މަގު ހަދަން، ރަސްމީ ފާލަމާއި ހެންވޭރު ފެރީ ޓާމިނަލާ ދެމެދު އޮތް ސަރަހައްދު ބަންދުކޮށް، ޓްރެފިކަށް ބަދަލު ގެނެސްފި

ރަސްމީ ފާލަން އޮންނަ ސަރަހައްދު ތާރު އެޅުމުގެ ކުރިން: ހެންވޭރު ފެރީ ޓާމިނަލާއި ރަސްމީ ފާލަމާ ދެމެދުގެ ސަރަހައްދު މަގު ހަދަން ވަނީ ބަންދުކޮށްފަ --- ފޮޓޯ: މުޙައްމަދު ވަޙީދު / ފޭސްބުކް

ޒަމާނީ ފެންވަރަށް މާލޭގެ ބޮޑުތަކުރުފާނު މަގުގައި ތާރުއަޅައި އެ މަގު ތަރައްގީކުރުމަށް، ހެންވޭރު ފެރީ ޓާމިނަލުން ފެށިގެން ރަސްމީ ފާލަމާ ހަމައަށް ބަންދުކޮށްފިއެވެ.

ފެރީ ޓާމިނަލުން ފެށިގެން ރަސްމީ ފާލަމާ ހަމައަށް އޮތް ސަރަހައްދު ބަންދުކުރީ ރޭ ދަންވަރު 12:00 އިން ފެށިގެންނެވެ. އެ ސަރަހައްދުގައި މަސައްކަތް ފަށަން ހަމަޖެހިފައިވަނީ މާދަމާއެވެ.

އެހެންވެ ފުލުހުން ވަނީ، މަސައްކަތް ނިމެންދެން، އެ ސަރަހައްދުގެ ޓްރެފިކް ފްލޯއަށް ބަދަލު ގެނެސްފައެވެ.

އެހެންކަމުން ދެން ޖެހޭނީ ފެރީ ޓާމިނަލާވީ ސަރަހައްދުން ބޮޑުތަކުރުފާނު މަގުން މެހެލިގޯޅިއަށް ލަނބާލައި، އަމީރު އަހްމަދު މަގުން އިރުމައްޗަށް ދަތުރުކުރާށެވެ.

އާންމުގޮތެއްގައި އަމީރު އަހްމަދު މަގުގައި މަޖީދިއްޔާ ސްކޫލު ހުންނަ ސަރަހައްދުން ފެށިގެން ހުޅަނގަށް އޮންނަ ސަރަހައްދުގައި ދެކޮޅަށް ދަތުރުކުރެވެއެވެ. އެކަމަކު ޓްރެފިކް ފްލޯއަށް އައި ބަދަލާއެކު އެ ސަރަހައްދުގައި ދެން ދަތުރުކުރެވޭނީ އިރުމައްޗަށެވެ. އެއަށްފަހު ސޯސަން މަގަށް ލަނބާލައި، މެދުޒިޔާރަތްމަގާ ހަމައަށް އޮންނަ ސަރަހައްދުގައި ދަތުރުކުރެވޭނީ ދެކުނަށެވެ.

ފުލުހުން ވަނީ، މަގު ހެދުމުގެ މަސައްކަތްކުރާ ސަރަހައްދުގައި ޕާކުކޮށްފައި ހުރި އުޅަނދުފަހަރު ނެގުމަށް އާންމުންގެ ކިބައިން އެދިފައެވެ.

ހެންވޭރު ފެރީ ޓާމިނަލުން ފެށިގެން ރަސްމީ ފާލަމާ ހަމައަށް އޮންނަ ސަރަހައްދަކީ އާންމު ގޮތެއްގައި މާލެއިން އެއާޕޯޓަށް ދާ ފެރީތަކާއި، މާލެއާ ކައިރި ރަށްރަށަށް ދަތުރުކުރާ ފެރީތައް އަޅާފައި އޮންނަ ސަރަހައްދެވެ. އެ ސަރަހައްދުގައި އެމްއެންޑީއެފްގެ ކަނޑުއުޅަނދުފަހަރު ވެސް ހަރަކާތްތެރިވެއެވެ.

މާލޭ ސިޓީ ކައުންސިލުން މިދިޔަ ހޯމަ ދުވަހު ވަނީ، ބޮޑުތަކުރުފާނު މަގު ތަރައްގީކުރުމުގެ މަސައްކަތަށް މަގު ބަންދުކުރާނެ ގޮތުގެ ތަފުސީލު އާންމުކޮށްފައެވެ.

https://sun.mv/219260

އެގޮތުން، ހެންވޭރު ފެރީ ޓާމިނަލުން ފެށިގެން މަސްވެރިންގެ ޕާކާ ހަމައަށް ހިމެނޭ ސަރަހައްދު އަންނަ ހޮނިހިރު ދުވަހުން ފެށިގެން މަސައްކަތް ނިމި ހުޅުވެންދެން ބަންދުވާނެއެވެ.

އެހެންކަމުން، މަގު ފުޅާކޮށް މަގުގެ މަސައްކަތް ނިމެންދެން، އެ ސަރަހައްދުގައި އަޅާފައި ހުރި އުޅަނދުފަހަރު އެ ސަރަހައްދުގައި އަޅާފައި ނުބާއްވަން ކައުންސިލުން ވަނީ އަންގައިފައެވެ.

ހަތަރު ލޭނަށް ފުޅާކޮށް، ޒަމާނީ ފެންވަރަކަށް ބޮޑުތަކުރުފާނު މަގު ތަރައްގީކުރުމުގެ މަސައްކަތް އެމްޓީސީސީން ފެށީ މިދިޔަ އޮގަސްޓު މަހުގެ 22 ވަނަ ދުވަހެވެ.

މި މަޝްރޫއުގެ ދަށުން ކާނިވާ ކައިރި ހުންނަ ފެރީ ޓާމިނަލުން ފެށިގެން މަސް މާރުކޭޓު ސަރަހައްދާ ހަމައަށް 830 މީޓަރުގައި ތާރު އަޅައި، 737 މީޓަރުގެ ސަރަހައްދެއްގައި ޝީޓް ޕައިލްގެ މަސައްކަތް ކުރިއަށްދާނެ ކަމަށް އެމްޓީސީސީން ބުނެފައިވެއެވެ.

އެ ސަރަހައްދުގައި ތާރު އަޅައި ނިމޭއިރު، ފެން ހިންދާ ނިޒާމެއް ވެސް ގާއިމުކުރެވޭނެތީ ފެންބޮޑުވާ މައްސަލައަށް ހައްލެއް ލިބޭނެ ކަމަށް އެ ކުންފުނިން އޭރު ބުންޏެވެ.

ގާތްގަނޑަކަށް 144.5 މިލިއަން ރުފިޔާއަށް ކޮންސްޓްރަކްޝަން މިނިސްޓްރީން އެމްޓީސީސީއާ މި މަސައްކަތް ހަވާލުކުރީ އެއް އަހަރާއި ތިން މަހުން ނިންމާ ގޮތަށެވެ.

މީގެ އިތުރުން މާލޭގެ އެތެރޭގެ މަގުތައް ޗައިނާ ސަރުކާރުގެ ހިލޭ އެހީގައި ކުރެވޭތޯ ވެސް ސަރުކާރުން އަންނަނީ މަސައްކަތްކުރަމުންނެވެ.

comment ކޮމެންޓް