ރަމަޟާން މަހު މާގިނައިން ކެވޭތީ ކަންބޮޑުވޭތަ؟ މިކަން ކަމަށް ސަމާލުކަންދީ

ރޯދަވީއްލާ ގަޑީގަ އާއި ރޭގަނޑުގެ ވަގުތުތަކުގައި މާގިނައިން ކެވޭގޮތް ދިމާވުމަކީ ވަރަށް ގިނަ ބަޔަކަށް ކުރިމަތިވެފައިވާ ގޮންޖެހުމެއް--ފޮޓޯ/އީޓީވީ

ރަމަޟާން މަހަކީ ރޫޙާނީ ގޮތުން ނަފްސު ތަރުބިއްޔަތުކޮށް، ކެތްތެރިކަން އިތުރުކުރުމުގެ މަތިވެރި މައްސަރެކެވެ. މި މަހަކީ ފަތިހުން ފެށިގެން އިރުއޮއްސުމާ ހަމައަށް ކެއުމާއި ބުއިމުން ދުރުހެލިވެ އަޅުގަނޑުމެން ތިބޭ މައްސަރެކެވެ.

ނަމަވެސް، ބައެއް ފަހަރު ރޯދައަށް ހުރުމަށްފަހު، ރޯދަވީއްލާ ގަޑީގަ އާއި ރޭގަނޑުގެ ވަގުތުތަކުގައި މާގިނައިން ކެވޭގޮތް ދިމާވެއެވެ. މި ލިޔުމުގައި ހިމަނާލާނީ ރަމަޟާން މަހު މާގިނައިން ކެވޭ ސަބަބުތަކާއި، އޭގެ ސަބަބުން ސިއްހަތަށް ކުރާނެ ނޭދެވޭ އަސަރުތަކުގެ އިތުރުން، އެ އާދައިން ދުރުހެލިވުމަށް ކުރެވިދާނެ ކަންތައްތަކުގެ މައްޗަށް ބިނާކޮށް ޤަތަރުގެ އެސްޓަ އެސްޓަ ހޮސްޕިޓަލުގައި މަސައްކަތްކުރައްވާ ޑރ. ޝާކިރު ޓީޕީ އެ ހޮސްޕިޓަލުގެ ބްލޮގްގައި ދެއްވާފައިވާ އިރުޝާދުގެ މައްޗަށެވެ.

ރަމަޟާން މަހު މާގިނައިން ކެވޭ ސަބަބުތަކަށް ބަލާއިރު އޭގެތެރޭގައި ބަނޑުހައިވުމާއި، ހަށިގަނޑަށް ބޭނުންވާ މާއްދާތައް މަދުވުން ހިމެނެއެވެ.

ރޯދަވީއްލުމަށާއި ހާރުކެއުމަށް ފައިދާހުރި މޭވާ، ތަރުކާރީ، ގްރެއިންސް، އަދި ޕްރޮޓީން ހިމެނޭ ކާނާ ހިމެނުމަށް އަޅުގަނޑުމެންނަށް އިސްކަން ދެވިދާނެ--ފޮޓޯ/ރީޑްފައުންޑޭޝަން

ދުވާލު ހަތަރު ދަމު ރޯދައަށް ހުރުމަށްފަހު، ހަށިގަނޑަށް ބޭނުންވާ ހަކަތަ ހޯދުމަށްޓަކައި ރޯދަވީއްލުމަށްފަހު ހާރު ކެއުމާ ދެމެދު އޮންނަ ވަގުތުތަކުގައި އާދަޔާ ޚިލާފަށް ކެވެނީ މި ސަބަބުތަކާ ހެދި ކަމަށް ޑރ. ޝާކިރު ވަނީ ބަޔާންކޮށްފައެވެ.

މީގެއިތުރުން އިޖުތިމާޢީ އަދި ސަޤާފީ އާދަކާދަތައް، އާއްމުންގެ ހޭލުންތެރިކަން މިފަދަ ކަންކަމަށް ކުޑަވުން އަދި ބުފޭތަކުންނާއި ރޯދަވީއްލުމަށް ލިބޭ ދައުވަތުތައް ގަބޫލުކޮށް ބޭރުތެރެއިން ކެއުން ހިމެނޭ ކަމަށް ޑރ.ޝާކިރު ވަނީ ވިދާޅުވެފައެވެ.

