނަށް ފޯރުކޮށްދިން ފަރާތްތަކަށް ވާނީ ދަންނަވާފައެވެ.

ބާގިރު ވިދާޅުވިގޮތުގައި އީރާނުގެ ޝަރުތުތަކަކީ އީރާނާދެކޮޅަށް ފެށީ އެމެރިކާއާއި އިސްރާއީލު ފެށީ އުދުވާނީ ހަނގުރާމައެއްކަން ގަބޫލުކޮށް ހަނގުރާމައިގާ އީރާނަށް ލިބުނު ގެއްލުންތަކަށް ބަދަލުދިނުމަށް އެމެރިކާ އެއްބަސްވުމެވެ.

ދެވަނަ ޝަރުތަކީ އެމެރިކާއާއި އިސްރާއީލުން ދުވަހަކުވެސް އިސްވެ އީރާނަށް ހަމަލާނުދޭނެކަމުގެ ޔަގީންކަން ދިނުމެވެ. ތިންވަނަ ޝަރުތަކީ އީރާން ވަށާލުމަށްޓަކައި ގަލްފުގެ ގައުމުތަކުގައި އެމެރިކާ ބިނާކޮށްފައިވާ އަސްކަރީ ބޭސްތައް ދޫކޮށްލަން އެމެރިކާ އެއްބަސްވުމެވެ.

މިޝަރުތުތައް އެމެރިކާ ގަބޫލުކުރާނަމަ ހަނގުރާމަ ހުއްޓާލުމާބެހޭގޮތުން ތިންވަނަ ފަރާތެއް މެދުވެރިކޮށް އެމެރިކާއާ މަޝްވަރާ ކުރެވިދާނެކަމަށާ މި މެސެޖްވާނީ އެމެރިކާއަށް ދެވިފައިވާނެ ކަމަށް ބާގިރު ވިދާޅުވިއެވެ.

މުހައްލިލުން ވިދާޅުވާގޮތުގައި ޓްރަމްޕްވަނީ ހަނގުރާމައިގާ މުޅިން ނާކާމިޔާބުވެފައެވެ. މިއާއެކު އޭނާ ގެންދަނީ ހަނގުރާމައިން ސަލާމަތްވާނެ ގޮތެއް ހޯދުމަށް މަސައްކަތް ކުރަމުންނެވެ.

ހަނގުރާމައިން ސަލާމަތްވާނެ ގޮތެއް ހޯދަން ޓްރަމްޕަށް ޖެހުނީ ހަމަލާދީގެން އީރާނުގެ ވެރިކަމުގެ ނިޒާމަށް ލޮޅުމެއް ނޭރުމާއި ބޮންއަޅައިގެން އީރާން އަސްކަރީ ގޮތުން ބަލިނުކުރެވުމާއި އީރާންގެ ރައްދު ހަމަލާތަކުން އިސްރާއީލަށާއި އެމެރިކާގެ ބޭސްތައްހުރި ގަލްފުގެ ގައުމުތަކަށް ބޮޑެތި ގެއްލުންތަކެއް ލިބުމާއި އީރާނުން ހުރުމުޒް ކަނޑުއޮޅި ބަންދުކުރުމުން ތެލުގެ އަގު އިންތިހާއަށް އުފުލިގެން ދިޔުމާއެކު އެމެރިކާއަށް ބޮޑެތި ޕްރެޝަރުތަކެއް އައުމުންނެވެ.

މީގެއިތުރުން އީރާނަށް އެއްގަމު މަގުން އަރައިގަނެގެން އެމެރިކާ ބަލިވެ މަގްސަދު ހާސިލް ނުވެ ބޮލާފޮށާ އެޅިދާނެކަމުގެ ބިރު އެމެރިކާގެ އަސްކަރީ އިސްވެރިން އިހްސާސް ކުރުމާއެކު އެކަން އެބޭފުޅުން ޓްރަމްޕަށް އެންގުމުން ކަމަށް ރިޕޯޓްތައް ބުނެއެވެ.

comment ކޮމެންޓް