މެދުއިރުމަތީގެ ހަނގުރާމަ އަދި ވެސް ނުހުއްޓޭއިރު، ރިޒާވަށް އަސަރު ކުރުމުގެ ބިރު އޮތުމުން އިތުރު 100 މިލިއަން ޑޮލަރު ހޯދުމަށް އިންޓަލެޓަރަލް ދެ އެޖެންސީއަކާ މަޝްވަރާ ކުރަމުން އަންނަ ކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު މިއަދު ވިދާޅުވެއްޖެއެވެ.
މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ރާއްޖެއަށް ކުރާނެ އަސަރުތަކަށް ފިޔަވަޅު އެޅުމަށް އެކުލަވާލި ނުވަ މިނިސްޓަރުންގެ ކޮމިޓީން ރައީސް އޮފީހުގައި ބައްދަލުވުމެއް ބާއްވާފައެވެ. އެ ބައްދަލުވުމުގައި ނޫސްވެރިއަކު ވަނީ މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ރިޒާވް ހަރުދަނާ ކުރުމަށް ކުރާ މަސައްކަތާ ގުޅުވައި ސުވާލުކޮށްފައެވެ.
އެ ކަމަށް ޖަވާބުދެއްވައި މިނިސްޓަރު ވިދާޅުވީ، ރިޒާވް ހުސްނުވެ، ދެމެހެއްޓުމަށްޓަކައި އެމްއެމްއޭގެ ގަވަރުނަރު އަހުމަދު މުނައްވަރާ އެކު މަޝްވަރާކޮށްގެން ފިޔަވަޅުތަކެއް އަޅަމުން އަންނަ ކަމަށެވެ. އެއް ކަމަކަށް ޒަމީރު ފާހަގަކުރެއްވީ، ރިޒާވަށް 100 މިލިއަން ޑޮލަރު ހޯދުމަށް އިންޓަނޭޝަނަލް މަލްޓިލެޓަރަލް ދެ އެޖެންސީއަކާ މަޝްވަރާކުރަމުން އަންނަ ކަމެވެ.

އެމްއެމްއޭ: އިތުރު 100 މިލިއަން ޑޮލަރު ރިޒާވަށް ހޯދަން ދެ އެޖެންސީއަކާ ދަނީ މަޝްވަރާކުރަމުން އަންނަ ކަމަށް ޒަމީރު ވަނީ ވިދާޅުވެފައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ
މިނިސްޓަރު ވިދާޅުވީ، ތެލުގެ އަގު މަތިވާތީ އިތުރަށް ކުރަން ޖެހޭ ޚަރަދު ފޫބެއްދޭނީ އެ ފައިސާ ހޯދައިގެން ކަމަށެވެ.
މި ދެންނެވި ދެ އެޖެންސީއާ އެކު މަޝްވަރާކުރެވިގެން އެއަށް އެއްބަސްވެގެން ދިވެހި ސަރުކާރުން ނަގަން ޖެހޭ ފައިނަލް ހުއްދަ ނެގުމަށްޓަކައި އަޅުގަނޑު އޮންނާނީ ރައީސުލްޖުމްހޫރިއްޔާ އަރިހަށް ސިޓީއެއް މިއަދު ފޮނުވާފައި,ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު
ނަމަވެސް، އެ ކަމާ ގުޅޭ އިތުރު ތަފުސީލެއް މިނިސްޓަރު ނުދެއްވައެވެ.
މިނިސްޓަރު އެފަދައިން ވިދާޅުވިއިރު، އަންނަ މަހުގެ އަށްވަނަ ދުވަހު ސަރުކާރުން 500 މިލިއަން ޑޮލަރުގެ ސުކޫކެއް ދައްކަން ޖެހެއެވެ.
މި މަހުގެ ކުރީކޮޅު ބޭއްވި ބައްދަލުވުމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، އެ ސުކޫކު ދެއްކުމަށްޓަކައި ޖުމްލަ 650 މިލިއަން ޑޮލަރު ރައްކާކޮށްފައިވާ ކަމަށާއި އެ ފައިސާ ދެއްކުމަށް ފަހު ވެސް ސަރުކާރުގައި ބާކީ ފައިސާ ހުންނާނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
މީގެ އިތުރުން، ދައުލަތުގެ ރިޒާވްގެ ހާލަތަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، ސޮވެރިން ޑިވެލޮޕްމަންޓް ފަންޑު (އެސްޑީއެފް)ގައި މިހާރު 320 މިލިއަން ޑޮލަރަށްވުރެ ގިނަ ފައިސާ ހުރި އިރު، ޔޫސަބަލް ރިޒާވްގައި 330 މިލިއަން ޑޮލަރު އެބަހުރި ކަމަށެވެ.
ރައީސް ވަނީ ރާއްޖޭގެ އިގްތިޞާދު ފުޅާވަމުން އަންނަ ކަމަށާއި ރާއްޖޭގެ އިގްތިޞާދަށް ކުރިމަތިވެދާނެ ގޮންޖެހުންތަކަށް ސަރުކާރުން ތައްޔާރުވެފައިވާ ކަމަށް ވިދާޅުވެފައެވެ.