އެމިރޭޓްސް ރެޑް ކްރެސެންޓުން ފިޠުރު ޒަކާތުގެ ގޮތުގައި ދިން 626،000 ރުފިޔާ ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުޑަކުދީންނަށް ޚަރަދުކުރަން ސޯޝަލް އެންޑް ފެމެލީ ޑިވޮލޮޕްމެންޓް މިނިސްޓްރީއަށް މިއަދު ހަދިޔާކޮށްފިއެވެ.
އިސްލާމިކް މިނިސްޓްރީން މިއަދު ވަނީ، އެމިރޭޓްސް ރެޑް ކްރެސެންޓުން ދެއްވި ފިޠުރު ޒަކާތުގެ ފައިސާ، ދަޢުލަތުގެ ބެލުމުގެ ދަށުގައި ތިބި ޔަތީމުންނާއި ފަޤީރުންނަށް ޚަރަދުކުރަން ސޯޝަލް އެންޑް ފެމެލީ ޑިވޮލޮޕްމެންޓް މިނިސްޓްރީއަށް ހަދިޔާކޮށްފައިވާ ކަމަށް ބުނެފައެވެ.
މިނިސްޓްރީއިން ވަނީ އެމިރޭޓްސް ރެޑް ކްރެސެންޓުގެ ފަރާތުން ފިޠުރު ޒަކާތުގެ ގޮތުގައި 40،780.44 ޑޮލަރު ނުވަތަ 626,795.36 ރުފިޔާ ދެއްވާފައިވާ ކަމަށް ބުނެފައެވެ.
މި ފައިސާ ބޭނުން ކުރުމަށް ހަމަޖެހިފައިވަނީ ދައުލަތުގެ ބެލުމުގެ ދަށުގައިވާ ކުދިންނާއި ޚާއްސަ އެހީއަށް ބޭނުންވާ ކުދިން ފިޠުރު ޢީދުގެ އުފަލުގައި ބައިވެރިކުރުމަށާއި ޢީދު ހެދުން ގަނެދިނުމުގެ އިތުރުން ފުޑް ޕެކޭޖު ދިނުމާއި ރޯދަ ވީއްލުން ދިނުމަށް ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.
އެމިރޭޓްސް ރެޑް ކްރެސެންޓުގެ ފަރާތުން ދެއްވި މި ފައިސާއަކީ، ދެ ޤައުމުގެ މެދުގައި އުފެދިފައިވާ ގާތް ގުޅުން ހާމަކޮށްދޭ އެހީތެރިކަމެއްކަން މިނިސްޓްރީން ވަނީ ފާހަގަކޮށްފައެވެ.