ހެޔޮކަމުގެ އެންމެ ފަހު ރޭތައް

ރަމަޟާންމަހުގެ ފަހު ދިހައަކީ ލައިލަތުލްޤަދްރި ލައްވާފައިވާ، އެތައް ހެޔޮކަމެއް އެކުލެވިގެންވާ މާތް ދުވަސްވަރެކެވެ. މި ރޭތަކުގެ ހެޔޮކަމުން މަޙުރޫމުވެއްޖެ މީހާ ހުރިހާ ހެޔޮކަމަކުން މަޙުރޫމުވީކަމަށް ކީރިތި ރަސޫލާ ﷺ އިންޒާރު ދެއްވާފައިވެއެވެ. އެހެންކަމުން، ދުނިޔަވީ މަސައްކަތްތަކުން ޗުއްޓީ ލިބިފައިވާ މި ދުވަސްވަރު، ރޭއަޅުކަމާއި ދުޢާކުރުމަށް ޚާއްޞަ އިސްކަމެއް ދިނުމަކީ ކޮންމެ މުސްލިމެއްގެ މައްޗަށް އޮތް ޒިންމާއެކެވެ. ޚާއްޞަކޮށް، ފާފަފުއްސެވުމަށް އެދި ދެންނެވޭ ދުޢާތައް ގިނަކޮށް، ލައިލަތުލްޤަދްރިއާ ދިމާކުރުމަށް ގަދައަޅާ މަސައްކަތް ކުރުން މުހިންމެވެ.

  • ރަމަޟާންމަހުގެ ފަހު ދިހައިގައިވާ ލައިލަތުލްޤަދްރިއަކީ އެއްހާސް މައްސަރަށްވުރެ ހެޔޮކަން ބޮޑު ރެއެކެވެ.
  • އީމާންކަމާއެކު ރޭއަޅުކަންކުރުމުން އިސްވެދިޔަ ފާފަތައް ފުއްސަވައިދެއްވާނެކަމުގެ އުފާވެރި ޚަބަރު ޙަދީޘްތަކުން އެނގެއެވެ.
  • އެ ރޭތަކުގައި ޢާއިޝަތުގެފާނަށް ކީރިތި ރަސޫލާ ﷺ އުނގަންނަވައިދެއްވި ޚާއްޞަ ދުޢާ ކިޔެވުމަށް ސަމާލުކަން ދޭންވާނެއެވެ.
  • ދުނިޔަވީ މަޝްޣޫލުކަމުން ދުރުވެ، މި މާތް ފުރުސަތުގެ ބޭނުން ހެޔޮ ގޮތުގައި ހިފަންޖެހެއެވެ.

އަޅުގަނޑުމެން މިހާރު ގުނަމުން މި ދަނީ ހެޔޮކަމުގެ އެންމެ ފަހު ރޭތަކެވެ. މި ރޭތަކުގެ ހެޔޮކަން ލިބިގަތުމަށް އަވަސްވެގަންނާށެވެ!

ރަމަޟާންމަހުގެ ފަހުދިހައިގައި އޮތީ ލައިލަތުލްޤަދްރިއެވެ. އެއީ އެއްހާސް މައްސަރަށްވުރެ ހެޔޮވެގެންވާ ރެއެކެވެ. އެ ރޭގެ ހެޔޮކަމުން މަޙުރޫމުވެއްޖެ މީހާ ހުރިހާ ހެޔޮކަމަކުން މަޙުރޫމު ވެދާނޭތީ ބިރުގަންނަން ޖެހެއެވެ. އެ ކަމުގެ އިންޒާރު ދެއްވައި މާތް ނަބިއްޔާ صَلَّىٰ اللهُ عَلَيْهِ وَسَلَّم ޙަދީޘްކުރެއްވިއެވެ. «‏...فِيْهِ لَيْلَةٌ خَيْرٌ مِنْ أَلْفِ شَهْرٍ، مَن حُرِمَ خَيرَها فَقَدْ حُرِمَ» (مُتَّفَقٌ عَلَيْهِ) މާނައީ: "އެއްހާސް މައްސަރަށްވުރެ ހެޔޮކަން ބޮޑުވެގެންވާ ރެއެއް އެ މަހުގައި ވެއެވެ. އެ ރޭގެ ހެޔޮކަމުން މަޙުރޫމުވެއްޖެ މީހާ ދަންނައެވެ! ހުރިހާ ހެޔޮކަމަކުން އޭނާ މަޙުރޫމުވެއްޖެއެވެ."

