މާލޭގެ ބާޒާރުގައި ތ. ކަނޑޫދޫ މިރުހުގެ އަގު މިއަދު ވަރަށް ބޮޑަށް ދަށަށް ހިނގައްޖެއެވެ.
ރޯދަމަސް ފެށުނުއިރު ވަރަށް ބޮޑަށް އަގު އުފުލިފައި ހުރި މިރުހުގެ އަގު މިހާރު ހުރީ އާންމުންނަށް ގަންނަން ފަސޭހަ މިންވަރެއްގައެވެ.
މިއަދު މާލޭގެ ލޯކަލް މާރުކޭޓާއި ދަތުރުވެރިންގެ މާރުކޭޓުގައި ކަނޑޫދޫ މިރުސް 100 ގްރާމް ލިބެން ހުރީ 25 ރުފިޔާއާއި 30 ރުފިޔާއާ ދެމެދުގެ އަގުތަކެއްގައެވެ. އަދި ކިލޯއެއްގެ އަގު އުޅެނީ 230 ރުފިޔާއާއި 280 ރުފިޔާއާ ދެމެދުގައެވެ.
މިއީ މީގެ ހަފްތާއެއްހާ ދުވަސް ކުރިއާ އަޅާބަލާއިރު ވަރަށް ބޮޑު ވެއްޓުމެކެވެ.
މި ހިނގާ 1447 ވަނަ އަހަރުގެ ރޯދަމަސް ފެށުނުއިރު، ކަނޑޫދޫ މިރުހުގެ އަގު ހުރީ އަތްނުފޯރާ ފަށުގައެވެ. އެ ދުވަސްވަރު 100 ގްރާމްގެ އަގު 40 ރުފިޔާއާއި 45 ރުފިޔާއާ ދެމެދު ހުރިއިރު، ކިލޯއެއްގެ އަގު ހުރީ 380 ރުފިޔާއާއި 430 ރުފިޔާއާ ދެމެދުގެ އަގުތަކެއްގައެވެ. ބައެއް ގޮޅިތަކުގައި އޭރު ކިލޯއެއް 450 ރުފިޔާއަށްވެސް ވިއްކާފައިވެއެވެ.
ވިޔަފާރިވެރިން ބުނާގޮތުގައި އަގު ދަށްވުމުގެ މައިގަނޑު ސަބަބަކީ އަތޮޅުތެރެއިން، ޚާއްސަކޮށް ތ. ކަނޑޫދުއިން މާލެއަށް ގެންނަ މިރުހުގެ ޝިޕްމަންޓްތައް އިތުރުވުމެވެ. ރޯދައިގެ ފުރަތަމަ ދުވަސްކޮޅު ޑިމާންޑާ އެއްވަރަށް ސަޕްލައި ނުލިބުނު ނަމަވެސް، މިހާރު ބާޒާރަށް ބޭނުންވާ ވަރަށް މިރުސް ލިބެން އެބަހުއްޓެވެ.
މިރުހުގެ އިތުރުން ފަނިގިރަން ބޭނުންކުރާ ކަރާގެ އަގުވެސް ވަނީ ކޮންމެވެސް ވަރަކަށް ދަށަށް ގޮސްފައެވެ. ނަމަވެސް ލުނބޯ ފަދަ ބާވަތްތަކުގެ އަގު އަދިވެސް ހުރީ މަތީގައެވެ.