ޑރ. ޝާކިރުގެ ލިޔުއްވުމުގައި ބަޔާންކުރައްވާފައިވާ ގޮތުގައި މާގިނައިން ކެއުމުން ކުރިމަތިވާ ސިއްހީ ނުރައްކާތަކުގެތެރޭ ކާނާ ހަޖަމުކުރުމުގެ މައްސަލަތަކާއި، ކުއްލިއަކަށް މިހާގެ ބަރުދަން ބުރަވެ ބޮޑު ބަދަލެއް އައުން، ކާނާގެ މާއްދާތައް ރަނގަޅަށް ހަޖަމު ނުވުން އަދި މިކަންކަމުގެ ސަބަބުން ދާއިމީ ބަލިތަކަށް މީހާ ހުށަހެޅުމަށް މަގުފަހިވުން ހިމެނެއެވެ.

މި ކަންކަމުން ހައްލެއް ހޯދަން ބޭނުންވެ ކެއުން ވަކި މިންގަނޑެއްގައި ހިފެހެއްޓުމަށް ކުރެވިދާނެ ކަންތައްތަކުގެތެރޭ، ހަމަހަމަ ކެއުން ރޭވުމަށް އިސްކަން ދެވިދާނެއެވެ. އެގޮތުން ރޯދަވީއްލުމަށާއި ހާރުކެއުމަށް ފައިދާހުރި މޭވާ، ތަރުކާރީ، ގްރެއިންސް، އަދި ޕްރޮޓީން ހިމެނޭ ކާނާ ކެއުމުގައި ހިމެނުމަށް އިސްކަން ދެވިދާނެއެވެ.

ރޭގަނޑުގެ ވަގުތުތަކުގައި ކުޑަކޮށް ބަނޑުހައިވާނަމަ ކާޖޫ، ކުރުނބާ، ޔޯގަޓް ނުވަތަ މޭވާ ފަދަ ތަކެތި ބޭނުންކުރުމަކީ ވެސް މާ ބޮޑެތި ކެއުންތަކުން މީހާ ދުރުކޮށްދިނުމަށް އެހީތެރިވެދޭނެ ކަމެއް--ފޮޓޯ/އީޓީވީ

މީގެއިތުރުން ދެން ސަމާލުކަން ދެވިދާނެ ކަންކަމުގެތެރޭ ކެއުމުގެ މިންވަރު ކޮންޓްރޯލްކުރުން، ގިނައިން ފެން ބޯން އާދަކުރުން، ފައިދާހުރި ސްނެކްސް އިހްތިޔާރު ކުރުން، ބަނޑު ފުރޭހެން ހީވުމުން ކެއުން ހުއްޓާލުން އަދި ރޯދަވީއްލުމަށްފަހު ލުއި ކަސްރަތެއް ނުވަތަ ހިނގާލަން ދިއުން ހިމެނެއެވެ.

ރަމަޟާން މަހަކީ އަޅުކަމުގެ މަހަކަށްވާއިރު، މި މަހުގެ ބޭނުން އެންމެ ހެޔޮގޮތުގައި ހިފުމަށްޓަކައި ކެއުމުގެ އާދަކާދަތައް ވަކޮ ގޮތަކަށް ބެހެއްޓުމަކީ ވަރަށް މުހިންމު ކަމެކެވެ. ހަމަހަމަ ކެއުމަކަށް އިސްކަންދީގެން، އަމިއްލަ ނަފްސު ކޮންޓްރޯލްކޮށްގެން އުޅުމުން ސިއްހީ ގޮތުންނާއި ރޫޙާނީ ގޮތުންވެސް ބޮޑެތި ފައިދާތަކެއް އެކަމުން ހަށިގަނޑަށް ލިބިގެންދާނެ ކަމަށް ޑރ.ޝާކިރު ވަނީ ފާހަގަކުރައްވާފައެވެ.

ހަނދާން ބަހައްޓަންވީ ކަމަކީ ރޯދައަކީ ހަމައެކަނި ކެއުމާ ދުރުހެލިވުމެއް ނޫން ކަމެވެ. އެއީ ނަފްސު ތަރުބިއްޔަތުކޮށް، ހަމްދަރުދީއާއި ޝުކުރުވެރިވުން ދަސްކޮށްދޭ މަތިވެރި އަޅުކަމެކެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު