ފަސް ބިދޭސީން މަރުވި، ދިގުރަށު އަލިފާނުގެ ހާދިސާ ފުރިހަމައަށް ތަހުގީގު ކުރުމަށް ރައީސް އަންގަވައިފި

ރައީސް ޑރ. މުޙައްމަދު މުއިއްޒު: ދިގުރަށު އަލިފާނުގެ ހާދިސާ ފުރިހަމައަށް ތަހުގީގު ކުރުމަށް އިދާރާތަކަށް އެމަނިކުފާނު ވަނީ އަންގަވާފައި --- ފޮޓޯ/ ރައީސް އޮފީސް

އދ. ދިގުރަށުގައި ހުރި އެކޮމޮޑޭޝަން ބްލޮކެއްގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާގައި ފަސް ބިދޭސީއަކު ނިޔާވެ، އިތުރު ދެ މީހަކު ޒަޚަމްވެގެން އައިޖީއެމްއެޗްގައި ފަރުވާދެމުން އެބަދެއެވެ. މި ހިތާމަވެރި ހާދިސާއާ ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ބަންގްލަދޭޝްގެ ބޮޑުވަޒީރަށް ތައުޒިޔާ ފޮނުއްވައި، މުޅި ގައުމު މި ހިތާމައިގައި ބައިވެރިވާކަން ހާމަކުރައްވާފައެވެ. އަދި މިކަން ފުރިހަމައަށް ތަހުގީގުކޮށް، މިފަދަ ހާދިސާތައް ތަކުރާރުވިޔަ ނުދިނުމަށް ފިޔަވަޅު އެޅުމަށް ކަމާބެހޭ އިދާރާތަކަށް ރައީސް ވަނީ އިރުޝާދު ދެއްވާފައެވެ. މި މައްސަލަ ފުލުހުންނާއި ހިއުމަން ރައިޓްސް ކޮމިޝަނުން މިހާރު ގެންދަނީ ބަލަމުންނެވެ.

  • އދ. ދިގުރަށުގެ އެކޮމޮޑޭޝަން ބްލޮކެއްގައި ހިނގި އަލިފާނުގެ ހާދިސާގައި ފަސް ބިދޭސީއަކު ނިޔާވެ، ދެ މީހަކަށް އައިޖީއެމްއެޗްގައި ފަރުވާދެމުންދާކަން.
  • ރައީސް ޑރ. މުހައްމަދު މުއިއްޒު މި މައްސަލަ ފުރިހަމައަށް ތަހުގީގު ކުރުމަށާއި، މިފަދަ ހާދިސާތައް ތަކުރާރުވިޔަ ނުދިނުމަށް ފިޔަވަޅު އެޅުމަށް ކަމާބެހޭ ފަރާތްތަކަށް އަންގަވާފައިވުން.
  • މި ހާދިސާއާ ގުޅިގެން ބަންގްލަދޭޝްގެ ބޮޑުވަޒީރަށް ރައީސް ތައުޒިޔާ ފޮނުއްވައި، ހިތާމައިގައި ބައިވެރިވެވަޑައިގެންފައިވުން.
  • ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އިން މި މައްސަލައިގެ އެސެސްމަންޓެއް ހަދަމުންދާކަމާއި، ފުލުހުން މައްސަލަ ތަހުގީގު ކުރަމުންދާކަން.

މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ދަންވަރު އދ. ދިގުރަށުގައި ހިނގި އަލިފާނުގެ ހާދިސާ ފުރިހަމައަށް ތަހުގީގު ކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު، އިދާރާތަކަށް އަންގަވައިފިއެވެ.

އެކޮމޮޑޭޝަން ބްލޮކެއްގައި ރޯވެ ހިނގި، އެ ހާދިސާގައި ފަސް ބިދޭސީއަކު ވަނީ މަރުވެފައެވެ. އިތުރު ދެ މީހުން ފިހި, ވަރަށް ބޮޑަށް ދުމުގެ އަސަރު ކޮށްގެން އައިޖީއެމްއެޗުގައި އަންނަނީ ފަރުވާދެމުންނެވެ.

