އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން އީރާނާ ދެކޮޅަށް ފަށާފައިވާ ހަނގުރާމައާ ދެކޮޅު ހެއްދެވުމުގެ ގޮތުން، އެމެރިކާގެ ނޭޝަނަލް ކައުންޓާ ޓެރަރިޒަމް ސެންޓަރު (އެންސީޓީސީ)ގެ ޑިރެކްޓަރު ޖޯ ކެންޓް މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.
ޓެރަރިޒަމްގެ ނުރައްކާތަކާ ގުޅޭގޮތުން ރައީސް ޓްރަމްޕަށާއި އެމެރިކާގެ ނޭޝަނަލް އިންޓެލިޖެންސްގެ ޑިރެކްޓަރަށް ލަފާއަރުވާ އެންމެ އިސް މުޝީރުގެ ގޮތުގައި ހުންނެވި ކެންޓް އިސްތިއުފާދެއްވާފައިވަނީ މިއަދެވެ. އައިސިސްގެ ހަމަލާއެއްގައި އަމިއްލަ އަނބިކަނބަލުން ޝެނަން ކެންޓް 2019 ވަނަ އަހަރު ސީރިއާގައި މަރުވެފައިވާއިރު، ޖޯ ކެންޓަކީ އެމެރިކާގެ އަސްކަރިއްޔާގެ ގްރީން ބެރޭޓްސްގައި 11 ފަހަރެއްގެ މަތިން ހަނގުރާމައިގެ މައިދާނަށް ނުކުމެވަޑައިގެންފައިވާ ތަޖުރިބާކާރު ބޭފުޅެކެވެ.
ޖުލައި 2025 ގައި ސެނެޓުގެ ރުހުމާއެކު މަގާމާ ހަވާލުވެވަޑައިގެންނެވި ކެންޓްގެ އިސްތިއުފާއަކީ، ފެބްރުއަރީ 28 ވަނަ ދުވަހު އެމެރިކާއާއި އިސްރާއީލުން އީރާނަށް ހަމަލާދޭން ފެށި ފަހުން ޓްރަމްޕްގެ ސަރުކާރުގެ އެންމެ އިސް ފެންވަރުގެ އޮފިޝަލަކު ދެއްވި ފުރަތަމަ އިސްތިއުފާއެވެ.
ސޯޝަލް މީޑިއާ ޕްލެޓްފޯމް 'އެކްސް'ގައި އާންމުކުރެއްވި އިސްތިއުފާގެ ސިޓީގައި ކެންޓް ވިދާޅުވެފައިވަނީ، އީރާނާ ދެކޮޅަށް މިހާރު ކުރަމުންދާ ހަނގުރާމައަށް ތާއީދުކުރުމަކީ އޭނާގެ ޒަމީރު ގަބޫލުކުރާ ކަމެއް ނޫން ކަމަށެވެ.
"ވަރަށް ބޮޑަށް ވިސްނުމަށް ފަހު، މިއަދުން ފެށިގެން ނޭޝަނަލް ކައުންޓާ ޓެރަރިޒަމް ސެންޓަރުގެ ޑިރެކްޓަރުކަމުގެ މަގާމުން އިސްތިއުފާ ދިނުމަށް އަޅުގަނޑު ނިންމައިފިން،" ކެންޓް ލިޔުއްވާފައިވެއެވެ.
އޭނާ އިތުރަށް ފާހަގަކުރެއްވި ގޮތުގައި، އީރާނުގެ ފަރާތުން އެމެރިކާއަށް ވަގުތުން ކުރިމަތިވެފައިވާ އެއްވެސް ނުރައްކަލެއް (އިމިނެންޓް ތްރެޓްއެއް) ނެތެވެ. އަދި، މި ހަނގުރާމަ ފެށީ އިސްރާއީލާއި އެމެރިކާގައި އޮތް އިސްރާއީލުގެ ބާރުގަދަ ލޮބީ ގްރޫޕްތަކުގެ ޕްރެޝަރާ ހެދިކަން ވަރަށް ސާފުކަމަށް އޭނާ ވިދާޅުވިއެވެ. ކެންޓްގެ މި ވާހަކަތަކުގައި "އިމިނެންޓް ތްރެޓް" ނުވަތަ ވަގުތުން ކުރިމަތިވެފައިވާ ނުރައްކަލެއް ނެތްކަމަށް ވިދާޅުވުމަކީ ގާނޫނީ ގޮތުން ވަރަށް ބޮޑު ބުރަދަނެއް ހުރި ވާހަކައެކެވެ.
ސަބަބަކީ އެމެރިކާގެ ގާނޫނުތައް ބުނާގޮތުން، ކޮންގްރެސްގެ ރުހުމަކާ ނުލައި ރައީސަށް އަސްކަރީ ހަމަލާއެއް ދިނުމުގެ ބާރު ލިބިގެންވަނީ ހަމައެކަނި ގައުމަށް ވަގުތުން ކުރިމަތިވެފައިވާ ނުރައްކަލެއް އޮތް ހާލަތެއްގައި ކަމަށް ވާތީއެވެ.
