ވަގުތު ފާއިތު ނުވަނީސް ފިޔަވަޅު އަޅައި، ތާއީދު ހޯދަން ކުރާ އިސްރާފު ހުއްޓާލަން ފައިސަލް ގޮވާލައްވައިފި

ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް: ވަގުތު ފާއިތު ނުވަނީސް ފިޔަވަޅު އަޅައި، ތާއީދު ހޯދަން ކުރާ އިސްރާފު ހުއްޓާލަން ފައިސަލް ގޮވާލައްވައިފި -- ފޮޓޯ: ރައީސް އޮފީސް

މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ އިގުތިސާދަށް ކުރިމަތިވެފައިވާ ބިރުވެރިކަމާ ގުޅިގެން، ރާއްޖޭގެ އިގުތިސާދު ހަރުދަނާކޮށް، ސަރުކާރުން ކުރާ އިސްރާފުތައް ހުއްޓާލުމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ގޮވާލައްވައިފިއެވެ. ތެލާއި ގޭހުގެ އަގު މައްޗަށް ދިއުމުގެ ސަބަބުން ދައުލަތުގެ ހަރަދުތައް ބޮޑުވެ، އިގުތިސާދީ ގޮންޖެހުންތައް ކުރިމަތިވާނެކަމުގެ އިންޒާރު އޭނާ ދެއްވިއެވެ. މި ހާލަތުގައި ގައުމުގެ ކަންކަން ރަނގަޅަށް މެނޭޖުކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ އިސްވެ ހުންނަވައިގެން ޓާސްކް ފޯހެއް އުފެއްދުމުގެ މުހިންމުކަން ފައިސަލް ފާހަގަކުރެއްވިއެވެ. އަދި ހަގީގީ ހާލަތު ރައްޔިތުންނަށް އޮޅުވާނުލައި، ދަރަނި އިތުރުކުރާނެ ކަންކަމުން ދުރުވެ، ހަރަދު ކުޑަކުރުމުގެ ފިޔަވަޅުތައް އެޅުމަށް ވަނީ އިލްތިމާސްކުރައްވާފައެވެ.

  • މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން ތެލާއި ގޭހުގެ އަގު އުފުލި، ރާއްޖޭގެ އިގުތިސާދަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވާނެ ކަމަށް ލަފާކުރެވޭ.
  • ސަރުކާރުގެ ހަރަދުތައް ކުޑަކޮށް، ތާއީދު ހޯދުމަށް ކުރާ ބޭކާރު ހަރަދުތަކާއި އިސްރާފުތައް ވަގުތުން ހުއްޓާލުމަށް ގޮވާލި.
  • ގައުމުގެ އިގުތިސާދީ ކަންކަން މެނޭޖުކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިސްވެ ހުންނަވައިގެން ޚާއްސަ ޓާސްކް ފޯހެއް އުފެއްދުމަށް ހުށަހެޅި.
  • ރައްޔިތުންނަށް ދޮގު މައުލޫމާތު ދިނުމުގެ ބަދަލުގައި، ހާލަތާ ގުޅޭ ތެދު މައުލޫމާތު ޒިންމާދާރުކަމާ އެކު ފޯރުކޮށްދިނުމަށް އެދިފައިވޭ.

ވަގުތު ފާއިތު ނުވަނީސް ފިޔަވަޅު އަޅައި، ސަރުކާރަށް ތާއީދު ހޯދަން ކުރާ އިސްރާފު ހުއްޓާލަން ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް މިރޭ ގޮވާލައްވައިފިއެވެ.

އެމެރިކާއާއި އިސްރާއީލުން އީރާނަށް ދިން ހަމަލާއާ ގުޅިގެން ކުރަމުން އަންނަ ހަނގުރާމައާ ގުޅިގެން މުޅި ދުނިޔޭގެ އިގުތިސާދަށް ވެސް ވަނީ ބިރުވެރިކަން ފޯރާފައެވެ.

