އިސްލާމިކް މިނިސްޓްރީގެ އަމާޒަކީ، އާބާދީގެ ނިސްބަތުން ހާފިޒުން އެންމެ ގިނަ އިސްލާމީ ގައުމަކަށް ރާއްޖެ ހެދުން ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސައީދު މިރޭ ވިދާޅުވެއްޖެއެވެ.
ހާފިޒުން ދަސްވެނިވުން ފާހަގަކުރުމަށް އިސްލާމީ މަރުކަޒުގައި ބޭއްވި ޖަލްސާގައި ޝަހީމް ވިދާޅުވީ، ގުރުއާނުގެ އިލްމުގެ ދާއިރާއަށް މިދިޔަ އަހަރު ސަރުކާރުން 19 މިލިއަން ރުފިޔާ ޚަރަދު ކުރި ކަމަށެވެ.
އެ ޚަރަދުގައި ހިމެނޭ އެންމެ މުހިންމު އެއް ދާއިރާއަކީ ގުރުއާން ހިތުދަސްކުރުންކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ، މިރޭ، ރާއްޖޭގެ ހާފިޒުންގެ އަަދަދު 301އަށް އަރައިފައިވާ ކަމަށެވެ.
އެއީ އުފާވެރި ޚަބަރެއްގެ ގޮތުގައި ސިފަކުރައްވައި ޝަހީމް ވިދާޅުވީ، ސަރުކާރުގެ އަމާޒަކީ މި ފަސް އަހަރު ތެރޭގައި ހާފިޒުންގެ އަދަދު 500އަށް އެރުވުމަށް މަސައްކަތް ކުރުން ކަމަށެވެ.
އަޅުގަނޑުމެންގެ މި ވުޒާރާގެ ދުރު ރާސްތާ އަމާޒަކީ އިސްލާމީ ދުނިޔޭގެ އެ ގައުމެއްގެ ރައްޔިތުންގެ އާބާދީގެ ނިސްބަތުން ދިވެހިރާއްޖެއަކީ އެންމެ ހާފިޒުން ގިނަ އިސްލާމީ ގައުމަކަށް ހެދުން، މިއީ އަޅުގަނޑުމެންގެ ގައުމަށް ލިބިގެންދާނެ ވަރަށް ވެސް މަތިވެރި ޝަރަފެއް
އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސައީދު
ޝަހީމް ވިދާޅުވީ ރައީސް ޑރ. މުޙައްމަދު މުއިއްޒު ވަނީ، ގުރުއާނުގެ އިލްމު ފެތުރުމަށް ފާއިތުވި ދެ އަހަރު ވަރަށް ޚާއްސަ އަހަންމިއްޔަތު ކަމެއް ދެއްވައިފައި ކަމަށެވެ. އެގޮތުން، ގުރުއާން ކިޔެވުމުގެ މުބާރާތުގެ އިނާމުތައް މަތި ކުރައްވައި، ހިތުދަސްކުރާ ދަރިވަރުންނަށް ދޭ އެލަވަންސް ދެގުނައަށް ބޮޑުކުރެއްވިކަން އޭނާ ފާހަގަކުރެއްވިއެވެ.
ފާހަގަކޮށްލެވޭ ގޮތުގައި، މީގެ ކުރިން ހާފިޒުންނަށް ދެމުން އައީ 2،000 ރުފިޔާގެ އެލަވަންސެއް ނަމަވެސް، ސަރުކާރުން ވަނީ، މިދިޔަ ޖުލައި މަހުން ފެށިގެން އެ އަދަދު 4،000 ރުފިޔާއަށް އިތުރުކޮށްފައެވެ.

ދަސްވެނިވި ހާފިޒުން: މިނިސްޓްރީގެ އަމާޒަކީ، އާބާދީގެ ނިސްބަތުން ހާފިޒުން އެންމެ ގިނަ ގައުމަކަށް ރާއްޖެ ހެދުން ކަމަށް ޝަހީމް ވިދާޅުވި -- ފޮޓޯ/ ރައީސް އޮފީސް
ޝަހީމް އިތުރަށް ވިދާޅުވީ، މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ގުރުއާނާ ބެހޭ މަރުކަޒުގެ ގޮތްޕެއް ހެދުމަކީ މި ސަރުކާރުގެ ސިޔާސަތެއް ކަމަށެވެ. އެގޮތުން މި އަހަރު އެކަނިވެސް 50 ގޮފި ހަދަން ނިންމައިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
"އެހެންވީމަ މި ކުރެވެމުންދާ މަސައްކަތަކީ އިސްލާމީ ގައުމެއްގެ ހައިސިއްޔަތުން ދިވެހިރާއްޖެ މިހާތަނަށް ދެކެފައިވާ އެންމެ އުފާވެރި ދުވަސްތަކޭ އަޅުގަނޑު ދަންނަވާނީ، މި ކަންކަން ދެމެހެއްޓުމަށް އަޅުގަނޑުމެން މަސައްކަތް ކުރަން ޖެހޭ،" ޝަހީމް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، ރާއްޖޭން ސިޔާސީ ހަމަޖެހުމާއި ސުލްހަވެރިކަމާއެކު، ހެޔޮ ނަތީޖާތައް ހޯދަމުން އަންނަ ކަމަށެވެ.
އެހެންވެ، ބަދަހިކަމާއި އެއްބައިވަންތަކަމާއެކު އިސްލާމީ ގައުމެއްގެ މަތިވެރި ޝަރަފު ދެމެހެއްޓުމަށް ގުޅިގެން މަސައްކަތް ކުރަން ޖެހޭ ކަމަށް ޝަހީމް ވިދާޅުވިއެވެ.
މިރޭގެ ރަސްމިއްޔާތުގައި، 31 ހާފިޒަކު ވަނީ ގުރުއާން ހިތުދަސްކޮށް، ހާފިޒުކަމުގެ ސަނަދު ހާސިލްކޮށްފައެވެ.