މިއަދު އަޅުގަނޑުމެން އުޅެމުން މި އަންނަނީ ވަރަށް އަވަދިނެތް ދިރިއުޅުމެކެވެ. މި ދިރިއުޅުމުގެ ތެރެއިން އަޅުކަމަށް ވަގުތު ހުސްކުރަން ހަދާނެ ގޮތް ވެސް ގިނަ މީހުންނަށް މި ތިބެނީ ނޭނގިފައެވެ. އާންމު ދުވަސްތަކާ ޚިލާފަށް ރަމަޟާންމަހުގެ ފަހުދިހަ މިހާރު މިއީ މި ރާއްޖޭގެ މީހުންނަށް މަސައްކަތުން ޗުއްޓީ ލިބިފައި އޮންނަ ދުވަސްތަކެކެވެ. އެހެންކަމުން މި ދުވަސްތަކުގައި އަޅުކަމަށް ތިމާގެ ނަފުސު ޚާއްޞަކޮށްލުން ކިހިނެތް ވާނެބާއެވެ؟

ފަހު ދިހައިގެ ރޭތަކުގައި ކުރުން އެންމެ މުހިންމު އެއް ކަމަކީ ރޭއަޅުކަމެވެ. ތަޙައްޖުދު ނަމާދެވެ. ނުވަތަ ޤިޔާމުއްލައިލިއެވެ. ރަމަޞާންމަހުގެ ރޭތަކުގައި ދަރުމައާއި ސަވާބަށް އެދި ރޭއަޅުކަން ކޮށްފި މީހާގެ ފާފަ ފުއްސަވާނެކަމަށް ހަދީޘްގައި ވެއެވެ. عَنْ أَبِي هُرَيْرَةَ أَنَّ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ: "مَنْ قَامَ رَمَضَانَ إِيمَانًا وَاحْتِسَابًا غُفِرَ لَهُ مَا تَقَدَّمَ مِنْ ذَنْبِهِ" [رواه البخاري (37)، ومسلم (759).] މާނައީ: "އަބޫ ހުރައިރަތުގެފާނުގެ ކިބައިން ރިވާވެގެންވިއެވެ. ރަސޫލު ﷲ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ޙަދީޘްކުރެއްވިއެވެ. "އީމާންކަމާ އެކު ސަވާބާއި ދަރުމަ އެދިގެން ރަމަޟާންމަހުގައި ރޭއަޅުކަން ކޮށްފިމީހާގެ އިސްވެ ގޮސްފައިވާ ފާފަތައް ފުއްސަވާނެތެވެ."

މި ރޭތަކުގައި ފާފަފުއްސަވައިތޯ ގިނަގިނައިން ދަންނަވާށެވެ! ލައިލަތުލްޤަދްރިއާ ދިމާވެއްޖެއްޔާ ދުޢާ އިޖާބަކުރެއްވޭނޭ ކަމަށް ވަރަށް ބޮޑަށް ބެލެވެއެވެ. އެހެންކަމުން ފަހުދިހައިގެ ހުރިހާ ރެއަކު ދުޢާކުރުން ގިނަކުރާށެވެ. އެރޭ ކުރަންވީ ދުޢާއަކީ ކޮބައިކަން އެނގިލައްވައިތޯއެވެ؟ ﷲ ރުއްސުންލެއްވި ޢާއިޝަތުގެފާނުގެ އަރިހުން ރިވާވެގެން ވެއެވެ. ތިމަންކަމަނާއާ ލައިލަތުލްޤަދްރި ބައްދައްލުވެއްޖެ ނަމަ އެރޭ ތިމަންކަމަނާ ވިދާޅުވާންވީ ކޮން ޒިކުރެއްތޯ ސުވާލު ދެންނެވުމުން ރަސޫލާ صَلَّى اللهُ عَلَيْهِ وَسَلَّم ޙަދީޘްކުރެއްވިއެވެ. «قُولِي: اللَّهُمَّ إِنَّكَ عَفُوٌّ تُحِبُّ الْعَفْوَ فَاعْفُ عَنِّي» (ابن ماجه) މާނައީ: "ކަމަނާ މިފަދައިން ވިދާޅުވާށެވެ. ”اللَّهُمَّ إِنَّكَ عَفُوٌّ تُحِبُّ الْعَفْوَ فَاعْفُ عَنِّي“ މިދުޢާގެ މާނައަކީ: "ޔާ ﷲ އެވެ! އިބައިލާހީ ގިނަގިނައިން ޢަފޫކުރައްވާ، ޢަފޫކުރެއްވުމަށް ލޯބިކުރަށްވާ އިލާހެވެ. މި އަޅާގެ ފާފަތަށް ޢަފޫކުރަށްވާނދޭވެ!"

ކިޔުންތެރިންނޭވެ! ހެޔޮކަމުގެ އެންމެ ފަހު ދުވަސްތައް އަޅުގަނޑުމެންނާ އަލްވަދާޢު ކިޔުމުގެ ކުރިން އޮނަހިރި ރޭތަކުގައި ލައިލަތުލްޤަދްރި ހޯދުމަށް ގަދައަޅާ މަސައްކަތް ކުރާށެވެ! ރަނުގެ މި ފުރުޞަތު ގެއްލިދިޔަ ނުދޭށެވެ!

comment ކޮމެންޓް