މެދިއިރުމަތީގައި މިހާރު އީރާނާ ދެކޮޅަށް އެމެރިކާއިން ކުރަމުން އަންނަ ހަނގުރާމައާ ގުޅިގެން ޚަރަދު ކުޑަކުރަން އަޅާ ފިޔަވަޅެއްގެ ގޮތުން މިފަހަރުގެ ފިތުރު އީދުގެ ދިއްލުންތައް ރަށްރަށުގައި ނުދިއްލަން ސަރުކާރުން ނިންމައިފިއެވެ.
ހަނގުރާމައާ ގުޅިގެން އެކުލަވައިިލައިފައިވާ ވަޒީރުންގެ ޚާއްސަ ކޮމިޓީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެކަން ހާމަކުރެއްވީ ކޮމިޓީ ޗެއާކުރައްވާ، ޚާރިޖީ ވަޒީރު ޑރ. އަބްދުﷲ ޚަލީލެވެ.
އެގޮތުން ޚަލީލް ވިދާޅުވީ، އީދަށް ބޮކިފަތި ދިއްލުމާ ބެހޭ ގޮތުން ކެބިނެޓުގައި މަޝްވަރާކޮށްފައިވާ ކަމަށެވެ. އަދި ކެބިނެޓުން ނިންމީ ރަށްރަށުގައި އީދަށް ބޮކި ނުދިއްލައި، މާލޭ ހިމެނޭހެން ހުރިހާ ސިޓީތަކެއްގައި ދިއްލުން ދިއްލަން ކަމަށް ވިދާޅުވިއެވެ.
"އެވެސް ކަނޑައެޅޭ ވަކި ލޮކޭޝަންތަކެއްގައި،" ޚަލީލް ވިދާޅުވިއެވެ.
އަދި ސިޓީތަކުގައި ވެސް ދިއްލުންތައް ހުރިހާ ސަރަހައްދެއްގައި ނުދިއްލާނެކަމަށާއި، ދިއްލުން ދިއްލާނީ ވަކި ސަރަހައްދުތަކެއްގައިކަމަށް ޚަލީލް ވިދާޅުވިއެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މާލީ ވަޒީރު މޫސާ ޒަމީރު ވިދާޅުވީ، ޚަރަދުކުޑަކުރުމަށް ސަރުކާރުގެ ތެރެއިން މިހާރު ވަރަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަކަމަށެވެ. އަދި އެ ފިޔަވަޅުތައް އަޅައި، ސަރުކާރުގެ ފަރާތުން ރައްޔިތުންނަށް ލިބެންޖެހޭ ޚިދުމަތްތައް މެދުނުކެނޑި ފޯރުކޮށްދިނުމަށް މަސައްކަތްކުރަމުން އަންނަކަމުގެ ޔަގީންކަން ވަނީ ދެއްވައިފައެވެ.
އީދަށް ރާއްޖޭގެ ހުރިހާ ރަށެއްގައި ދިއްލުންތައް ދިއްލައި ޒީނަތްތެރި ކުރުމަކީ ރައީސް ޑރ. މުޙައްމަދު މުއިއްޒު ފެއްޓެވި ކަމެކެވެ. އެ މަނިކުފާނު ކުރިން ވިދާޅުވި ގޮތުގައި މީގެ ބޭނުމަކީ އީދުގެ އުފާ ރައްޔިތުންނަށް ފޯރުކޮށްދިނުމެވެ.