އެމެރިކާއާއެކު އެއްވެސް މަޝްވަރާއެއް ކޮށްފައިނުވާނެ ކަމަށް އީރާނުން މިއަދު ހާމަކޮށްފިއެވެ.
އީރާނުން މިކަން ދޮގުކޮށްފައިވަނީ، ހަނގުރާމަ ނިމުމަކަށް ގެނައުމަށްޓަކައި އީރާނާއެކު "ވަރަށް ކާމިޔާބު" މަޝްވަރާތަކެއް ކުރެވިފައިވާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެފައި ވަނިކޮށެވެ.
އީރާނުގެ ޤާނޫނުހަދާ މަޖިލީހުގެ ރައީސް މުޙައްމަދު ބާޤިރު ޤާލިބާފް 'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެމެރިކާއާއެކު އެއްވެސް މަޝްވަރާއެއް ކޮށްފައިނުވާނެ ކަމަށެވެ. އަދި ޓްރަމްޕްގެ ވާހަކަފުޅަކީ މާލީ އަދި ތެލުގެ ބާޒާރު އޮޅުވާލުމަށް ފަތުރާ "ދޮގު ޚަބަރެއް" ކަމަށް އޭނާ ސިފަކުރެއްވިއެވެ.
މީގެ އިތުރުން، އީރާނުގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު އިސްމާޢީލް ބަޤާއީ ވެސް ވަނީ ސީދާ މަޝްވަރާތަކެއް ކުރެވުނުކަން ދޮގުކުރައްވާފައެވެ. ނަމަވެސް، ހަނގުރާމަ ހުއްޓާލުމާ ގުޅޭގޮތުން އެމެރިކާއިން ފޮނުވި މެސެޖުތަކެއް އެކުވެރި ޤައުމުތަކެއް މެދުވެރިކޮށް ލިބިފައިވާކަން އޭނާ ކަށަވަރުކޮށްދެއްވިއެވެ.
އެމެރިކާއާއި އިސްރާއީލުން އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައަށް ހަތަރު ހަފުތާ ވެފައިވާއިރު، އީރާނުން ވަނީ ދުނިޔޭގެ ތެލުގެ ވިޔަފާރީގެ މުހިންމު މަގެއް ކަމަށްވާ ހުރްމުޒް ކަނޑުއޮޅި ބަންދުކޮށްފައެވެ. މީގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ހަކަތައިގެ އަގުތައް ވަނީ އިންތިހާއަށް އުފުލިފައެވެ. ސާޅީސް އަށް ގަޑިއިރުގެ ތެރޭގައި ކަނޑުއޮޅި ނުހުޅުވައިފިނަމަ އީރާނުގެ ކަރަންޓު އުފައްދާ މަރުކަޒުތައް ގޮއްވާލާނެ ކަމުގެ އިންޒާރު ޓްރަމްޕް ކުރިން ދެއްވިއެވެ.
އެހެންނަމަވެސް، ޓްރަމްޕް މިއަދު 'ޓްރުތް ސޯޝަލް' ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އީރާނާއެކު ކުރެވެމުންދާ މަޝްވަރާތަކަށް ފުރުޞަތު ދިނުމުގެ ގޮތުން، އީރާނުގެ ހަކަތައިގެ ވަސީލަތްތަކަށް ޙަމަލާދިނުން ފަސް ދުވަހަށް ފަސްކުރުމަށް އެމެރިކާގެ އަސްކަރިއްޔާއަށް އަންގަވާފައިވާ ކަމަށެވެ.
އެއާއެކު ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ވަނީ ގާތްގަނޑަކަށް 13 ޕަސެންޓް ދަށަށް ގޮސްފައެވެ.
މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ބުނާ ގޮތުގައި، ޓްރަމްޕްގެ މި ނިންމެވުމަކީ ޕާކިސްތާނާއި މިޞްރު އަދި ތުރުކީ ފަދަ ޤައުމުތަކުން މެދުވެރިއެއްގެ ދައުރު އަދާކޮށް، މަސްރަޙު ފިނިކުރުމަށް ކުރަމުންދާ މަސައްކަތުގެ ނަތީޖާއެވެ.