ހުރިހާ އަޅުކަމެއްގެ އަސާސަކީ ދުޢާއެވެ. ނަބިއްޔާ صَلَّىٰ اللهُ عَلَيْهِ وَسَلَّم ޙަދީޘްކުރެއްވިއެވެ. «الدُّعاءُ هوَ العبادةُ» (رواه أبو داود) މާނައީ: "އަޅުކަމަކީ ދުޢާއެވެ." ދުޢާއަކީ މުއުމިނުންގެ ހަތިޔާރުކަމަށް ވެސް ބައެއް ހަދީޘްތަކުގައި ބަޔާންވެގެން ވެއެވެ.
ރަމަޟާންމަހުގައި އަޅުގަނޑުމެންނަށް ލިބުނު ފިލާވަޅުތަކާއި ހާސިލުކުރެވުނު ޢަޤީދާގެ އިތުރުކަން ދެމެހެއްޓޭތޯ ބެލުމަކީ ކޮންމެ މީހަކު ވެސް ކުރަންވާނެ ކަމެކެވެ. ޚާއްޞަކޮށް ދުޢާކުރުން ގިނަކުރުމަކީ އެންމެ މުހިންމު އެއް ޢަމަލެވެ. ދުޢާކުރާއިރު ދުޢާ ޢިޖާބަ ވާނޭ ގޮތްގޮތް ބަލައި، އެ ގޮތްތަކުގެ މަތިން ދުޢާކުރުން އެއީ ކޮންމެހެން ބޭނުން ކަމެކެވެ.
ދުޢާކުރުމަކީ ހަމައެކަނި މާތް ﷲއަށް ކުރާން އޮތް ކަމެކެވެ. އެއިލާހަށް ދުޢާކުރުމުގައި އެހެން ފަރާތްތައް ބައިވެރިނުކުރުމަކީ އެންމެ މުހިންމު ކަންތަކެވެ. އެހެން ފަރާތްތައް ބައިވެރިކުރެވޭ އެންމެ ކުޑަ ގޮތަކީ ދެއްކުންތެރިކަމުގެ ގޮތުން ދުޢާކުރުމެވެ. ދެއްކުންތެރިކަމުން އެއްކިބާވެ ހުރެ ދުޢާކުރުމަށް ﷲ ވަނީ އަންގަވައިފައެވެ. ﴿وَاذْكُر رَّبَّكَ فِي نَفْسِكَ تَضَرُّعًا وَخِيفَةً وَدُونَ الْجَهْرِ مِنَ الْقَوْلِ بِالْغُدُوِّ وَالْآصَالِ وَلَا تَكُن مِّنَ الْغَافِلِينَ﴾ (الأعراف: ٢٠٥) މާނައީ: "އަދި ކަލޭގެފާނުގެ ހިތްޕުޅުން ކަލޭގެފާނުގެ ވެރިރަސްކަލާނގެ ހަނދުމަކުރައްވާށެވެ! މަޑުމޮޅިވެ، ބިރުވެތިވާ ޙާލުގައެވެ. ބަސްބުނުމުގެ ތެރެއިން އަޑުހަރުކުރުމަށްވުރެ މަޑުންނެވެ. ހެނދުނާއި ހަވީރުގެ ވަގުތުތަކުގައެވެ. އަދި ޣާފިލުވެގެންވާ މީހުންގެ ތެރެއިން ކަލޭގެފާނު ވެވަޑައިނުގަންނަވާށެވެ!"
ޣާފިލުކަމާ ދުރުވުމަކީ ނޭނގުމުން ދުރުވެތިބުމެވެ. ކުރާ ކޮންމެ ކަމެއް ވެސް ތިމާއަށް އެނގިހުރެ ކުރުމާއި ނުކުރާންވީ މިންވަރު ދަނެގެން ތިބުމީ ޣާފިލުކަމުގެ އިދިކޮޅު ގޮތެވެ. ދުޢާކުރުމުގައި ވެސް މި ކަން އޮތީ މި ހަމައިގައެވެ. ކިޔޭ ނުކިޔޭ އެއް ނޭނގި ތިބެގެން ދުޢާކުރުމަކީ ޣާފިލުކަންމަތީ ދުޢާކުރުމެވެ. އެފަދައިން ދުޢާކުރުމަކީ މުއުމިނުންގެ ސިފައެއް ނޫނެވެ. މި ނޫން އިތުރު ސިފަތަކެއް ވެސް ދުޢާކުރާ މީހާގެ ކިބައިގައި ހުރުން ލާޒިމުވެގެން ވެއެވެ. އެ ސިފަތައް ބަޔާންކުރައްވައި ﷲ ވަޙީކުރެއްވިއެވެ. ﴿ادْعُوا رَبَّكُمْ تَضَرُّعًا وَخُفْيَةً إِنَّهُ لَا يُحِبُّ الْمُعْتَدِينَ﴾ (الأعراف: ٥٥) މާނައީ: "މަޑުމޮޅިކަމާއި، ވަންހަނާ ގޮތުގައި، ތިޔަބައިމީހުންގެ ވެރިރަސްކަލާނގެއަށް ދުޢާކުރާށެވެ! ހަމަކަށަވަރުން، ހައްދުފަހަނަޅައިދާ މީހުންދެކެ އެކަލާނގެ ލޯބިވެވޮޑިގެން ނުވެތެވެ."