މި ހާދިސާއާ ގުޅިގެން، ރައީސް މުއިއްޒު ވަނީ، ބަންގްލަދޭޝްގެ ބޮޑުވަޒީރު ތާރިޤް ރަޙްމާނަށް ތަޢުޒިޔާގެ މެސެޖެއް ފޮނުއްވާފައެވެ.

ރައީސް އޮފީހުން ބުނީ، އެ ހާދިސާއާ ގުޅިގެން ފުން ހިތާމައެއް ލިބިވަޑައިގެންނެވިކަން ހާމަކުރައްވައި، ބަންގްލަދޭޝަންގެ ބޮޑުވަޒީރަށާއި ހާދިސާގައި މަރުވި މީހުންގެ އާއިލާތަކަށް ރައީސްގެ މެސެޖުގައި ތައުޒިޔާ ފޮނުއްވާފައިވާ ކަމަށެވެ.

މިގޮތުން، އެމަނިކުފާނާއި ދިވެހި ރައްޔިތުން ތިބީ މި ޙާދިސާގައި މަރުވެދިޔަ މީހުންނާއި އެކި ގޮތްގޮތުން ގެއްލުންތަކާ ކުރިމަތިލާންޖެހިފައިވާ ޢާއިލާތަކާ އެކުގައިކަން ރައީސް ވަނީ ހާމަކުރައްވާފައެވެ.

ދިގުރަށުގައި ހުރި އެކޮމޮޑޭޝަން ބްލޮކުގައި ރޯވެފައި: މި ހާދިސާ ފުރިހަމައަށް ތަހުގީގު ކުރުމަށް ރައީސް ވަނީ އަންގަވާފައި ---

ރައީސް މުއިއްޒު ވަނީ މި ޙާދިސާގައި، ޒަޚަމްވި މީހުންނަށް އަވަސް ޝިފާއަކަށް އެދިވަޑައިގެންފައެވެ. މީގެއިތުރުން، ދިވެހި މުޖުތަމަޢުގައި ބަންގްލަދޭޝްގެ ރައްޔިތުން އަދާކުރަމުންދާ ދައުރަކީ އަގުނުކުރެވޭ ދައުރެއްކަން ރައީސް ވަނީ ހާމަކުރައްވާފައެވެ.

މި ޙާދިސާގެ ސަބަބުން ލިބުނު ބޮޑު ގެއްލުމާއި ހިތާމައިގައި ދިވެހިން ހިއްސާވާ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. އަދި، މި ކަން ފުރިހަމައަށް ތަހުގީގުކުރުމަށާއި މިފަދަ ޙާދިސާތައް އިތުރަށް ތަކުރާރުވިޔަ ނުދިނުމަށް ކަމާބެހޭ އިދާރާތަކަށް އިރުޝާދު ދެއްވާފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ފާހަގަކުރެވޭ ގޮތުގައި، ގޭސް ލީކުވެގެން ހިނގި މިހާދިސާގައި ފަސް ބިދޭސީން މަރުވިއިރު، އޭގެތެރެއިން ދެ މީހެއްގެ ހަށިގަނޑު އިއްޔެ ވަނީ ބަންގްލަދޭޝަށް ފޮނުވާފައެވެ.

https://sun.mv/219203

މި ހާދިސާއާ ގުޅޭގޮތުން ފުލުހުން މިދިޔަ ހުކުރު ދުވަހުގެރޭ ބުނީ، ދިގުރަށުގައި ބިދޭސީން ދިރިއުޅޭ ގެއެއްގައި އަލިފާން ރޯވެ، ފަސް މީހުން ނިޔާވި ހާދިސާގައި، އެ އިމާރާތުން މީހުން ސަލާމަތްކުރަން ޖެހުނީ ގޭގެ ބިއްދޮށު ފާރު ތަޅައިލައިގެން ކަމަށެވެ.

މި މައްސަލަ ފުލުހުން ވެސް ތަހުގީގު ކުރަމުން އަންނައިރު، ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް)އިން ވަނީ، އިންސާނީ ހައްގުތަކާ ގުޅުންހުރި އެއްވެސް ކަންބޮޑުވުމެއް އޮތްތޯ ކަށަވަރުކުރުމަށްޓަކައި ފުރިހަމަ އެސެސްމަންޓެއް ހަދަމުންދާ ކަމަށް ބުނެފައެވެ.

comment ކޮމެންޓް