މި ސަރުކާރުގައި ލާމަރުކަޒީ ޚިދުމަތްތައް ފުޅާކުރަން އިތުރު ބާރުތައް ދީ، ގިނަ މަސައްކަތްތަކެއްކޮށްފި: ރައީސް

ރައީސާއި ލޯކަލް ގަވަމަންޓް މިނިސްޓަރު އާދަމް ޝަރީފް އުމަރު: މި ސަރުކާރުގައި ލާމަރުކަޒީ ޚިދުމަތްތައް ފުޅާކުރަން އިތުރު ބާރުތައް ދީ، ގިނަ މަސައްކަތްތަކެއްކޮށްފައިވާ ކަމަށް ރައީސް ވިދާޅުވި -- ފޮޓޯ/ ރައީސް އޮފީސް

މި ސަރުކާރުން ލާމަރުމަޒީ ޚިދުމަތްތައް ފުޅާކުރުމަށް އިތުރު ބާރުތައް ދީ، ރައްޔިތުންގެ އިތުބާރު ހޯދައިދިނުމަށް ބޮޑެތި މަސައްކަތްތަކެއް ކޮށްފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

ލާމަރުކަޒީ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި ޚިޠާބުގައި ރައީސް ވިދާޅުވީ، ޖިއޮގްރަފީ ގޮތުން ބަލާއިރު، ރާއްޖެ އުފެދިފައިވަނީ ވަކިވަކި ރަށްތަކެއްގެ މައްޗަށް ކަމަށްވުމާއެކު، އެންމެ އިހު ޒަމާނުއްސުރެވެސް ރައްޔިތުންނަށް ބޭނުންވާ ޚިދުމަތްތައް ދައުލަތުގެ ފަރާތުން ފޯރުކޮށްދީފައި ވަނީ ލާމަރުކަޒު ކޮށްގެން ކަމަށެވެ.

މިހާރު އަމަލު ކުރަމުން އަންނަ ގާނޫނުއަސާސީއާއެކު، ލާމަރުކަޒީ ނިޒާމު ހަރުދަނާކުރުމުގެ ފުރުސަތު އިތުރަށް ފަހިވެފައި ވާކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މި ވޭތުވި ދެ އަހަރު ދުވަހު ލާމަރުމަޒީ ޚިދުމަތްތައް ފުޅާކުރުމަށް އިތުރު ބާރާއި، ރައްޔިތުންގެ އިތުބާރު ހޯދައިދިނުމަށް ބޮޑެތި މަސައްކަތްތަކެއް ކުރެވިފައިވާކަމަށެވެ. ލާމަރުކަޒީ ގާނޫނު ވުޖޫދުވީއްސުރެ ކައުންސިލުންތަކުން އިންތިޒާރުކުރަމުން އައި އެތައް ކަމެއް މިއަދު ވަނީ ހަގީގަތަކަށް ވެފައިކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

ށ. ނޫމަރާ ކައުންސިލް ގެ އައު އިމާރާތް:--/ ފޮޓޯ އެލްޖީއޭ

ކައުންސިލްތަކަށް އާމްދަނީ ލިބޭނެ މަގުތައް އިތުރަށް ފަހިކޮށްދިނުމާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް، ހައްގު މަގާމާއި ހައިސިއްޔަތު ހޯދައިދިނުމާއި، ކައުންސިލް މުވައްޒަފުންގެ މުސާރަ ބޮޑުކޮށްދިނުން ފަދަ، ކަންކަން. އަދި ކައުންސިލްތަކަށް ބޭނުންވާ ވަސީލަތްތަކާއި ޒަމާނީ އައު އިމާރާތްތައް ބިނާކޮށްދިނުމުގައި މި ސަރުކާރުން ވަނީ އިސްނަގާފައި
ރައީސް ޑރ. މުޙައްމަދު މުއިއްޒު

ރައީސް ވިދާޅުވި ގޮތުގައި މި ސަރުކާރުން ވަނީ ރަށްރަށުގެ ސިއްހީ، ތައުލީމީ އަދި އެ ނޫން އިޖުތިމާއީ ޚިދުމަތްތައް ވެސް ފުޅާކޮށްފައެވެ. އަދި ކޮންމެ ރަށެއްގައި ފުލުހުންގެ ޚިދުމަތް ގާއިމުކޮށް، އޭޓީއެމް ބަހައްޓައި، ކޮންމެ އަތޮޅަކުން އައިޑީ ކާޑާއި، ޕާސްޕޯޓު ހެދޭނެ ކަމުގެ އުއްމީދު، އެތައް ޒަމާނަކަށްފަހު ހަގީގަތަކަށް ހަދައިދީފައިވާ ކަމަށެވެ.