މި ދެ އާޔަތުން އެނގެން މި އޮތީ ދުޢާކުރާ މީހާގެ ކަބައިގައި ހުރުން މުހިންމު ހަތަރު ސިފައެކެވެ. އެ ސިފަތަކަކީ މަޑުމޮޅިކަމާއި ބިރުވެތިކަމާއި ވަންހަނާކުރުމާއި އުންމީދުކުރުމެވެ. މީގެތެރެއިން މަޑުމޮޅިކަމަކީ މާތް ﷲގެ ޙަޟްރަތުގައި ހަމަހިމޭންވެ ހުރެ ނިކަމެތިކަމާ އެކު ދެންނެވުމެވެ. އެދޭ ކަންތަކުގައި ތިމާ ފަޤީރުވެގެން ވާކަމާއި ﷲގެ މަދަދަށް ބޭނުންޖެހިފައިވާ މިންވަރު ހާމަކުރުމެވެ.
ބިރުވެތިވެހުރެ ދުޢާކުރުމުގެ ސިފައަކީ ﷲގެ މަތިވެރިކަން ތިމާ އިޙުސާސްކޮށް ތިމާއަށް ކުރެވޭ ޢަމަލުތަކުގެ މަދުކަމާ ހުރެ ހިތާމަކުރާ ހާލު އެ އިލާހަށް ދުޢާކުރުމެވެ. އޭގެ ސަބަބުން ތިމާ ﷲގެ ފަރާތަށް ލެނބި ބަރޯސާވުން ބޮޑުވާނެއެވެ. އަދި ކުރާ ދުޢާ ވަންހަނާކޮށް އެހެން މީހުންނަށް ނާންގާ ސިއްރުން ހިތުގެ އަޑިން ދުޢާކުރުމަކީ ވެސް މުހިންމު ކަމެކެވެ. އެއީ ދުޢާގައި އިޚުލާޞްތެރިކަން އިތުރުވާ ކެމެއް ވެސް މެއެވެ.
އަދި ހަމައެހެންމެ ވަރަށް ބޮޑަށް އުންމީދުކޮށްގެން ހުރެ ދުޢާކުރުމީ ވެސް މުހިންމު ކަމެކެވެ. އެއީ މާތް ﷲގެ ރަޙުމަތުގެ ތަނަވަސްކަމާއި އެއިލާހުގެ ދީލަތިކަމަށް ތިމާ ފުރިހަމައަށް އީމާންވާ ކަމުގެ އެންމެ ވަރުގަދަ ހެއްކެވެ. އެކަލާނގެ ދެއްވާނެ ކަމުގެ ހުރިހާ އުންމީދެއް ގައި ދުޢާކުރާ މީހާގެ ދުޢާ އިޖާބަކުރެއްވުން ގާތްވެގެން ވެއެވެ.
މި ކަންކަމަށް ރިޢާޔަތްކޮށްގެން ދުޢާކުރަން ނަފުސު ހާނާ ތަމްރީނުކުރާށެވެ! ރަމަޟާންމަހުން ލިބުނު ތަޤުވާވެރިކަން ދަމަހައްޓަން ކުރެވޭނެ އެންމެ މުހިންމުކަމަކީ ދުޢާކުރުމެވެ. ތިބާގެ ޢަމަލުތައް ސީދާކުރައްވާތޯ ދުޢާކުރާށެވެ. ޤުރުއާނާ ގާތްކޮށް އުޅެވޭތޯ ދުޢާކުރާށެވެ. ނަމާދުތައް ޤަވާޢިދުންކުރުމުގެ ތައުފީޤުދެއްވައިތޯ ދުޢާކުރާށެވެ. ރަޙިމުގެ ގުޅުން ދެމެހެއްޓުމަށް އިސްނަގާ މީހަކީ ތިމާ ކަމުގައި ލައްވައިތޯ ދުޢާކުރާށެވެ. މި ހެން ގޮސް ކިޔާނެ ކަމެއް ނެތެވެ. ދުނިޔޭގެ ހުރިހާ ކަމަކާއި އާޚިރަތުގެ ހުރިހާ ކަމެއް ﷲގެ ރުހިވޮޑިގަތުމާ އެއްގޮތަށް ކުރެވޭތޯ މަސައްކަތްކުރުމުގެ ތައުފީޤުދެއްވައިތޯ ތާއަބަދު ދުޢާކުރާށެވެ!