އެމެރިކާއާއި އިސްރާއީލު ގުޅިގެން "އޮޕަރޭޝަން އެޕިކް ފިއުރީ"ގެ ނަމުގައި އީރާނަށް ވަރުގަދަ ހަމަލާތަކެއް ދޭން ފެށީ ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހެވެ. މި ހަމަލާތަކުގައި އީރާނުގެ އެންމެ އިސް ރޫހާނީ ލީޑަރު އާޔަތުﷲ ޢަލީ ޚާމަނާއީގެ އިތުރުން އަސްކަރީ އިސް އޮފިޝަލުންތަކެއް ވަނީ އަވަހާރަކޮށްލާފައެވެ. މި ކަމާ ގުޅިގެން މެދުއިރުމަތީގެ މަސްރަހު ވަރަށް ބޮޑަށް ހޫނުވެ، އީރާނުން ދަނީ އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށާއި އިސްރާއީލަށް ރައްދު ހަމަލާތައް ދެމުންނެވެ.
ކެންޓްގެ އިސްތިއުފާގެ ސިޓީގައި ވަނީ، ރައީސް ޓްރަމްޕް މީގެ ކުރިން ވެވަޑައިގެންފައިވާ ވަޢުދުތަކަށް އަލިއަޅުއްވާލައްވާފައެވެ. ބޭރު ގައުމުތަކުގައި އެމެރިކާއިން ކުރާ ހަނގުރާމަތައް ނިމުމަކަށް ގެންނަވާނެކަމަށް ޓްރަމްޕް ވިދާޅުވެފައިވާކަން ފާހަގަކުރައްވައި ކެންޓް ލިޔުއްވާފައިވަނީ، "މެދުއިރުމަތީގެ ހަނގުރާމަތަކަކީ އެމެރިކާގެ ގިނަ ބައެއްގެ ފުރާނަ ގެއްލި، ގައުމުގެ މުއްސަނދިކަމާއި ފާގަތިކަން ނެތިކޮށްލާ ދަންތުރައެއްކަން މަނިކުފާނަށް ކުރިން އެނގިވަޑައިގަތް" ކަމަށެވެ.
ނަމަވެސް، މިހާރު ފެންނަނީ އިސްރާއީލުގެ ނުފޫޒުގައި ޖެހި، އެމެރިކާ އަނެއްކާ ވެސް ބޮޑު ހަނގުރާމައެއްގެ ތެރެއަށް ވެއްޓޭ މަންޒަރު ކަމަށް އޭނާ ސިފަކުރެއްވިއެވެ.
ކެންޓްގެ އިސްތިއުފާއާ އެކު ޓްރަމްޕްގެ ސަރުކާރަށް ސިޔާސީ ގޮތުންނާއި ގާނޫނީ ގޮތުން ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިވާނެ ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. ޚާއްސަކޮށް، އީރާނުން އެމެރިކާއަށް "އިމިނެންޓް ތްރެޓް"އެއް ނެތް ކަމަށް ޓެރަރިޒަމާބެހޭ އެންމެ އިސް އިދާރާގެ ވެރިޔާ ވިދާޅުވުމަކީ، ކޮންގްރެސްގެ ރުހުމަކާ ނުލައި ޓްރަމްޕް ފެއްޓެވި ހަނގުރާމައިގެ ގާނޫނީ ސައްހަކަމާ މެދު ސުވާލު އުފެދޭނެ ކަމެކެވެ.
އެމެރިކާގެ ވޯ ޕަވާސް ރެޒޮލިއުޝަންގެ ދަށުން ރައީސަށް އަމިއްލަފުޅަށް ހަނގުރާމަ އިއުލާނުކުރެއްވެނީ ހަމައެކަނި ކުއްލި ނުރައްކަލުގެ ހާލަތުގައެވެ. ބައިނަލްއަގުވާމީ ގާނޫނުތަކުގެ ދަށުން ވެސް، މިނިވަން މުސްތަގިއްލު ގައުމަކަށް ހަމަލާދިނުން ހުއްދަވަނީ ވަގުތުން ކުރިމަތިވެފައިވާ ނުރައްކަލަކުން ސަލާމަތްވުމަށް އެކަނި ކަމަށްވާއިރު، ކެންޓްގެ މި ހެކިބަހަކީ އެމެރިކާގެ ނިންމުމަށް ބައިނަލްއަގުވާމީ މައިދާނުގައި ވެސް ފާޑުކިޔުން އަމާޒުވާނެ ކަމެކެވެ.
މި މައްސަލައިގައި ވައިޓް ހައުސްއިން އަދި ވަކި އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް، ކޮންގްރެސްގެ މެންބަރުން ދަނީ މި ހަނގުރާމައިގެ ގާނޫނީ ހުއްދައާމެދު ސުވާލު އުފައްދައި، ސަރުކާރަށް ޕްރެޝަރު ބޮޑުކުރަމުންނެވެ.