ކޭލް: މި ފަތުން ހަށިގަނޑަށް ލިބޭ ސިއްހީ ފައިދާތައް އެނގެނީ ކިހާ މިންވަރަކަށް؟

ކޭލް: ސިއްހަތަށް ފައިދާހުރި މުހިއްމު މާއްދާތަކަކުން މުއްސަނދިވެފައިވާ ފަތެއް--ފޮޓޯ/ޕިންޓްރެސްޓް

ކޭލް ފަތަކީ މިފަހަކަށް އައިސް ގިނަ ބައެއްގެ ކެއުމުގެ ވައްޓަފާޅީގައި ހިމެނެމުން އަންނަ ވަރަށް މުހިއްމު ފަތެކެވެ. މިއީ ހަށިގަނޑަށް ބޭނުންވާ ގިނަ މާއްދާތަކެއް އެކުލެވޭ އަދި އެކި ބަލިތަކުން ރައްކާތެރިވުމަށް އެހީތެރިވެދޭ މޮޅު ބާވަތެކެވެ. ކޭލްއަކީ ސެލެޑް، ސްމޫތީ އަދި ސޫޕް ފަދަ ތަކެތި ތައްޔާރުކުރުމަށް ވަރަށް ރަނގަޅު ބާވަތެކެވެ. މީގައި ހުންނަ ފައިބަރު އަދި އެންޓިއޮކްސިޑެންޓްގެ ސަބަބުން ލޭގެ ހަކުރު ކޮންޓްރޯލްކުރުމަށާއި ހިތުގެ ބަލިތަކުން ދުރުކޮށްދިނުމަށް އެހީވެދެއެވެ.

  • ލޭގައި ހަކުރު ހުންނަ މިންވަރު ކޮންޓްރޯލްކޮށް، ޓައިޕް 2 ހަކުރު ބަލިން ރައްކާތެރިވުމަށް އެހީވެދެއެވެ.
  • ކޮލެސްޓްރޯލް ދަށްކޮށްދީ، ހިތުގެ ބަލިތަކުން ރައްކާތެރިކޮށްދެއެވެ.
  • ވިޓަމިން ކޭ ގިނަ އަދަދަކަށް އެކުލެވޭތީ ކަށިތައް ވަރުގަދަކޮށްދެއެވެ.
  • ހަންގަނޑާއި އިސްތަށިގަނޑުގެ ދުޅަހެޔޮކަމަށް ބޭނުންވާ މާއްދާތައް ފޯރުކޮށްދެއެވެ.

ކޭލް ފަތަކީ އަޅުގަނޑުމެން ދިވެހީންގެތެރެއިން ވެސް ގިނަ ބަޔަކު މިފަހަކަށް އައިސް ކެއުމުގައި ހިމަނަމުން އަންނަ އޭގައި ގިނަ މިންވަރަކަށް ސިއްހީ ފައިދާތައް އެކުލެވޭ ފަތެކެވެ.

ސިއްހަތަށް ފައިދާހުރި މުހިއްމު މާއްދާތަކަކުން މުއްސަނދިވެފައިވާ މިފަތް ބޭނުންކުރާއިރު މިއިން ހަށިގަނޑަށް ލިބިދޭ ފައިދާތަކާބެހޭ މައުލޫމާތު އެނގުމަކީ ވެސް ވަރަށް މުހިއްމު ކަމެކެވެ.

އާއްމުކޮށް ކޭލް ބޭނުންކުރަނީ އެކި ކަހަލަ ސެލެޑްތަކާއި ތަފާތު އެކި ވައްތަރުގެ ސްމޫތީ އަދި ސޫޕް ފަދަ ބާވަތްތައް ތައްޔާރުކޮށްލުމަށެވެ. މި ފަތުގައި ފައިބާ އަދި އެންޓިއޮކްސިޑެންޓް ގިނަ އަދަދަކަށް އެކުލެވޭތީ މިއީ ސިއްހަތަށް ފައިދާހުރި ކެއުންތަކަށް ސަމާލުކަންދޭ މީހުންގެ މެދުގައި ވެސް ވަރަށް މަގުބޫލު ފަތްޕިލާވެލީގެ ބާވަތެކެވެ.

ކޭލް އަކީ އެކި ބާވަތްތަކުގެ ސެލެޑް ތައްޔާރުކޮށްލުމަށް ވެސް ގިނަބަޔަކު ބޭނުންކުރާ ބާވަތެއް--ފޮޓޯ/ފޭސްބުކް

ނިއުޓްރިޝަނިސްޓެއްގެ ގޮތުގައި މަސައްކަތްކުރައްވާ ޖެރިލީން ޖޯންސް ކޭލްއިން ލިބިދޭ ސިއްހީ ފައިދާތަކާ ގުޅޭގޮތުން ލިޔުއްވާފައިވާ ލިޔުމެއްގައި ބަޔާންކުރައްވާފައިވާ ގޮތުގައި، މިއީ ލޭޣެ ޕްރެޝަރު ކޮންޓްރޯލްކުރުމަށާއި ހަޖަމުކުރުމުގެ ނިޒާމު ދުޅަހެޔޮކަންމަތީ ބެހެއްޓުމަށް އެހީތެރިވެދޭ ބާވަތެކެވެ.

ކޭލްއިން ލިބިދޭ އިތުރު ސިއްހީ ފައިދާތަކާ ގުޅޭގޮތުން ޖެރިލީން ޖޯންސް ފާހަގަކުރައްވާފައިވާ މުހިއްމު ނުކުތާތައް ތިރީގައި ބަޔާންކޮށްލާނަމެވެ.