ފައިސަލް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ ތެލާއި ގޭހުގެ އިތުރުން އަސާސީ ކާބޯތަކެތި ލިބުމުގައި އެއްވެސް ދަތިކަމެއް ރައްޔިތުންނަށް ކުރިމަތިނުވާނެ ކަމަށް ނިމުނު ހަފުތާގެ ތެރޭގައި ސަރުކާރުން ރައްޔިތުންނަށް ޔަގީންކަން ދެއްވާފައިވާކަން ފާހަގަކުރައްވާފައެވެ. ނަމަވެސް، މިއަދު ގޭސް ލިބުމުގައި ދަތިކަމާއި ކުރިމަތިލާން ޖެހޭ ކަމަށާއި ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ބޮޑުވަމުން އަންނައިރު، ތެޔޮ ގަންނަން ކުރަން ޖެހޭ ޚަރަދު ބޮޑުތަނުން މަތިވާނެ ކަމަށާއި ތަކެތީގެ އަގު ބާޒާރުގައި އުފުލޭނެ ކަމަށް ފައިސަލް ވަނީ އަންދާޒާކުރައްވާފައެވެ.

ފައިސަލް ވަނީ ސަރުކާރުން މިހާރު ވެސް ދަރަނި ދެއްކުމާއި ތެޔޮ ގަންނަން ކުރަންޖެހޭ ޚަރަދާއި އިތުރަށް ކުރަންޖެހޭ ޚަރަދުތައް ފޫބައްދަން އިތުރު ދަރަނި ނަގަން މަސައްކަތް ކުރަމުން އަންނަކަން ފާހަގަކުރައްވައި، މިއީ ދަރަނި ހޯދަން އުނދަގޫ ވަގުތެއްކަން ވިސްނުމުގައި ބަހައްޓަން އިލްތިމާސްކޮށްފައެވެ.

"އާންމު ޙާލަތުގައި ޤައުމުގެ ކަންކަން އޮތްއިރު ވެސް ވޭތުވެދިޔަ ދެ އަހަރެއްހާ ދުވަހު އިޤުތިޞާދު އޮތީ އެންމެ ރަނގަޅަށް މެނޭޖު ނުކުރެވި. އެހެންކަމުން މިފަދަ ވަގުތެއްގައި އިޤުތިޞާދު މެނޭޖުކޮށް، ރައްޔިތުންގެ ކަންބޮޑުވުންތަކަށް ޙައްލު ގެނައުމަށް އަސާސީ ކަންތައްތަކާއި، ބޭސް ފަރުވާގެ ކަންކަމާއި، ރާއްޖެއިން ބޭރުގައި ކިޔަވަން ތިބި ދަރިވަރުންގެ ކަންތައްތައް ރަނގަޅަށް ހަމަޖެއްސޭނީ ވަރަށް ހަރުދަނާކަމާ އެކު މަސައްކަތްކޮށްގެން،" ފައިސަލް ވިދާޅުވިއެވެ.

ދުނިޔެ މި އޮތީ ގޮތްނޭނގޭ ބޮޑު ހަނގުރާމައެއްގެ ތެރޭގައި ކަމަށާއި ހަނގުރާމަ ނުހުއްޓޭނަމަ އެންމެ ބޮޑު އެއް ގެއްލުމަކާ ކުރިމަތިލާންޖެހޭ އެއް ގައުމަށް ރާއްޖެ ވާނެ ކަމަށް ފައިސަލް ވަނީ ވިދާޅުވެފައެވެ.

ފައިސަލް ވަނީ ދިވެހީންގެ ވިޔަފާރީގެ ބޮޑު ބައެއް ކޯވިޑް 19 އަށް ފަހު ގުޅިފައިވަނީ މެދުއިރުމައްޗާ ކަމަށް ވިދާޅުވެފައެވެ. އެއީ، ސީދާ އެ ގައުމުތަކުން އިންޕޯޓުކުރުން ނުވަތަ އެ ސަރަހައްދުން ޓްރާންސިޓްކޮށްގެން މުދާ އުފުލުން ކަމަށް އޭނާ ވިދާޅުވިއެވެ.

"ތެޔޮ ގަންނަން ސަރުކާރުން މަހަކު ގާތްގަނޑަކަށް 50 މިލިއަން އެމެރިކާ ޑޮލަރު ހޭދަކުރާއިރު، މިހާރު މި އަދަދު 75 މިލިއަން އެމެރިކާ ޑޮލަރަށް އެރުމަކީ އެކަށީގެންވާ ކަމެއް. ހަމައެއާ އެކު އަމިއްލަ ފަރާތްތަކުން އެތެރެ ކުރާ ތެލުގެ އަގު ވެސް މި މިންގަނޑުން މައްޗަށް ދާނެ،" އޭނާ ވިދާޅުވިއެވެ.

