ވަރުގަދަ އިންޒާރެއް ދެއްވުމަށް ފަހު، އީރާނަށް ދޭން އުޅުނު ޙަމަލާތައް ޓްރަމްޕް ފަސްކުރައްވައިފި

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް --- ފޮޓޯ: ރޮއިޓާސް

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، އީރާނުގެ ހަކަތަ އުފައްދާ ކާރުޚާނާތަކަށް ދޭން އުޅުނު އަސްކަރީ ޙަމަލާތައް ފަސް ދުވަހަށް ފަސްކުރައްވައިފިއެވެ.

ޓްރަމްޕް ވިދާޅުވީ މިގޮތަށް ނިންމެވީ މެދުއިރުމަތީގެ މައްސަލަތަކަށް ޙައްލެއް ހޯދުމަށް ކުރިއަށްދާ މަޝްވަރާތަކަށް ފުރުޞަތު ދިނުމުގެ ގޮތުން ކަމަށެވެ. މީގެ ކުރިން ޓްރަމްޕް ވަނީ ހޮރުމޫޒް ކަނޑުއޮޅި ހުޅުވާލުމަށް އީރާނަށް 48 ގަޑިއިރުގެ މުހުލަތެއް ދެއްވާފައެވެ. އަދި އެކަން ނުކޮށްފިނަމަ އީރާނުގެ ކަރަންޓު އުފައްދާ ނިޒާމުތައް ގޮއްވާލާނެ ކަމުގެ އިންޒާރު އެމެރިކާއިން ދިނެވެ.

އީރާނުން ހޮރުމޫޒު ކަނޑުއޮޅި ބަންދުކުރުމާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ވަނީ ވަރަށް ބޮޑަށް އުފުލިފައެވެ. އިންޓަނޭޝަނަލް އެނާޖީ އޭޖެންސީގެ ވެރިޔާ ފާތިޙް ބިރޯލް ވިދާޅުވީ، މިހާރު އުފެދިފައިވާ ހަކަތައިގެ ކާރިސާއަކީ 1970 ގެ އަހަރުތަކުގައި ކުރިމަތިވި ކާރިސާއާއި ޔޫކްރެއިން ހަނގުރާމައިގެ ސަބަބުން ދިމާވި ދަތިތައް އެއްކޮށްލުމުން ވާވަރަށްވުރެ ވެސް ގޯސް ޙާލަތެއް ކަމަށެވެ.

އީރާނުގެ ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އެމެރިކާއާއެކު ސީދާ މަޝްވަރާތަކެއް ނުކުރާ ކަމަށެވެ. ނަމަވެސް ސަރަޙައްދީ ޤައުމުތަކުން އިސްނަގައިގެން މަސައްކަތްތަކެއް ކުރަމުންދާ ކަމަށް އެ ވުޒާރާއިން ބުންޏެވެ. އީރާނުން ވަނީ އެމެރިކާއިން ޙަމަލާދީފިނަމަ، އިސްރާއީލާއި ގަލްފުގެ ޤައުމުތަކުގައި ހުރި އެމެރިކާގެ މަރުކަޒުތަކަށް ކަރަންޓު ފޯރުކޮށްދޭ ތަންތަނަށް ޙަމަލާދޭނެ ކަމުގެ އިންޒާރު ދީފައެވެ. މީގެ އިތުރުން، އީރާނުގެ ދެކުނުގެ އައްސޭރިފަށަށް ޙަމަލާއެއް ދީފިނަމަ ކަނޑުގެ މަގުތަކުގައި މައިން ވަޅުލާނެ ކަމަށްވެސް އީރާނުގެ ޑިފެންސް ކައުންސިލުން ވަނީ ބުނެފައެވެ.

އަލްޖަޒީރާއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، ޓްރަމްޕްގެ މަންދޫބުން ކަމަށްވާ ސްޓީވް ވިޓްކޮފް އަދި ޖެރެޑް ކުޝްނާ ވަނީ އާދީއްތަ ދުވަހުގެ ރޭ މަޝްވަރާތަކެއް ކުރައްވާފައެވެ. މެދުއިރުމަތީގެ މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ބުނާ ގޮތުގައި، ޙަމަލާތައް ފަސްކުރުމަކީ ހަނގުރާމަ ހުއްޓާލުމަށް ޓްރަމްޕް ބޭނުންކުރެއްވި އުކުޅަކަށް ވުން އެކަށީގެންވެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު