އިސްރާއީލުން ރޭގަނޑުގެ ވަގުތެއްގައި ދިން ވައިގެ ޙަމަލާތަކެއްގައި އީރާނުގެ ސުޕްރީމް ނޭޝަނަލް ސެކިއުރިޓީ ކައުންސިލްގެ ސެކްރެޓަރީ އަދި އެ ޤައުމުގެ ސަލާމަތީ ކަންކަމާބެހޭ އެންމެ އިސްވެރިޔާ ޢަލީ ލަރިޖާނީ އަވަހާރަކޮށްލާފައިވާ ކަމަށް އިސްރާއީލުގެ ދިފާޢީ ވަޒީރު އިސްރާއީލް ކާޓްޒް މިއަދު އިޢުލާނުކުރައްވައިފިއެވެ.
މީގެ އިތުރުން، އީރާނުގެ ބާސިޖް ޕެރަމިލިޓަރީ ފޯސްގެ ކޮމާންޑަރު ގޮލާމްރެޒާ ސުލައިމާނީ ވެސް ވަކިން ދިން ޙަމަލާއެއްގައި އަވަހާރަކޮށްލާފައިވާ ކަމަށް އިސްރާއީލުގެ އަސްކަރިއްޔާއިން ވަނީ ބުނެފައެވެ.
މިކަމާ ގުޅިގެން އީރާނުގެ ސަރުކާރުން އަދި ރަސްމީކޮށް އެއްވެސް އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް އިސްރާއީލުގެ މި އިޢުލާނަށްފަހު، ލަރިޖާނީގެ ރަސްމީ އެކްސް އެކައުންޓުން ވަނީ އަތުން ލިޔެފައިވާ މެސެޖެއް އާންމުކޮށްފައެވެ. މި މެސެޖަކީ އޭނާ ދުނިޔޭގައި ހުންނެވިކަން ކަށަވަރުކޮށްދޭ ހެއްކެއް ކަމާމެދު މުޙައްލިލުން ސުވާލު އުފައްދައެވެ.
މިދިޔަ ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހު އެމެރިކާއާއި އިސްރާއީލުން އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ފުރަތަމަ ދުވަހު އީރާނުގެ ރޫޙާނީ ލީޑަރު އާޔަތުﷲ ޢަލީ ޚާމަނާއީ އަވަހާރަކޮށްލި ފަހުން، ލަރިޖާނީ ވެފައިވަނީ އީރާނުގެ ދުވަހުން ދުވަހަށް ހިނގާ ސަލާމަތީ ކަންކަން ބަލަހައްޓަވާ އެންމެ އިސް ލީޑަރަށެވެ.
އިސްރާއީލުގެ ދިފާޢީ ވަޒީރު ކާޓްޒް ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، ލާރިޖާނީ އާއި ބާސިޖް ކޮމާންޑަރު ރޭގެ ވަގުތެއްގައި “ނައްތާލެވިއްޖެ” ކަމަށާއި، އެބޭފުޅުން ގޮސް ގުޅިފައިވަނީ ނައްތާލުމުގެ ޕްރޮގްރާމްގެ އިސްވެރިޔާ ޚާމަނާއީއާ ކަމަށެވެ. މި ޙަމަލާއަކީ އީރާނުގެ ނިއުކްލިއަާ ޕްރޮގްރާމާއި އަސްކަރީ ޤާބިލުކަން ނައްތާލުމަށް އިސްރާއީލުން ކުރިއަށްގެންދާ "އޮޕަރޭޝަން ރޯރިން ލަޔަން" ގެ ދަށުން ދެވުނު ޙަމަލާއެއް ކަމަށް ވެސް ބުންޏެވެ.
ޢަލީ ލަރިޖާނީއަކީ އީރާނުގެ ސިޔާސީ މަސްރަޙުގައި އެތައް އަހަރެއް ވަންދެން މެދުމިނުގެ ސިޔާސަތުތަކެއް ގެންގުޅުއްވި، ނުފޫޒުގަދަ ބޭފުޅެކެވެ. މީގެ 68 އަހަރު ކުރިން 1958 ވަނަ އަހަރު އިރާޤުގެ ނަޖަފަށް އުފަންވެވަޑައިގަތް ލަރިޖާނީ ނިސްބަތްވެވަޑައިގަންނަވަނީ އީރާނުގެ އާމޮލްގެ މުއްސަނދި އަދި ބާރުގަދަ ޢާއިލާއަކަށެވެ. ޓައިމް މެގަޒިންއިން މީގެ ކުރިން މި ޢާއިލާ ސިފަކޮށްފައިވަނީ "އީރާނުގެ ކެނެޑީން" ގެ ގޮތުގައެވެ. އޭނާގެ ބައްޕައަކީ މަޝްހޫރު ދީނީ ޢިލްމުވެރިއެކެވެ. އުމުރުފުޅުން 20 އަހަރުގައި ލަރިޖާނީ ކައިވެނިބައްލަވައިގަތީ އީރާނުގެ އިސްލާމީ އިންޤިލާބުގެ ބާނީ ރޫޙުﷲ ޚުމައިނީގެ އަރިސް ބޭފުޅެއްގެ ދަރިކަނބަލުން ފަރީދޭ މުޠައްހަރީއާއެވެ.
އީރާނުގެ އެހެން ގިނަ ސިޔާސީ ލީޑަރުންނާ ޚިލާފަށް، ލަރިޖާނީގެ ތަޢުލީމީ ފަސްފަހަތް ގުޅިފައިވަނީ ދުނިޔަވީ ޢިލްމުތަކާއެވެ. އޭނާ ވަނީ ހިސާބު ޢިލްމާއި ކޮމްޕިއުޓާ ސައިންސުން ފުރަތަމަ ޑިގްރީ ހާސިލުކުރައްވާފައެވެ. އަދި އޭގެ ފަހުން ހުޅަނގުގެ ފަލްސަފާއިން، ޚާއްޞަކޮށް އިމާނުއެލް ކާންޓްގެ ފަލްސަފާއަށް ބިނާކޮށް ޑޮކްޓަރޭޓް ހާސިލުކުރެއްވިއެވެ. މީގެ 47 އަހަރު ކުރިން 1979 ގެ އިންޤިލާބަށްފަހު އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރްޖީސީ) އާ ގުޅިވަޑައިގަތުމަށްފަހު، ސަރުކާރުގެ އިސް މަޤާމުތަކެއް ފުރުއްވިއެވެ. އޭގެ ތެރޭގައި ކަލްޗާ މިނިސްޓަރުކަމާއި ދައުލަތުގެ ބްރޯޑްކާސްޓާ (އައިއާރްއައިބީ) ގެ ވެރިޔާކަން ހިމެނެއެވެ.
އޭނާ 2005 އިން 2007 އަށް ސުޕްރީމް ނޭޝަނަލް ސެކިއުރިޓީ ކައުންސިލްގެ ސެކްރެޓަރީކަން ކުރެއްވުމަށްފަހު، 2008 ވަނަ އަހަރު ޤާނޫނުހަދާ މަޖިލީހަށް ވަދެވަޑައިގަތެވެ. އަދި ވިދިވިދިގެން ތިން ދައުރުގައި މަޖިލީހުގެ ރައީސްކަން ކުރައްވައި، 2015 ގެ ނިއުކްލިއާ އެއްބަސްވުން ފާސްކުރުމުގައި އިސް ދައުރެއް އަދާކުރެއްވިއެވެ. މިދިޔަ އަހަރުގެ އޮގަސްޓު މަހު ރައީސް މަސްއޫދު ޕެޒެޝްކިއަން ވަނީ އަލުން ސެކިއުރިޓީ ކައުންސިލްގެ ސެކްރެޓަރީގެ މަޤާމަށް ލަރިޖާނީ ޢައްޔަނުކުރައްވާފައެވެ.
މި ޙަމަލާގެ ސަބަބުން އީރާނުގެ ސަލާމަތީ އަދި ސިޔާސީ އޮނިގަނޑަށް ވަރަށް ބޮޑު ލޮޅުމެއް އަރާނެކަމަށް މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. ޚާއްޞަކޮށް އެމެރިކާއާއި އިސްރާއީލާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގައި އީރާނުގެ ސްޓްރެޓެޖީ އެކުލަވާލުމުގައި އެންމެ އިސްކޮށް ހުންނެވި ބޭފުޅާ އަވަހާރަވުމަކީ، އީރާނުގެ ލީޑާޝިޕަށް ލިބުނު ފޫނުބެއްދޭވަރުގެ ގެއްލުމެކެވެ. މީގެ އިތުރުން، އީރާނުގެ ވެރިރަށް ތެހެރާނުގެ އެންމެ އެތެރެއަށް ވަދެ، އެންމެ އިސް ލީޑަރުންނަށް އަމާޒުކޮށް ޙަމަލާދިނުމުގެ ޤާބިލުކަން އިސްރާއީލުގެ ޖާސޫސީ އިދާރާތަކަށް ލިބިފައިވާކަން މިކަމުން ސާބިތުވެއެވެ. އީރާނުން މިކަމަށް ރައްދުދޭނެ ގޮތަކާމެދު ސުވާލު އުފެދިފައިވާއިރު، މެދުއިރުމަތީގެ މަސްރަޙު މިވަނީ އިތުރަށް ގޯސްވުމުގެ ތުންފަތްމަތީގައެވެ.