އެ މަނިކުފާނު ވިދާޅުވީ ރަށްތަކުގައި ކުޅިވަރު ކުޅޭނެ ވަސީލަތްތަކާއި ޕާކުތައް ގާއިމުކުރުމުގައި ބޮޑު ކާމިޔާބީއެއް މި ސަރުކާރުން ހޯދާނެ ކަމަށެވެ.

އަޅުގަނޑުގެ އުންމީދަކީ، ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބާއެކު، ކައުންސިލްތަކުގެ ދައުރާއި ވާޖިބު އަދާކުރުން އިތުރަށް ވަރުގަދަވެ، ސަރުކާރާ ގުޅިގެން ރަށްވެހި ތަރައްޤީއާއި ތަމައްދުން ގެނައުމުގައި، ދިވެހި ލޮބުވެތި ރައްޔިތުންގެ އުންމީދުތައް ޙަޤީޤަތަކަށް ވަމުން ދިޔުން
ރައީސް ޑރ. މުޙައްމަދު މުއިއްޒު

ރައީސްގެ ޚިތާބުގައި ރާއްޖޭގެ ގައުމީ ތަރައްގީގެ މައި ތަސައްވުރު އެކުލަވައިލުމަށް ހުރިހާ ރަށަކަށް ޒިޔާރަތްކޮށް، ރައްޔިތުންގެ ޚިޔާލު ސަރުކާރުން ހޯދާފައި ވާކަން ފާހަގަ ކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ އޭޓީއެމް އެއްގެ ހިދުމަތް ފައްޓަވައިދެއްވަނީ: ރާއްޖޭގެ ކޮންމެ ރަށެއްގައި ވަނީ އޭޓީއެމްގެ ހިދުމަތް ގާއިމްކޮށްފަ--/ ފޮޓޯ، ރައީސް އޮފީސް

ރައީސް އިތުރަށް ވިދާޅުވީ ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ގިނަވުމާއި މަސްތުވާތަކެތީގެ ވިޔަފާރިއާއި ގޭންގު ކުށްތައް ފަދަ، ރައްޔިތުން ކަންބޮޑުވާ ކަންކަމުގައި، ހުރިހާ ރަށެއްގައި އެ ކަންކަމަށް ދާއިމީ ޙައްލު ހޯދުމުގެ މަސައްކަތް ކުރަމުން ދާކަމަށެވެ.

މޯލްޑިވްސް 2.0 ގެ އަމާޒުތައް ހާސިލުވެ، ޑިޖިޓަލް ދިވެހިރާއްޖެއެއްގެ ފަސޭހަތައް ހޯދެމުންދިޔަ ވަރަކަށް ރަށްތަކުގައި ތިބެ، ޚިދުމަތްތައް ހޯދައި، އާމްދަނީގެ މަގުތައް ފަހިކުރުމުގެ ފުރުސަތު، ދިވެހި ރައްޔިތުންނަށް އިތުރަށް ތަނަވަސްވަމުން ދާނެކަން ވެސް ރައީސް ވަނީ ފާހަގަކުރައްވާފައެެވެ.

މި ސަރުކާރުގެ ލާމަރުކަޒީ ސިޔާސަތުގެ ދަށުން ގެނެސްފައިވާ ބަދަލުތަކުގެ ތެރޭގައި، ކުދި އާބާދީތަކުގައި ތިބޭ ކައުންސިލަރުންގެ އަދަދު މަދުކުރުމާއި، ކައުންސިލްގެ ހުއްދައާ ނުލާ ވެސް ސަރުކާރުތަކުން ބޭނުންވެއްޖެ މަޝްރޫއެއް ހިންގޭނެ ގޮތް ހެދުން ހިމެނެއެވެ. އަދި އަތޮޅު ކައުންސިލްތައް އުވާލަން ގާނޫނުއަސާސީ ވެސް ވަނީ އިސްލާހުކޮށްފައެވެ.

ޚަރަދު ކުޑަ ކުރުމުގެ ބޭނުމުގައި ސަރުކާރުން ގެނައި އެ ބަދަލުތަކުގެ ސަބަބުން ކައުންސިލްތަކުގެ ބާރު ހަނިވާ ކަމަށް ބުނެ، އިދިކޮޅު އެމްޑީޕީއާއި ބައެއް ކައުންސިލްތަކުގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

comment ކޮމެންޓް