"މީގެ ސަބަބުން ރިސޯޓުތަކުގެ ހިންގުމުގެ ޚަރަދާއި، އަދި އަމިއްލަ ވިޔަފާރީތަކުން ކުރަން ޖެހޭ ޚަރަދު ބޮޑު ވާނެ. އަދި ކުދި ވިޔަފާރިތަކަށާއި، އަދި ވަޒީފާތަކަށް ވެސް ބޮޑު އަސަރެއް ކުރާނެ،"

ފައިސަލް ވަނީ މިފަދަ ޚާއްސަ ވަގުތެއްގައި ގައުމުގެ ކަންކަން ދުވަހުން ދުވަހަށް ހިންގައި، ކަމާ ގުޅުންހުރި އެންމެހާ ފަރާތްތަކާ އެކު މަސައްކަތްކޮށް ޤައުމުގެ ކަންތައްތައް ވީހާ ވެސް ރަނގަޅަށް މެނޭޖުކުރަން ރައީސުލްޖުމްހޫރިއްޔާ އިސްވެ ހުންނަވައިގެން ޓާސްކް ފޯހެއް އުފެއްދުމަކީ މުހިންމު ކަމެއް ކަމުގައި ދެކޭ ކަމަށް ވިދާޅުވެފައެވެ.

އަދި، މިކަންތައް ކުޑަ ކަމެއްގެ ގޮތުގައި ނުނަންގަވައި، ވަގުތު ފާއިތު ނުވަނީސް ހަރުދަނާ ފިޔަވަޅުތަކެއް އަޅަން އޭނާ ގޮވާލެއްވިއެވެ.

ފައިސަލް ވަނީ ސަރުކާރަށް ތާއީދު އިތުރު ކުރުމަށް އުފައްދާ ބޭކާރު ވަޒީފާތަކަށް މީހުން ނެގުމާއި ސަރުކާރުގެ ވަސީލަތްތައް ބޭނުންކޮށްގެން ކުރާ އިސްރާފު ހުއްޓާލުމަށާއި ރައްޔިތުންނަށް ޚިދުމަތް ދިނުމުގައި ސަރުކާރު އޮފީސްތަކުގެ ޚަރަދު ކުޑަ ކުރެވޭނެ ގޮތަކަށް މަސައްކަތްކޮށް، ސަރުކާރު ހިންގުމުގެ ޚަރަދު ކުޑަކުރަން ވެސް ގޮވާލައްވާފައެވެ.

https://sun.mv/218639

އެއްވެސް ހާސްކަމެއް ނެތްކަން ދެއްކުމުގެ ބަދަލުގައި، ސާފު ތެދު މައުލޫމާތު ޒިންމާދާރު ކަމާ އެކު ރައްޔިތުންނަށް ފޯރުކޮށްދޭން ފައިސަލް ވަނީ ގޮވާލައްވާފައެވެ.

މެދުއިރުމަތީގައި ކުރަމުންދާ ހަނގުރާމައާ ގުޅިގެން ރާއްޖެއިން ތެލާއި ގޭހަށް ނުޖެހޭނެ ކަމަށާއި މެދުކެނޑުމެއްނެތި ރާއްޖެއަށް ކާޑު ވެސް ލިބޭނެ ކަމަށް އިކޮނަމިކް މިނިސްޓަރު މުޙައްމަދު ސައީދު ވަނީ މި މަހުގެ ތިންވަނަ ދުވަހު ވިދާޅުވެފައެވެ.

މެދުއިރުމަތީގައި ކަމެއް ދިމާވެއްޖެ ނަމަ އެންމެ އަވަހަށް އަސަރުކުރާ ތަކެތީގެ ތެރޭގައި ތެޔޮ ހިމެނެއެވެ. އަދި، މި ފަހަރުގެ ހަނގުރާމައާ އެކު ގޭސް ވެސް އޭގެ ތެރެއަށް ވަދެފައިވާ ކަމަށާއި ހުރިހާ މުދަލަކަށް ހަނގުރާމައިގެ ސަބަބުން އަސަރުކޮށްފައިވާކަން ފާހަގަކޮށް މިނިސްޓަރު ވަނީ ރާއްޖޭގައި ތެލުގެ ކަންކަން މެނޭޖުކުރަނީ އެފަދަ ކަމެއް ދިމާވެދާނެ ކަމަށް ދުރާލައި ވިސްނައިގެން ކަމަށް ވިދާޅުވެފައެވެ.

comment ކޮމެންޓް