ހަކުރު ބަލި:

ކޭލްގައި އެކުލެވޭ ފައިބަރުގެ ސަބަބުން ލޭގައި ހަކުރު ހުންނަ މިންވަރު ދަށްކޮށްދިނުމަށް އެހީތެރިވެދެއެވެ. ދިރާސާތަކުން ދައްކާގޮތުގައި ފައިބަރު ގިނައިން ބޭނުންކުރާ މީހުންނަށް 'ޓައިޕް 2' ހަކުރު ބަލި ޖެހުމުގެ ފުރުސަތު ކުޑަވެއެވެ.

ހިތުގެ ބަލިތައް:

ކޭލްގައި ގިނަ އަދަދަކަށް ޕޮޓޭސިއަމް އެކުލެވިގެންވެއެވެ. ލޮނު ބޭނުންކުރާ މިންވަރު މަދުކޮށް، ޕޮޓޭސިއަމް ހުންނަ ކާތަކެތި އިތުރުކުރުމަކީ ލޭގެ ޕްރެޝަރު ދަށްކޮށް، ހިތުގެ ބަލިތަކުން ރައްކާތެރިވުމަށް އެހީތެރިވެދޭ ކަމެކެވެ. މީގެ އިތުރުން، މީގައި ހުންނަ ފައިބަރުގެ ސަބަބުން ލޭގައި ހުންނަ ނުރައްކާތެރި ކޮލެސްޓްރޯލް (LDL) ދަށްކޮށްދެއެވެ.

ކެންސަރު:

ކޭލްގައި ހިމެނޭ އެންޓިއޮކްސިޑެންޓްތަކުގެ ސަބަބުން ހަށިގަނޑުގައި އުފެދޭ 'ފްރީ ރެޑިކަލްސް' ނުވަތަ ވިހަ މާއްދާތައް ނައްތާލުމަށް އެހީތެރިވެދެއެވެ. މީގެ ސަބަބުން ސެލްތަކަށް ލިބޭ ގެއްލުންތައް ކުޑަވެ، ކެންސަރު ފަދަ ބަލިތަކުން ރައްކާތެރިވުމަށް މަގުފަހިވެއެވެ.

ކަށީގެ ދުޅަހެޔޮކަން:

ކޭލްގައި ގިނަ އަދަދަކަށް ވިޓަމިން K އެކުލެވިގެންވެއެވެ. މިއީ ކަށިތައް ވަރުގަދަކޮށްދީ، ކަށި ބިނދުމުގެ ފުރުސަތު ކުޑަކޮށްދޭ މާއްދާއެކެވެ. ކައްކާފައި ހުރި އެއް ޖޯޑު ކޭލްގައި، އިންސާނަކަށް ދުވާލަކަށް ބޭނުންވާ މިންވަރަށްވުރެ ގިނައިން ވިޓަމިން K ހުރެއެވެ.

ހަމާއި އިސްތަށިގަނޑު:

މީގައި ހިމެނޭ ބީޓާ-ކެރޮޓީން އަކީ ހަށިގަނޑަށް ބޭނުންވުމުން ވިޓަމިން A އަށް ބަދަލުވާ މާއްދާއެކެވެ. މިއީ ހަމާއި އިސްތަށިގަނޑުގެ ދުޅަހެޔޮކަމަށް ކޮންމެހެން ބޭނުންތެރި މާއްދާއެކެވެ. އަދި ކޭލްގައި ހުންނަ ވިޓަމިން C އަކީ ހަމުގެ ބާރުގަދަކޮށްދޭ 'ކޮލަޖަން' އުފެއްދުމަށް އެހީތެރިވެދޭ މާއްދާއެކެވެ.

ލޮލުގެ ފެނުން:

ކޭލްގައި ހިމެނޭ 'ލޫޓިން' އަދި 'ޒިއެކްސެންތިން' ފަދަ މާއްދާތަކުގެ ސަބަބުން، އުމުރުން ދުވަސްވުމުން ލޮލުގެ ފެނުމަށް އަންނަ ބަދަލުތަކާއި ބަލިތަކުން ރައްކާތެރިކޮށްދެއެވެ.

ކޭލް ބޭނުންކޮށްގެން ތައްޔާރުކޮށްފައިވާ ސޫޕް--ފޮޓޯ/ފޭސްބުކް

ކޭލް ބޭނުންކުރުމުގައި ބައެއް ހާލަތްތަކުގައި ސަމާލުވާންޖެހޭކަމަށް ނިއުޓްރީޝަން ޖެރިލީން ވަނީ އިރުޝާދުދެއްވާފައެވެ. އެގޮތުން ލޭ ދިޔާކުރާ ބޭސް ބޭނުންކުރާ މީހުން ކޭލްގައި ގިނަ އަދަދަކަށް ވިޓަމިން K ހުރުމުން، ބޭސްތަކުގެ މަސައްކަތަށް ބުރޫއަރާފާނެތީ ސަމާލުވާންޖެހޭކަމަށް ވިދާޅުވެފައިވެއެވެ. އަދި ކިޑްނީގެ ބަލި ހުންނަ މީހުންނަށް ލޭގައި ހުންނަ އިތުރު ޕޮޓޭސިއަމް ބޭރުކުރަން އުނދަގޫވާނެތީ، ކޭލް ފަދަ ޕޮޓޭސިއަމް ގިނަ ތަކެތި ބޭނުންކުރުމުގައި ޑޮކްޓަރެއްގެ ލަފާ ހޯދަންވާނެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު